09 ނޮވެމްބަރ 2022 - 19:37

ރާޅާ އެޅުމުގެ އެންމެ ފޯރިގަދަ މުބާރާތް، ނޭޝަނަލް ސާފިން ޗެމްޕިއަންޝިޕް ނުވަތަ ރަންނަމާރި ޗެލެންޖް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
މާލޭ ރާޅުގަނޑުގައި ކުރިއަށްގެންދާ މުބާރާތުގައި މި އަހަރު ވެސް ތިން ޑިވިޝަނަކުން ތިން ކެޓަގަރީއެއް ހިމެނޭނެ އެވެ. ތިން ޑިވިޝަނަކީ ފިރިހެން އަދި އަންހެން ޑިވިޝަންގެ އިތުރުން ޖޫނިއާ ޑިވިޝަނެވެ. ފިރިހެން އޯޕަން ޑިވިޝަންގައި ޝޯޓް ބޯޑާއި ލޯންގް ބޯޑް އަދި ސްޓޭޑިން ޕެޑަލް ސާފިން (ސަޕް ސާފިން) ކެޓަގަރީ ހިމެނެ އެވެ. އަދި ޓިމު ޢިވެންޓްގެ އިތުރުން މާސްޓާސް ކެޓަގަރީި ވެސް ޥަނީި ހިމަނައިފަ އެވެ.
އެންމެ ފަހުގެ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އާޔާ ނަސީމް އެވެ. ފިރިހެން ޝޯޓް ބޯޑްގެ ޗެމްޕިއަންކަން ހޯދީ ހޫދު އަހުމަދެވެ. ސަޕް ސާފިންގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު މުއާޒު (މުއާ) އެވެ. ޖޫނިއާ ސޯޓްބޯޑްގެ ޗެމްޕިއަންކަން ހޯދީ ދ. ކުޑަހުވަދޫ އަހުމަދު އަމީރު އެވެ.
މި އަހަރުގެ ގައުމީ މުބާރާތަށް، ސާފިން އެސޯސިއޭޝަނުން ދަނީ މި އަހަރުތެރޭ ގިނަ މުބާރާތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުގައި ބޭއްވުމަށްފަހު އެވެ. ގައުމީ ސާފިން ލީގުގެ ނަމުގައި މި އަހަރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސާފިން ލީގުގެ މުބާރާތްތައް ބޭއްވި އެވެ. އެގޮތުން ރ. ކިނޮޅަސް، ކ. ހިންމަފުށި، މ. މުލީ އަދި ގދ. ގައްދޫގައި ވަނީ ބާއްވާފަ އެވެ. ގައުމީ މުބާރަތަކީ ސާފިން ލީގުގެ ފަސްވަނަ މުބާރާތެވެ.
ވައިލްޑް ކާޑްގެ ދަށުން ޒުވާން ހަ އެތުލީޓަކަށް ވަނީ ގައުމީ މުބާރާތުން ފުރުސަތު ދީފަ އެވެ. މި އަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޕެރިީ ހެޗެޓް، މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި އިސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ.
މުބާރާތް ކުރިއަށްދާނީ މާދާމާއިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި އެންމެ މޮޅު ޓީމުތައް ހޮވާނެ އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ޓީމަކީ މާލޭ ޓީމެވެ. މި އަހަރުގެ މުބާރާތުގައި ވެސް 100 އަށް ވުރެ ގިނަ ސާފަރުން ވާދަކުރާނެ އެވެ.