09 ނޮވެމްބަރ 2022 - 06:38

ގަތަރުގައި މި މަހު ފަށާ ވޯލްޑް ކަޕްގެ މެޗުގެ ސެމީ ފައިނަލް މެޗު ބަލަން އުރީދޫން ފޮނުވާނެ ހަތަރު ނަސީބުވެރިން ހޮވައިފި އެވެ.
"ވޯލްޑް ކަޕް ފޯރި" ގެ ނަމުގައި ބޭއްވި ޕްރޮމޯޝަން ނިންމައި، ނަސީބުވެރިން ހޮވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒާއި މާޒިޔާ ސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަން އިބްރާހިމް ވަހީދު އަދި އެ ކްލަބްގެ ކުޅުންތެރިންނެވެ. އެ ގުރުއަތު ނެގީ ރާއްޖެ ޓީވީން ފަށާފައިވާ 'ރޯޑް ޓު ވޯލްޑްކަޕް" ޝޯގަ އެވެ.
ގަތަރަށް ފޮނުވާނެ ހަތަރު ނަސީބުވެރިންގެ ގޮތުގައި ހޮވުނީ މަރިޔަމް ޝަބްނަމް އާއި އަހުމަދު ޝިހާމާއި ހާފިޒް ސައީދު އަދި ސޮމަރަތްނަ ޔޮޑަގެ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށް ބޭއްވި ޕްރޮމޯޝަންގެ ނިމުން ފާހަގަކޮށް، އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވި ގޮތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް އަދިވެސް އެބައޮތެވެ. އެއީ ވޯލްޑް ކަޕްގެ ފޯރި ގަދަ ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ ހަރަކާތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ދާނެ ހަތަރު މީހަކު ހޮވީ މިދިޔަ އޮގަސްޓު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭއްވި ޕްރޮމޯޝަންގަ އެވެ. އެ މުއްދަތުގައި އުރީދޫން ހިދުމަތް ހޯދި ހުރިހާ ކަސްޓަމަރުން ވަނީ ލަކީޑްރޯގަ ބައިވެރި ކޮށްފަ އެވެ. ގަތަރުގައި ކުޅޭ ވޯލްކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ދާން ހޮވުން ހަތަރު ނަސީބުވެރިންނަށް ވެސް ދެ ކޮޅު ޓިކެޓާއި މެޗުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް އުރީދޫން ދޭނެ އެވެ.