ދަރިފުޅުގެ ޑީއެންއޭ ދޭން ދެކޮޅު ހެދުމުން ހަތަރު މަހަށް ގޭބަންދުކޮށްފި
ދަރިފުޅުގެ ޑީއެންއޭ ދޭން ދެކޮޅު ހެދުމުން ހަތަރު މަހަށް ގޭބަންދުކޮށްފި

ކައިވެނިން ބޭރުން ބަލިވެ އިނދެ، ވިހެއި މީހަކު، ދަރިފުޅުގެ ޑީއެންއޭ ދޭން ދެކޮޅު ހެދުމުން ހަތަރު މަހަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކައިވެންޏަކާ ނުލައި ދަރިއަކަށް ބަލިވެ އިނދެ ވިހެއި މީހާގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކުރީ، އެ މީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ޑީއެންއޭ ދޭން ދެކޮޅު ހެދުމުންނެވެ.

އޭނާގެ މައްޗަށް ކުރި ދައުވާގައި ވަނީ ނައިފަރު ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ދަރިފުޅުގެ ޑީއެންއޭ ސާމްޕަލެއް ނަގަން، އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔުމުން އެ މީހާ އެކަމަށް އިންކާރުކޮށް، ސާމްޕަލް ނަގަން ޖެހޭނީ ގަދަކަމުން ކަމަށް ބުނެ އެ ކޯޓު އަމުރު ތަންފީޒު ކުރަން ހުރަސްއަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފު ވެފަ އެވެ.

ދެ ދަރިން ބަލަމުންދާ އަދި ނުކުޅެދުންތެރިކަން ވެސް ހުންނަ މީހަކަށް ވާތީ ގާޒީ ނިންމެވީ ޖަލަށްލުމުގެ ބަދަލުގައި އޭނާ ގޭބަންދު ކުރުމަށެވެ. އެ މީހާ އިއުތިރާފުވުމުން އަދަބަށް ލުއި ލިބުނުއިރު، ގާޒީއަށް ލިބޭ އިހުތިޔާރުގެ ދަށުން ވެސް އަދަބަށް ލުއި ދިނެވެ.

މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އަދަބުގެ ދަރަޖަ ދަށްކުރުމުން، އެ މީހާ ތަންފީޒު ކުރަން އޮތް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ހަތަރު މަހާއި 24 ދުވަހުގެ ގޭބަންދަށް ބަދަލު ކުރުމަށެވެ.

އެ މައްސަލާގައި އެ އަންހެން މީހާގެ މައްޗަށް ޒިނޭ ކުރުމުގެ ދައުވާ ވެސް ކުރި އެވެ. ޒިނޭގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 100 އެތިފަހަރުން ހައްދު ޖެހުމާއެކު އެއް އަހަރު ދުވަހުގެ މުއްދަތަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.