10 ނޮވެމްބަރ 2022 - 07:04

ނިކް ޖޮނާސް އާ ކައިވެނި ކުރެވޭނެ ކަމަށް ވަރަށް އުންމީދު ކުރި ކަމަށް 2012 ގެ މިސް ޔުނިވާސްގެ މަގާމު ލިބުނު މިސް އެމެރިކާ އޮލީވިއާ ކަލަޕޯ ބުނެފި އެވެ.
އެމެރިކާގެ ޓީއެލްސީ ރިއަލިޓީ ޝޯއަށް "ކަލްޕޯ ސިސްޓާސް" ގެ ހުށަހެޅުމެއްގައި އެ ޝޯގެ ޕްރޮޑިއުސަރުން ކުރި ސުވާލަކަށް ޖަވާބު ދެމުން އޮލީވިޔާ ބުނީ ނިކް އާއި އޭނާ ލޮސްއެންޖަލިސްގައި އުޅުނު ދުވަސްވަރު މީހުންނަށް އޭނާ އިނގެނީ ނިކްގެ ސަބަބުންކަމެވެ.
އޭނާ ބުނީ ތަނަވަސްކޮށް އުޅެވުނީ ވެސް ނިކްގެ ސަބަބުން ކަމަށެވެ. އޮލީވިއާ ބުނި ގޮތުގައި ނިކް އާ އެއްކޮށް އުޅުނު އިރު އުޅުނީ ވަރަށް ލޯބިންނެވެ.
އެ ދެމީހުން ގެ ދެ އަހަރުވީ ގުޅުން ނިމުމަކަށް ގެނައީ ނިކް ކަމަށާއި، އޭރު އޭނާގެ އަތުގައި ފައިސާގެ ތަނަވަސްކަމެއް ވެސް ނެތް ކަމަށް އޮލީވިއާ ކިޔައިދިނެވެ.
އޮލީވިއާ ބުނީ ބާޒާރުން ތަރުކާރީކޮޅެއްހާ ހިސާބު ވެސް ގަނެލެވޭނެ ފެންވަރު އޭނާގެ ކިބައިގައި އޭރު ނެތް ކަމަށާއި އެޕާޓްމަންޓްގެ ކުލި ދެއްކޭނެ ގޮތެއް ނެތިގެން ނުނިދި ފިކުރު ބޮޑުވެފައި އޮންނަން ވެސް ޖެހޭ ކަމަށެވެ.
މި ދެތަރިން އެކަކު އަނެކަކާ ވަކިވުމަށް ފަހު ނިކް ކައިވެނިކުރީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާއާ އެވެ. އޮލީވިއާ އަދި ކައިވެންޏެއް ނުކުރެ އެވެ.