"ސާވަރިޔާ" ގައި 70 ފަހަރު ގޮނޑިން ވެއްޓުނު: ރަންބީރު
"ސާވަރިޔާ" ގައި 70 ފަހަރު ގޮނޑިން ވެއްޓުނު: ރަންބީރު

ރަންބީރު ކަޕޫރް ފުރަތަމަ ކުޅުނު ފިލްމް، ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ"ގެ "ޓަވަލް ސޯންގް" ގައި ޑައިރެކްޓަރަށް ކަމުނުގޮސްގެން، ގޮނޑިން ވެއްޓޭ މަންޒަރު 70 ވަރަކަށް ފަހަރު ކުޅެން ޖެހުނު ކަމަށާއި އެކަމާ ހެދި ބުރަކަށްޓަށް ވަރަށް ތަދުވި ކަމަށް ރަންބީރު ބުނެފި އެވެ.

ފިލްމް ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ ސަންޖޭލީލާ ބަންސާލީ އަކީ ކަންފަސޭހަ މީހެއް ނޫންކަމަށާއި އެއީ މޫނު އަނބުރާލުން ކަމުގައި ވިއަސް މަދުވެގެން 45 ޝޮޓް ނުނަގައި ހިތްހަމަ ޖައްސާނުލާ މީހެއް ކަމަށެވެ.

ރަންބީރު ބުނީ މި ކަންކަމުގެ ސަބަބުން ބަންސާލީގެ ފަރާތުން އެތައް ކަމެއް ދަސްވި ކަމަށެވެ. އޭގެ ތެރޭގައި ކެތްތެރިކަމާ އެކު މަސައްކަތް ކުރުމާއި، ކަމެއް ކާމިޔާބު ކުރުމަށް ގުރުބާން ވުން ވެސް ދަސްވި ކަމަށް އޭނާ ބުންޏެވެ.

ފިލްމް "ސާވަރިޔާ" އަކީ ރަންބީރުގެ އިތުރުން ސޯނަމް ކަޕޫރު ވެސް ބޮލިވުޑަށް ތައާރަފްވި ފިލްމެވެ. މި ފިލްމުގައި ސަލްމާން ހާނާއި ރާނީ މުކަރުޖީ ވެސް މުހިންމު ރޯލެއް އަދާ ކުރެ އެވެ.