މާނޭ އަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން: ބެޔާން
މާނޭ އަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން: ބެޔާން

ޖަރުމަން ލީގުގައި ރޭ ވާޑާ ބްރޭމަން އަތުން 6-1 އަތުން ބެޔާން މިއުނިކް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ސަޑިއޯ މާނޭގެ ފަޔަށް ލިބުނު އަނިޔާ އެހާ ގޯސް ނޫން ކަމަށް އެސިސްޓަންޓް ކޯޗު ޑިނޯ ޓޮޕްމޮއެލާ ބުނެފި އެވެ.

ވޯލްޑް ކަޕް ފެށެން ދޮޅު ހަފުތާއަށް ވެފައިވަނިކޮށް މާނޭ އަށް އަނިޔާވުމުން ސެނެގާލްގެ ސަޕޯޓަރުންނަށް ވަނީ ހާސްކަން ކުރިމަތިވެފަ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަގުތުން ބަދަލުކޮށް ޗޭންޖިން ރޫމަށް ގެންގޮސް ފަރުވާ ދިނެވެ.

އެކަމަކު ބެޔާނުގެ އެސިސްޓަންޓް ކޯޗު މެޗަށް ފަހު ދިން ބަޔާނުން އެ ހާސްކަން ވަނީ ކުޑަވެފަ އެވެ. އޭނާ ބުނީ ފުރަތަމަ ބެލި ބެލުމުން ފެންނަނީ މާނޭ އަށް ކުރިމަތިވީ ނާރުގެ އަނިޔާއެއް ކަމަށެވެ.

"ފެންނަ ފެނުމަށް އަނިޔާ އެހާ ގޯހެއް ނޫން،" ޓޮޕްމޮއެލާ ބުންޏެވެ.

މަސްގަނޑަށް ލިބުނު އަނިޔާއެއް ނަމަ މަދުވެގެން ދެ ހަފުތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ވޯލްޑް ކަޕުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 21 ގައި ބައްދަލުކުރާނީ ނެދަލެންޑްސްއާ އެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގައި އޮންނާނީ ގަތަރާއި އިކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ މާނޭ އަކީ ސެނެގާލް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. މިސްރު ބަލިކޮށް ސެނެގާލުން އެފްރިކާގެ ޗެމްޕިއަންކަން މި އަހަރު ފުރަތަމަ ފަހަރަށް ހޯދިއިރު އެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވީ ކުރިން ލިވަޕޫލަށް ކުޅުނު މާނޭ އެވެ.

ރޭގެ މޮޅާ އެކު ބެޔާން އޮތީ 31 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނައިގަ އެވެ. އެންމެ ކައިރީގައި އޮތް ފްރިބާގަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. އެ ޓީމުން މިރޭ އާރްބީ ލީޕްޒިގާ ދެކޮޅަށް ނުކުންނާނެ އެވެ. މޮޅުވެވިއްޖެ ނަމަ ބެޔާނާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.

އަމިއްލަ ދަނޑުގައި ބެޔާން ކުޅުނު މެޗުގައި ސާޖް ގްނެބްރީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ތިން ލަނޑު ޖެހީ ލެއޮން ގޮރެޓްޒްކާ އާއި ޖަމާލް މުސިއަލާ އާއި މެތީސް ޓެލް އެވެ.