08 ނޮވެމްބަރ 2022 - 13:37

އަންނަ އަހަރުގެ ބަޖެޓުގައި ދަތުރުފަތުރަށް 300 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދޭން ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިއީ މި އަހަރު ދަތުރުފަތުރުގެ ހަރަދުތައް ހަމަޖެއްސުމަށް ކުރާ ހޭދައަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓް އިތުރު އަދަދެކެވެ. މި އަހަރު ދަތުރުފަތުރުގެ ހަރަދު ހަމަޖެއްސުމަށް 194 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކުރިއަށް އޮތް ތިން އަހަރު ވެސް ދަތުރުފަތުރަށް ހޭދަކުރާ ސަބްސިޑީ އިތުރުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. ސަބަބަކީ ސަރުކާރުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރުމެވެ.
ޓްރާންސްޕޯޓް ސަބްސިޑީ ދެނީ އާންމުންނަށް އަތްފޯރާ އަގުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުން އެމްޓީސީސީ އަށް ލިބޭ ގެއްލުން ފޫބެއްދުމަށެވެ.
އާރްޓީއެލް ޕްރޮޖެކްޓްގެ ދަށުން މިހާރު އަންނަނީ ޒޯން 1 ކަމަށްވާ ހއ، ހދ. އަދި ށ. އަތޮޅުގައި، ހިދުމަތްދެމުންނެވެ. އެ ސަރަހައްދުގެ 41 ރަށެއްގައި 20 ރޫޓަކުން ހައި ސްޕީޑް 13 ލޯންޗު ދަތުރު ކުރެ އެވެ. އަދި މާލެ އާއި މީހުން ދިރިއުޅޭ ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތްތައް ވެސް އަންނަނީ ދެމުންނެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުގެ ބަޖެޓުން އަނބުރާ ދައްކާގޮތަށް އެމްޓީސީސީ އަށް 52 މިލިއަން ރުފިޔާގެ އެޑްވާންސް ޕޭމަންޓެއް ދީގެން، ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހޯދައިގެންނެވެ.
އަންނަ އަހަރު ސަބްސިޑީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހޭދަކުރަން ކަނޑައަޅާފައިވެ އެވެ. ދަތުރުފަތުރުގެ ސަބްސިޑީ އިތުރުކުރި ނަމަވެސް މިއީ މިއަހަރު ސަބްސިޑީ އަށް ހޭދަކުރާ ވަރު ވުރެ 1.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. ސަބްސިޑީ އެހާ ބޮޑަށް ދަށްވެފައި ވަނީ އާސަންދަ އަށް ކުރާ ހޭދަ އާއި ފިއުލް ސަބްސިޑީގެ ހޭދަ ކުޑަކުރުމުންނެވެ.