09 ނޮވެމްބަރ 2022 - 14:00

މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 626 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، މިދިޔަ މަހު ވެސް ކޭސްތައް އިތުރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ސެޕްޓެމްބަރު މަހު 270 މީހަކަށް އަދި އޮކްޓޫބަރު މަހު 626 މީހަކަށް ޑެންގީ ހުން ޖެހިފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ އެންމެ ގިނައިން ޑެންގީ އެންމެ ބޮޑަށް އިތުރުވެގެެން ރިޕޯޓް ކޮށްފައި ވަނީ ރ. ލ. އަދި ގއ. އަތޮޅުން ކަމަށެވެ. ވައިރަލް ހުން އެންމެ ބޮޑަށް އިތުރުވެފައި ވަނީ ލ. ގއ. އއ. އަދި އދ. ގައި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.
ފުވައްމުލަކުގައި ބޭރަށް ހިންގުން އެންމެ ގިނަ ކަމަށް ތަފާސްހިސާބުން ދައްކާއިރު، އަރިދަފުސް ރޯގާ އެންމެެ އިތުރު ވެފައި ވަނީ ޅ. ފ. ބ. އަދި ތ. އަތޮޅުގަ އެވެ.
ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަރިދަފުސް ރޯގާގެ 30،483 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މި އަހަރު އޮކްޓޫބަރުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 31،750 ކޭސް އެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.