ޝާހިދާއި ރިފްއަތު ދަމާލި ރޮނގު: އޮޅުވާނުލާ، ގޯހެއް ނުދެއްކޭނެ
ޝާހިދާއި ރިފްއަތު ދަމާލި ރޮނގު: އޮޅުވާނުލާ، ގޯހެއް ނުދެއްކޭނެ

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް މައްސަލާގައި ގައުމަށް ގެއްލުންވާ ފަދަ އެއްވެސް ނިންމުމެއް ނުނިންމާ ކަމުގެ ޔަގީންކަން ދެއްވައި، އޭގެއިތުރުން އެ މައްސަލާގައި ދައްކާ ހުރިހާ ވާހަކަތަކަކީ ގޯހެއް ނުހަދާކަން އެނގި ތިބެ ސިޔާސީ މަންފާއަށް އޮޅުވާލުން ކަމަށް ވިދާޅުވެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސަރުކާރު ދިފާއުކުރައްވައިފި އެވެ.

ޝާހިދާއި ރިފްއަތު ދަމާލި ރޮނގު: އޮޅުވާނުލާ، ގޯހެއް ނުދެއްކޭނެ
ޝާހިދާއި ރިފްއަތު ދަމާލި ރޮނގު: އޮޅުވާނުލާ، ގޯހެއް ނުދެއްކޭނެ

މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް އަނބުރާ ހަވާލުކުރުމާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ ސިޔާސަތު ބަދަލު ކޮށްފި ކަމަށް ބެލެވިދާނެ ކަންކަން ހިނގައިފި ކަމުގެ ތުހުމަތާއި އޭގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. އެކަމުގެ ތަޖުރިބާކާރުންނާއި ކުރީގެ ސަރުކާރުތަކުގެ އިސް ބޭފުޅުން ވެސް މި މައްސަލާގައި ދަނީ ފާޑުކިޔަމުންނެވެ.

ރާއްޖޭގެ މަސްލަހަތު އިސްނުކޮށް، ސްޓޭންޑް ނަގާފައިވާ ކަމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭޖީ ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދު ވަނީ މީގެކުރީގެ ސަރުކާރުތަކުން މި މައްސަލާގައި އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލުތައް، ހިއްސާކުރައްވައިފަ އެވެ. އެއާއެކު މި ސަރުކާރުން ކަންކުރި ގޮތް އާއްމުކުރައްވައި ހަގީގަތާއި އޮޅުވާލުންތަކުގެ މެދުން ރޮނގު ދަމައި، ރައްޔިތުންގެ މަސްލަހަތާ ގުޅޭ މިކަމުގައި ދޮގުތައް ނުހަދަން އެދިވަޑައިގަތެވެ.

މިހާ ދުވަހު އެއްޗެއް ވިދާޅުނުވެ ދެ ބޭފުޅުން ވެސް ތިއްބެވީ މި ސަރުކާރުން ތެދުވެރިކަމާ އެކު މިކަމުގައި އަމަލުކޮށްފައިވާތީ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ދޮގުތަކެއް ހަދައިގެން ސިޔާސީ ފައިދާއަށް ވާހަކަ ދައްކަނީ، ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުތަކުގައި ތިބެ ނިންމެވި ނިންމުންތައް ހަނދާން ނެތިގެން ކަމަށް ވުން އެކަށީގެންވެ އެވެ. އެހެންވެ ކަން ހިނގާފައިވާ ގޮތް މިރޭ އާއްމުކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ބޭފުޅުން ވަނީ ކަނޑުގެ މައްސަލައިގައި ސަރުކާރުން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކުގެ ތާރީހާއި އެކަމާ ގުޅޭ ގޮތުން ކޮށްފައި ހުރި މަޝްވަރާތަކުގެ ޓައިމްލައިނެއް ވެސް ވިދާޅުވެފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި އެންމެ ބޮޑަށް މި މައްސަލާގައި ފާޑުވިދާޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކުރެއްވި ގޮތް ވެސް ދެ ބޭފުޅުން ވަނީ ރައްޔިތުންނަށް އާއްމުކުރައްވައިފަ އެވެ.

މި ސަރުކާރުން މި މައްސަލާގައި އަމަލުކޮށްފައި ވާނީ، އެ ތިން ވެރިކަމަށް ވުރެން ވެސް މާބޮޑަށް ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ފަހު، ރާއްޖެ ސަރަހައްދުން އެންމެ ވެލިފުކެއް ވެސް ދޫނުކޮށްލާނެ ކަމުގެ ސާބިތުކަން މަތީގައި ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނަށް ޔަގީންކަން ދެއްވަން ދެ ބޭފުޅުން ވެސް ވިދާޅުވީ ކުރައްވައިގެން ތިއްބެވި ހުވަޔާއި ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް އަދި ދިވެހި ގައުމަށް ގެއްލުންވާ ފަދަ އެއްވެސް ނިންމުމެއް މި މައްސަލާގައި ނިންމާފައި ނުވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ 1951، 1953 އަދި 1954 ވަނަ އަހަރުތަކުގައި ވުޖޫދު ކުރި ގާނޫނުއަސާސީތަކުގައި ރާއްޖޭގެ ސަރަހައްދަކީ ކޮބައި ކަމެއް ބުނެފައި ނުވާ ކަމަށާއި އެ ސަރަހައްދު ކަނޑައަޅާފައި ވަނީ 1964 ވަނަ އަހަރުގެ ގާނޫނުއަސާސީގައި ކަމަށެވެ. އަދި އޭގެ ފަހުން ވެސް ގާނޫނުއަސާސީތަކުން ކަނޑައެޅި ސަރަހައްދުތަކުގެ ތެރޭގައި ދެކުނުގައި އޮންނަ ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ގޮތުގައި ހިމެނިފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ރޮނގުތައް ދަމާލުމުން ރާއްޖެ އާއި ޗާގޯސް ދެމެދު 200 މޭލުގެ ފުށުއަރާ ސަރަހައްދެއް އޮންނަ ކަން އެނގޭ ކަމަށާއި އެކަމާ ބެހޭ ގޮތުން ވާހަކަތައް 1992 ވަނަ އަހަރު އިނގިރޭސި ސަރުކާރާ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެ ދެކެވުނު ވާހަކަތަކުގައި ލިޔެވެފައިވާ ލިޔުމުގައި ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވޭ،" ޝާހިދު ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގައި ފުށު އަރާ ސަރަހައްދު އިކުވިޑިސްޓެންސްކޮށް ބެހުމަށް އެއްބަސްވެފައިވާ ކަމަށާއި ބަހާނެ ޕޮއިންޓުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭގެ ފަހުން 2009 ވަނަ އަހަރު މޮރިޝަސްގެ ސަރުކާރުގެ އިސް ވެރިއެއް ރާއްޖެއަށް ޒިޔާރަތް ކުރައްވައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު އާ ބައްދަލު ކުރައްވައި އެ މައްސަލަ އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރާއްޖޭގެ ފަރާތުން ކޮންޓިނެންޓަލް ޝެލްފުގެ މައްސަލާގައި ހުށަހެޅުން ތައްޔާރު ކުރި އެކްސްޕާޓުން އެއްބަސްވޭ މި ހުށަހެޅުން ހުށަހެޅި އިރު ޗާގޯސް ސަރަހައްދުގައި މޮރިޝަސްގެ އިކޮނޮމިކް ޒޯންގެ މައްސަލަ އޮތީ ނުބެލި ކަމަށް. އެހެންކަމުން އަލުން އިސްލާހު ކޮށްފައި އެ ހުށަހަޅާނަން،" މޮރިޝަސް ސަރުކާރާ އެކު ރާއްޖެއިން ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާ ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޮސްގެ ސަރަހައްދުގައި އޮތް ކަމަށް ދިވެހި ސަރުކާރުން ސާފު ކޮށް އެއްބަސްވެފައިވާ ކަމަށާއި އެކަން އިސްލާހު ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް ވެސް ދެ ސަރުކާރުގެ ވެރިން ސޮއި ކޮށްފައިވާ ލިޔުމުގައި ބުނާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އދ ގައި 2017 ވަނަ އަހަރު މޮރިޝަސްގެ ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއް ގޮތުން ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އަދި ޗާގޯސްގެ އަސްލު ވަޒަން ވެރިން އެތަނަށް ގެނައުމުގެ މައްސަލަ ހިނގި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ގަރާރަށް ރާއްޖެއިން ނުފެންނަ ކަމަށް ވޯޓު ދިން ނަމަވެސް 95 ގައުމުން ތާއީދު ކޮށްގެން ފާސްވި އެވެ.

ރާއްޖެއިން އެ ގަރާރާ ދެކޮޅު ހެދިކަމުގައިވީ ނަމަވެސް ދިވެހި ދައުލަތުން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުން ނަމަ އެންމެ ފަހުގެ ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް އެ ގަރާރާ އިދިކޮޅަށް ވޯޓުލުމަށް ފަހު ކޯޓަށް ދިޔުމުގެ ބަދަލުގައި އޭރުގެ ދިވެހި ސަރުކާރުން ހަނު ހުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އޭރުގެ ރައީސް އަބްދުﷲ ޔާމީން އެ ދައްކަވާ ވާހަކައަކީ ހިތުގެ އަޑިން ދައްކަވާ ވާހަކައެއް ނަމަ އެ ފުރުސަތު ނަގައެއް ނުލައްވާނެ. އެ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ވަޑައިގަންނަވާނެ. އެތަނުން ހިނގަމުން ދިޔަ މައްސަލާގައި ތަދައްހުލުވުމުގެ ފުރުސަތު ރާއްޖެ އަށް އޮތް،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން ވެސް އެގޮތަށް އަމަލު ނުކުރެއްވީ އެއީ ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ގަބޫލު ނުކުރާތީ ކަމަށާއި އޭގެ ކުރީގެ ސަރުކާރުތަކުން ވެސް އެކަން އެގޮތަށް ގަބޫލު ނުކުރާ ކަމަށް ޝާހިދުވި އެވެ.

މި ސަރުކާރުން ރާއްޖޭގެ ބައެއް ވިއްކާލަނީ ކަމަށް ޔާމީން ތުހުމަތުކުރައްވާ އިރު ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މިލްކުކުރެވޭ ގޮތަށް ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކަން އުޅުއްވީ އެމަނިކުފާނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަން ހުއްޓުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ކަން ވެސް ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ 2019 ވަނަ އަހަރު ވެސް މޮރިޝަސް އިން ހުށަހެޅި މައްސަލާގައި ސަރުކާރުން އެ ގައުމާ ދެކޮޅަށް ވޯޓުލި ކަމަށާއި ނަމަވެސް ދެކޮޅަށް ވޯޓުލުމަށް ފަހު ވޯޓުލީ ކީއްވެގެން ކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

އެ ވޯޓުލީ ޗާގޯސްގެ މިނިވަންކަމާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލަކަށް ނޫން ކަމަށާއި ވޯޓު ބިނާވެފައި ވަނީ ރާއްޖެއިން ހުށަހަޅާފައިވާ ކޮންޓިނެންޓަލް ޝެލްފުގެ މައްސަލާގައި މޮރިޝަސް އިން އެއާ އިދިކޮޅު ހަދާފައި އޮތުމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ސިޔާސަތު ބަދަލު ކުރުމުގެ އެއްވެސް ކަމެއް ނުހިނގާ އޮއްވާ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކައެއް،" ޝާހިދު ވިދާޅުވި އެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޑީކޮލޮނައިޒޭޝަން ފަދަ ގަރާރެއް އދ. ގެ މަޖިލީހަށް ދެން އަތުވެއްޖެ ނަމަ ސަރުކާރުން އެ ގަރާރަކަށް ދެކޮޅު ނަހައްދަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެއީ އިސްތިއުމާރީ ބާރުތަކުން ރަށްތަށް މިނިވަން ކުރުމަށް ކުރާ މަސައްކަތައް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާތީ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދާ ގުޅޭ ގޮތުން ކޯޓުތަކުގައި އޮތް އެއްވެސް މައްސަލައަކަށް އަސަރު ނުކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރަމުން އަންނަ ރިފްއަތު ވިދާޅުވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށު އަރައިގެން ދެ ގައުމަށް އެއްބަސް ނުވެވިގެން އުޅެނީ 4687 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ކަމަށެވެ.

ސަބަބަކީ މޮރިޝަސް އިން އެ ސަރަހައްދު ބަލަމުން އަންނަނީ ޗާގޯސް ކައިރިން ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސްލައިންތައް ބަލަން ފަށާތީ ކަމަށް ރިފްއަތު ވިދާޅުވި އެވެ. ނަމަވެސް އެއީ ކަނޑުގެ ބައިނަލްއަގުވާމީ މުއާހަދާތަކުގެ އަލީގައި ބޭސްލައިން އެޅުމަށްޓަކައި ބެލޭނެ ހަމައެއް ނޫން ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި ކޮންޓިނަންޓަލް ޝެލްފްގެ މައްސަލަ ވެސް މޮރިޝަސް އަށް ކާމިޔާބު ކުރެވޭނެ ގޮތެއް ނެތް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އެ ގައުމަށް ކޮންޓިނަންޓަލް ޝެލްފް މައްސަލާގައި ކްލެއިމް ކުރެވެން އޮންނަ މުއްދަތު ފަހަނަ އަޅައި ގޮސްފައިވާ ކަމަށާއި ސައިންޓިފިކް ގޮތުން އެކަށީގެންވާ ހެއްކެއް ނުވަތަ އިތުރު މައުލޫމާތެއް ދެއްކިފައި ނުވާ ކަން މޮރިޝަސް އަށް ވެސް އެނގޭ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އެހެންވެ އެ ގައުމުން ބޭނުން ވަނީ ރާއްޖެ އާ ގުޅިގެން ޖޮއިންޓް ކޮންޓިނެންޓަލް ޝޭލްފް ކްލެއިމް އެއް ހުށަހަޅަން ކަމަށާއި ނަމަވެސް ހިތްހަމަ ނުޖެހެނީ ރާއްޖެއިން އެކަމަށް ވެސް އެއްބަސް ނުވާތީ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"އިޓްލޮސްގައި މިދާ މައްސަލައަކީ މޮރިޝަސް މީހުން ބޭނުންވާ ގޮތަށް އަޅުގަނޑުމެން ކަންކން ނުކުރާތީ ކުރިޔަށް ގެންދާ މައްސަލަތަކެއް،" ރިފްއަތު ވިދާޅުވި އެވެ.

"ފުރަތަމަ ވެސް މި މަސައްކަތް ކުރީ ރާއްޖޭގެ މަތީ މަސްލަހަތު ހިމާޔަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެ ކަންކަމަށް ބަލާއިރު މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައަކީ އެ ގައުމަށް ކާމިޔާބު ވާނެ މައްސަލައެއް ކަމަށް ނުފެންނަ ކަމަށް ރިއްފަތު ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ކޮންޓިނެންޓަލް ޝޭލްފް މައްސަލާގައި އެ ގައުމަށް ބައިނަލްއަގުވާމީ ކޯޓުތަކުގައި ކާމިޔާބެއް ނުވާނެ ކަމުގެ ޔަގީން ކަން ވެސް ރިފްއަތު ދެއްވި އެވެ.