އެމްޑަބްލިއުއެސްސީން ޓޫރިސްޓުންނަށް ހާއްސަކޮށް، "އާރޯ" ޕްރިމިއަމް ބްރޭންޑުގެ ފެން ތައާރަފްކޮށްފި
އެމްޑަބްލިއުއެސްސީން ޓޫރިސްޓުންނަށް ހާއްސަކޮށް، "އާރޯ" ޕްރިމިއަމް ބްރޭންޑުގެ ފެން ތައާރަފްކޮށްފި

އެމްޑަބްލިއުއެސްސީން ޓޫރިސްޓުންނަށް ހާއްސަކޮށް "އާރޯ" ޕްރިމިއަމް ބްރޭންޑުގެ ފެން ތައާރަފްކޮށްފި އެވެ.

ބިއްލޫރި ފުޅީގައި ބަންދުކޮށްފައި ހުންނަ އެ ބްރޭންޑުގެ ފެން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރޭ ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.

މިއީ ރާއްޖޭގައި ޕްރިމިއަމް ކޮލިޓީގެ ފެނެއް އުފެއްދި ފުރަތަމަ ފަހަރެވެ.

އަލަށް ތައާރަފްކުރި "އާރޯ" ބްރޭންޑުގެ ފެން ބަންދުކޮށްފައި ހުންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް، ދިވެހި ކުރެހުންތެރިން ފަރުމާކޮށްފައިވާ އެއް ލީޓަރު އަދި 500 އެމްއެލްގެ ބިއްލޫރި ފުޅީގަ އެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނެޖިން ޑިރެކްޓަރުު ހަސަން ޝާހު ވިދާޅުވި ގޮތުގައި، ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ޓޫރިޒަމްގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިފަދަ ދިވެހި އުފެއްދުންތައް ބާޒާރުކޮށް، އިޝްތިހާރުކޮށްގެންނެވެ.

ބޭރުގެ އުފެއްދުންތަކާ އެއް ހަމައެއްގައި މި އުފެއްދުން ދެމެހެއްޓުމުން ޓޫރިޒަމާއި އިގްތިސާދީ ދާއިރާއިން ދިވެހިންނަށް ލިބޭ ފައިދާ އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، އެ ނައްތާލުމަށް ސަރުކާރުން ހިންގާ ޕްލޭނާ އެއްގޮތަށް އެ އަމާޒަށް ވާސިލްވުމަށްޓަކައި ތައާރަފްކުރި އުފެއްދުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކުރިމަގުގައި "އާރޯ" ބްރޭންޑުގެ އިތުރު އުފެއްދުންތައް ވެސް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ކަމަށެވެ.