ތިލަމާލެ ބްރިޖް: ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި
ތިލަމާލެ ބްރިޖް: ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު" ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ޓެސްޓްޕައިލް TPO1ގެ ކޮންކްރީޓް މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ބޭނުން ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީގެ ޓްވީޓުގައިވެ އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައެއް ބަންދުކޮށް، ބްރިޖްގެ އެންމެ މުހިންމު ސާވޭގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖަނަވަރީ މަހު އެވެ. އޭރު ފެށި ޓެކްނިކަލް ސާވޭ އަކީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމަށް ކުރާ ސާވޭއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގަ އެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީ ކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއްބަ އެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާ މި ބްރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވައިލާނެ އެވެ.