10 ޖެނުއަރީ 2017 - 19:42

ރާއްޖޭގެ ހުރިހާ ރަށަކަށް 4ޖީ+ ނެޓްވޯކް ފުޅާކުރުމަށް އުރީދޫން ކުރާ މަސައްކަތުގެ ދަށުން އިތުރު 100 ރަށަކަށް އެ ހިދުމަތް ފޯރުކޮށްދީ، ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ހިދުމަތް ފުޅާކޮށްފި އެވެ.
މި ހިދުމަތް އަލަށް ތައާރަފް ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ލ. ފޮނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން މިފަދަ ކުރިއެރުމުގެ ފުރުސަތުތަކާ ގުޅުވައި ދިނުމުގައި އެ ކުންފުނީގެ ބައިވެރިވުން އޮތުމަކީ ފަހުރެއް ކަމަށެވެ.
އުރީދޫގެ މި އަޕްގްރޭޑާ އެކު ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅަށް 4ޖީ+ ގެ ހިދުމަތް ލިބޭނެ އެވެ. އަދި މި ހިދުމަތް ލިބޭނެ ރަށްތަކާއި ރިސޯޓުތަކުގެ ލިސްޓެއް އުރީދޫ ވެސްބައިޓުގައި މިހާރު އާންމު ކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ފާހަގަކުރެއްވި ގޮތުގައި، އިންޓަނެޓަކީ ގައުމުގެ ތަރައްގީ އަށް ވަރަށް މުހިންމު ވަސީލަތަކަށް ވަނީ ވެފަ އެވެ. އަދި އޭނާ ވަނީ ހަލުވި ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫން ދޭ އިސްކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ވެސް 4ޖީ ސިމްކާޑެއް ލައްވާފައިވާ 4ޖީ+ ފޯނެއް މެދުވެރިކޮށް، މި ހިދުމަތް ލިބޭ ސަރަހައްދުތަކުން 4ޖީ+ ނެޓްވޯކް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ހިދުމަތަށް އުރީދޫން އެއްވެސް އަގެއް ނުނަގަ އެވެ.
މިހާރު ގެންގުޅޭ ސިމްކާޑުން 4ޖީ+ ބޭނުންކުރެވޭތޯ ބެލުމަށް “4G”ޖެހުމަށް ފަހު 5353 އަށް އެސްއެމްއެސްއެއް ފޮނުވުމުން އެކަން އެނގޭނެ ކަމަށް އުރީދޫން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އުރީދޫގެ 4ޖީ+ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް އުރީދޫން ބުންޏެވެ.