މިހާރު އެމްއައިބީ "އުޖާލާ ދިރިއުޅުން" ފެސިލިޓީގެ ދަށުން ސްޓެލްކޯއިން މުދާ ނެގޭނެ
މިހާރު އެމްއައިބީ "އުޖާލާ ދިރިއުޅުން" ފެސިލިޓީގެ ދަށުން ސްޓެލްކޯއިން މުދާ ނެގޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން މުދާ ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ސްކީމަކީ އާންމު ބޭނުންތަކާއި މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް ނެގޭ ސްކީމެކެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، އެ ކުންފުނީގެ ސޭލްސް ސެންޓަރުން ވިއްކާ، ކަރަންޓު ވައިރުކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެކަމާ ގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ވެސް އެ ސްކީމުގެ ދަށުން މިހާރު ލިބޭނެ އެވެ.

އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެ އެވެ.

އެ ސްކީމުގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 400،000ރ. ގެ މުދަލެވެ. އަދި އެ ސްކީމުގެ ފައިސާ އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ ހަ މަސް ވަންދެނެވެ.

މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް، "އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން މުއްދަތެއް ހިޔާރުކުރުކޮށް ފައިސާ ދެއްކޭނެ އެވެ. އެ މުއްދަތުގައި ކޯޓޭޝަން އެކަނި ބޭންކަށް ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ އެވެ.