08 ނޮވެމްބަރ 2022 - 09:06

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުން ކޮށްގެން ޅ. ހިންނަވަރުގެ ފިހާރައަކުން 170،000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މަހުގެ އެއްވަނަ ދުވަހު އެ ރަށުން ހައްޔަރުކުރި އުމުރުން 30 އަހަރުގެ އެ ފިރިހެންމީހާ ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
"...އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ، ފުޅާ ދާއިރާއެއްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން އެނގިފައި ވެ އެވެ،" ފުލުހުންގެ ވެބްސައިޓްގައި ވެ އެވެ.
މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.