ހުޅުމާލެ ފޭސް އެކެއްގައި އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށަނީ
ހުޅުމާލެ ފޭސް އެކެއްގައި އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށަނީ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެމްޓީސީސީން ދެމުންދާ އާރްޓީއެލް ބަހުގެ ހިދުމަތް ފުޅާކުރުމަށް އިތުރު ބަސް ރޫޓަކުން ދަތުރުތައް ފަށަން ނިންމައިފި އެވެ.

އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބަސް ރޫޓަކީ އާރް5 އެވެ. މިއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓުތަކާއި ގުޅުވާދިނުމުގެ ބޭނުމުގައި ތައާރަފްކުރާ ރޫޓެއް ކަމަށް އެމްޓީސީސީއިން ބުންޏެވެ. މި ބަސް ރޫޓުގެ ދަތުރުތައް ހެނދުނު 5:45 އިން ފެށިގެން ހަވީރު 6:00 އަށް ދަތުރު ކުރަން ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލޭގެ ކޮންމެ ބަސް ސްޓޮޕަކުން ވެސް ބަހުގެ ހިދުމަތް ކޮންމެ 15 މިނެޓުން ލިބޭނެ އެވެ. އެކަމަކު ހުކުރު ދުވަހު ނަމާދު ވަގުތަށް ހެނދުނު 10:00 އިން މެންދުރު 1:00 އަށް މެދުކެނޑޭނެ އެވެ.

އަލަށްފަށާ ބަސް ރޫޓާ އެކު އެމްޓީސީސީން ގްރޭޓާ މާލެ ސަރަހައްދުގެ 12 ރޫޓެއްގައި ބަސް ދަތުރުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ.

ހުޅުމާލެ ފޭސް ވަންގެ ދަތުރުތައް ކުރަން ނަގަނީ ފަސް ރުފިޔާ އެވެ. ބަސް ދަތުރު ކުރުމަށް އާރްޓީއެލް ވެބްސައިޓުންނާއި އެޕްލިކޭޝަން ބޭނުންކޮށްގެން ވެސް ޓިކެޓް ނެގޭނެ އެވެ.

ބަހުގެހި ދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ އެވެ. އަދި ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެ އެވެ.