10 ނޮވެމްބަރ 2022 - 07:06

ފުލުހުން ދެންމެ ބުނީ، ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާ ދެމުން އަންނަ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް. އެހެންވެ، މ. ނިރުފެހި އަދި މ. ސެންޑްރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެ އަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންނާއި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިން ފެށިގެން ޚަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދޭ.

މަރުވި މީހުންގެ ތެރޭގައި ތިބީ އިންޑިއާ އާއި ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ މީހުން. އޭގެ ތެރެއިން ވެސް ގިނައީ އިންޑިއާގެ މީހުން ކަމަށް އެނގިފައިވޭ.

ސެޕްޓެމްބަރު 2019 ގައި މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވީ ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 47.

ރައީސް މިއަދު 11:30 ގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ. މިފަދަ ހާދިސާތަކާ މެދު އަޅާނެ ފިޔަވަޅުތަކާ މެދު އެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މާލޭގައި އެންމެ މުހިންމީ ތޮއްޖެހުމަށް ހައްލެއް ގެނައުން. ދެން އޮތީ ގަރާޖުރަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުން. މިއީ މިހާރުން މިހާރަށް ހައްލު ކުރަން ޖެހިފައިވާ ކަމެއް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކެމިކަލް ގުދަންތައް ވަނީ ތިލަފުއްޓަށް ބަދަލު ކޮށްފައި. މާލޭގައި ކެމިކަލް ގުދަން ހުރެގެން ނުވާނެ. ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލު ކުރަންޖެހޭ.

ހާދިސާ ހިނގި ތަނަށް ރައީސް އިބްރާހިމް ސޯލިހް ވަޑައިގެންފި. އެ މަނިކުފާނު ވިދާޅުވީ ހާދިސާގައި އިތުރު ގެތަކަށް އަލިފާން ފެތުރުނަ ނުދީ ހިފެހެއްޓުނީ ސިފައިން އަވަހަށް އެޓެންޑުވެ ކުރި މަސައްކަތުން ކަމަށް. ރައީސް ވިދާޅުވި ގޮތުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާ އެއް ސަބަބަކީ މާލޭގައި އޮތް ތޮއްޖެހުން. މިކަން ހައްލުކޮށް، ބިލްޑިންގް ކޯޑު ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މި ކަހަލަ އިންސިޑެންޓް ހިންގުން މަދުކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. ބިލްޑިން ކޯޑް ހަރުދަނާ ކުރަންޖެހޭ. ބައެއް ކަންކަން އަޅުގަނޑުމެންނަށް ކުރެވިފައި ވެސް އެބަހުރި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަލިފާން ނުފެތުރި ހުއްޓުވުނީ ސިފައިން އަވަހަށް ހަރަކާތްތެރިވުމުން. އެހެން ނޫން ނަމަ އަލިފާންގަނޑު ފެތުރުނީސް.

އަލިފާނުގެ މިފަދަ ބޮޑު ހާދިސާއެއް މާލޭގައި އެންމެ ފަހުން ހިނގީ ސެޕްޓެމްބަރު 2019 އިގައި. އެ ހާދިސާގައި ދިވެހި އަންހެނަކު މަރުވެ، ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި. އަދި 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލުނު. އެ ފަހަރު އަލިފާން ރޯވީ ހ. އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށިގޭގައި.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އަދި ސަރުކާރުގެ ބައެއް އެހެން އިސްވެރިން މިހާރު ވަޑައިގެން ގެންދަވަނީ މައުލޫމާތު ސާފު ކުރައްވަމުން.

ގަރާޖުގައި ދިރިއުޅޭ މީހުން ކައްކަން ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ ގޭސްފުޅިތައް އެ ތަނުގައި ހުރި. ވަރަށް ކުދިކުދިކޮށް ހަދާފައިވާ 28 ކޮޓަރި ހުންނައިރު އެ އިން ކޮންމެ ތަނެއްގައި ގޭސްފުޅިއެއް ހުރޭ. އެ ހުރިހާ ގޭސްފުޅިތައް ވަނީ ގޮވާފައި.

މަރުވެފައިވާ އިތުރު މީހަކު ފެނިއްޖެ. އެހެންވެ، މިހާތަނަށް މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އެރީ. އަދިވެސް މަރުވެފައި ވަނީ ކިހާ އަދަދެއް ކަމެއް ކަމާ ބެހޭ އިދާރާތަކަށް ސާފެއް ނުވޭ.

ގަރާޖުގެ ވެރިފަރާތުން ބުނިގޮތުގައި އެ ތަނުގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުން ކަމަށް. މިހާތަނަށް އެނގިފައިވާ ގޮތުގައި މަރުވި ގިނަ މީހުންނަކީ އިންޑިއާގެ މީހުން.

ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ 18 ދިވެއްސަކާއި 13 ބިދޭސީއަކު ވަގުތީ ހިޔާތަކަށް މިހާތަނަށް ބަދަލުކޮށްފައިވާ ކަމަށް.

މިހާތަނަށް އެނގިފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުން. އެކަމަކު ރަސްމީ އިދާރާތަކުން އަދި އެ ކަން ކަށަވަރު ކޮށެއް ނުދޭ.

ރޯވި ގަރާޖު ކައިރީގެ ގެތަކުގައި ދިރިއުޅޭ ބައެއް ބިދޭސީން މިހާރު ގެންގޮސްފައި ތިބީ އަމީނީ މަގުން ޓްރެފިކް ޕޮލިސް އިމާރާތުގެ ކުރިމަތީގައި އޮންނަ ފުޓްސަލް ދަނޑުގައި. އޭގެ ތެރޭގައި ކޮންމެވެސް ވަރަކަަށް ދިވެހިން ވެސް އުޅޭ. އެ މީހުން އެ ތަނަށް ގެންދިޔައީ ކައިރި ގެތަކުން މިހާރު މީހުން ހުސްކުރާތީ.

ރޭ ދަންވަރު މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވެއްޖެ އެވެ. އެއީ މުޅިން ވެސް އެ ގަރާޖުގައި މަސައްކަތްކުރާ ބިދޭސީންނެވެ.
ރަސްމީ އިދާރާތަކުން ދީފައިވާ މައުލޫމާތުން މިހާތަނަށް 10 މީހަކު ވަނީ މަރުވެފަ އެވެ.
ފުލުހުން މީޑިއާއަށް ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖުގައި ރޯވި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެކަކު މަރުވީ ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ. އޭގެ ފަހުން ވަނީ އިތުރު ބައެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެފަ އެވެ.
މަރުވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.
ރޯވި މ. ސެންރޯސް ހުޅަނގު ބަޔަކީ ތިން ބުރިއަށް، ލަކުޑި ޑެކް އަޅައިގެން ހަދާފައި ހުންނަ ތަނެކެވެ. އެ ހިސާބުގައި އުޅޭ މީހުން ބުނި ގޮތުގައި އެއީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. އެ ގެޔާ ޖެހިގެން ހުންނަ ސެންރޯސް ގެޔަށް ވެސް ވަނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެ ބިއްލޫރިތައް ވަނީ ތެޅިފަ އެވެ.
ރޯވި ގަރާޖަކީ މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ތަނެކެވެ.
ފުލުހުން ބުނި ގޮތުގައި ރޭގެ ހާދިސާ ހިނގި ތަނުން 14 މީހަކު ސަލާމަތްކުރެވުނެވެ.
ހާދިސާ ހިނގި ސަރަހައްދުގައި އިމަޖެންސީ ރެސްޕޮންސް ޓީމުތަކާއި ވެހިކަލްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޕާކުކޮށްފައި ހުރި ސައިކަލްތަކުގެ ތެރެއިން އެތައް ސައިކަލެއް ހަލާކުވެ ބައިތައް ހުރީ ބިންމައްޗަށް އެޅިފަ އެވެ. އެތާ ކައިރީގައި އޮތް ކާރެއް ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެ ހިސާބުގައި އުޅޭ މީހަކު ކިޔައިދިން ގޮތުގައި ރޭ 10 ޖެހިއިރު ވެސް ދުން ވަސް ދުވި އެވެ. އަދި އޭގެ ފަހުން މީހުން މީހުން ނިދާފައި ތިއްބާ އަޑުފައްގަނޑު ގަދަވެގެން ނުކުތް އިރު ރޯވެ އަނދަނީ އެވެ. ރޯވި ފަހުން އެތަނުން ނުކުމެވުނީ ހަތަރު މީހަކަށް ކަމަށް، މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
"މިތާ އުޅޭނެ ކަމަށް ބެލެވެނީ ފަނަރަ ވަރަކަށް މީހުން. ހަތަރު މީހަކު ނުކުމެގެން ދަނިކޮށް ފެނުނު،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ރޯވި ތަނަކީ ވަރަށް ތޮއްޖެހުން ބޮޑުކޮށް، ރައްކާތެރިކަން ކުޑަކޮށް ހުރި ތަނެކެވެ.