10 ޖެނުއަރީ 2017 - 20:31

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މިއަހަރު ބާއްވާ ލޯންގް ރަަން ގައި އެމްޓީސީސީގެ ހުރިހާ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.
އެމްޓީސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން އެގްޒެކެޓިވް އަބްދުﷲ ފާއިދު މިއަދު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އިސްވެރިން މި ދުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ، މުވައްޒަފުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ނަމޫނާ ދެއްކެވުމާއި މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ މަސައްކަތުގެ ވެއްޓެއް ބިނާކޮށް، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.
"އެމްޓީސީސީގެ ހުރިހާ އިސްވެރިން މި އަހަރުގެ ދުވުމުގައި ބައިވެރިވުމަކީ ވަރަށް އުފާ ކުރާ ކަމެއް. ޓީއެފްޖީގެ ފަރާތުން ހުރިހާ ބައިވެރިންނަށް ވެސް އެކަށީގެންވާ ތަމްތީނުތައް ފޯރުކޮށްދޭނަން،" ޓީއެފްޖީގެ ސީއީއޯ ހުސެން ޒިނާން ވިދާޅުވި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި، އެ ކުންފުނިން ވަނީ މުވައްޒަފުންނަށް ދުޅަހެޔޮކަން އިތުރުކޮށްދޭ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޓީއެފްޖީއާ އެކު ސޮއިކޮށްފަ އެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ފިޓްނަސް ޗެލެންޖް ޕްރޮގްރާމްގެ އެންމެ ރަނގަޅު ބައިވެރިއަކަށް ޓީއެފްޖީގެ މެމްބަޝިޕްކަން ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ޓީއެފްޖީ އިން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާ މި ދުވުމުގައި އެމްޓީސީސީގެ މުވައްޒަފުން މިދިޔަ އަހަރު ވެސް ވަނީ ބައިވެރިވެފަ އެވެ.