08 ނޮވެމްބަރ 2022 - 11:02

މެޑްރިޑް (ނޮވެމްބަރު 8) - ސްޕެނިޝް ލަ ލީގާ ގައި ރެއާލް މެޑްރިޑަށް މި ސީޒަންގައި ކުރިމަތިވި ފުރަތަމަ ބައްޔާ އެކު ބާސެލޯނާ އަށް ލީގު އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

ރެއާލް މެޑްރިޑުން ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާ ވަނީ އުސްމާން ޑެމްބެލޭ އާއި ފްރެންކީ ޑި ޔޮން ގެ ގޯލުން 2-0 އިން މި ހަފްތާ އަލްމެއިރާ ބަލިކޮށްފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް ކުޅުނު 13 މެޗުން އެޓީމަށް ލިބިފައި ވަނީ 32 ޕޮއިންޓެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު، 34 ޕޮއިންޓް ހޯދައިގެންނެވެ.
ވަޔެކާނޯގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ވަނީ މެޗުގެ ފަސް ވަނަ މިނިޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސަންޓީ ކޮމެސާނާ އެވެ. އެހެން ނަމަވެސް ގާތް ގާތުގައި ކާމިޔާބުކުރި ދެ ގޯލުން ރެއާލުން މެޗުގައި ލީޑު ހޯދި އެވެ.
މެޗުގެ 37 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ރެއާލަށް ނަތީޖާ އެއްވަރު ކޮށްދިނީ ލޫކާ މޮޑްރިޗް އެވެ. އަދި ލީޑު ނެގި ލަނޑު 41 ވަނަ މިނިޓުގައި އެޑާ މިލިޓާއޯ ރެއާލަށް ލީޑު ހޯދައިދިނީ މާކޯ އަސެންސިއޯ ނަގައިދިން ކޯނަރެއް ބޮލުން ޖަހައިގެންނެވެ.
އެހެން ނަމަވެސް އޭގެ ތިން މިނިޓު ފަހުން ލަނޑެއް ޖަހައި ވަޔެކާނޯ އިން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ އަލްވަރޯ ގާސިއާ އެވެ.
ވަޔެކާނޯ އިން ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ، މެޗުގެ 67 ވަނަ މިނިޓުގައި އޮސްކާ ޓްރޭހޯ ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. ވަޔެކާނޯ އަށް ރެފްރީ މި ޕެނަލްޓީ ދިނީ، ޑެނީ ކާވަހާލް ކުރި ކުށެއްގެ ސަބަބުން، ވީއޭއާރު ރިވިއު ކުރުމަށް ފަހު އެވެ.
ފަހު ވަގުތު އަސެންސިއޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ނަތީޖާ އެއްވަރު ކުރަން ރެއާލްގެ ރޮޑްރިގޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.
މިއާ އެކު އެންމެ ފަހުން ލީގުގައި ރެއާލް ކުޅުނު ދެ މެޗުން ވެސް އެޓީމަށް ވަނީ މޮޅެއް ނުހޯދިފަ އެވެ. މިދިޔަ ހަފްތާ އަމިއްލަ ދަނޑުގައި ގިރޯނާއާ ދެކޮޅަށް ކުޅެ، ރެއާލް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. އެއީ ލީގުގައި ރެއާލް އެއްވަރުވި ދެ ވަނަ މެޗެވެ.
އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ވެސް ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ކުޅެފައެއް ނުވެ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ބެންޒެމާ އަށް ވަނީ ގެއްލިފަ އެވެ. މަސްގަނޑަކަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ބެންޒެމާ އަށް ވަނީ ލީގުގައި މިހާތަނަށް ހަ މެޗު ގެއްލިފަ އެވެ.