09 ނޮވެމްބަރ 2022 - 10:24

ގައުމީ ބިލިއާޑް ސެންޓަރުގައި މިހާރު ކުރިއަށްދާ "ލިޓަސް ގައުމީ ބިލިއާޑް މުބާރާތް 2022" ގެ ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލްގައި ހަސަން ޝާޒް މުހައްމަދާއި އަހުމަދު އިޔާދު ސައީދުގެ ޕެއާ އާއި އިސްމާއިލް ރަޒީން އާއި ހަސަން ޝަފްރާޒްގެ ޕެއާ ވާދަކުރަން ޖެހިއްޖެ އެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ އިވެންޓްގެ ވިނާސް ބްރެކެޓްގެ ސެމީގެ ޖާގަ ރަޒީން އާއި ޝަފްރާޒްގެ ޕެއާ ޔަގީން ކުރީ، އިބްރާހިމް ޝަރީފް އާއި އަސްލަމް އަބްދުﷲ ގެ ޕެއާއާ ވާދަކޮށް 7-3 ފްރޭމުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ޝާޒް އާއި އިޔާދުގެ ޕެއާ ސެމީ އަށް ދަތުރުކުރީ ވާދަވެރި ކުޅުމަކަށް ފަހު 7-6 ފްރޭމުން ހުސެއިން ފަޔާޒް އާއި ޝަޒީން އަބްދުއްސަމަދުގެ ޕެއާ ބަލި ކޮށްފަ އެވެ.
މިއާ އެކު ފަޔާޒް އާއި ޝަޒީންގެ ޕެއާ ޖެހޭނީ ލޫޒާސް ބްރެކެޓްގެ ސެމީ ފައިނަލް ޕްލޭއޮފުން ޖާގަ ހޯދަން، މުހައްމަދު ފަރީމް އާއި އަލީ ފަޔާޒްގެ ޕެއާއާ ދެކޮޅަށް ކުޅޭށެވެ.
ޕްލޭއޮފްގެ އަނެއް ޖާގަ ހޯދަން ކުޅޭ މެޗުގައި މުހައްމަދު ސާހިލް ހަމީދާއި ޝިފާއު އަބްދުﷲ ގެ ޕެއާ ބައްދަލު ކުރާނީ، ރަޒީން އާއި ޝަފްރާޒްގެ ޕެއާ އަތުން ވިނާސް ބްރެކެޓްގައި ބަލިވި ޝަރީފް އާއި އަސްލަމްގެ ޕެއާއާ ދެކޮޅަށެވެ.
ވިނާސް ބްރެކެޓްގެ ސެމީ ފައިނަލާއި، ލޫޒާސް ސައިޑްގެ ސެމީ ފައިނަލް ޕްލޭއޮފްގެ ޖާގައަކަށް ކުޅޭ ދެ މެޗު ވެސް މިއަދު ހެނދުނު 11 ޖަހާއިރު ކުޅޭނެ އެވެ.
ލޫޒާސް ބްރެކެޓް ސެމީ ފައިނަލް ޕްލޭއޮފް މިއަދު މެންދުރު 1:30 ގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލްގެ ފަހު ޖާގަ ހޯދަން ކުޅޭ މި ބްރެކެޓްގެ ސެމީ ފައިނަލް އޮންނާނީ ހަވީރު 4 ޖަހާއިރެވެ.
މެންދުރު ކުޅޭ މެޗުން މޮޅުވާ ޕެއާއަކާ ދެކޮޅަށް ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ، ވިނާސް ބްރެކެޓްގެ ސެމީ ފައިނަލުން ބަލިވާ ޕެއާ އެވެ.
ޖުމްލަ 35 ޕެއާ ވާދަކުރާ ޑަބަލްސް އިވެންޓްގެ ފައިނަލް މެޗް އޮންނާނީ މިރޭ 8:30 ގަ އެވެ.