ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓް ފަށައިފި
ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓް ފަށައިފި

މިހާރު ކުރިއަށްދާ ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022 ގެ ޑަބަލްސް އިވެންޓް ފަށައިފި އެވެ.

ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓް ފަށައިފި
ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓް ފަށައިފި

ޖުމްލަ 35 ޕެއާ ވާދަކުރާ މި އިވެންޓްގެ ކުޅުން އިއްޔެ ފެށިއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ޕެއާ، ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ ވަނީ ބަދަލު ވެފަ އެވެ. ފަޔާޒްގެ މިއަހަރުގެ ޑަބަލްސް ޕާޓްނަރަކީ ޝަޒީން އަބްދުއް ސަމަދެވެ. އަދި ޝާވިންގެ ޕާޓްނަރަކީ އަލީފް މުހައްމަދެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މުބާރާތުގައި ފަޔާޒު އަދި ޝަޒީންގެ ޕެއާ ވަނީ އިއްޔެ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، ވިނާސް ބްރެކެޓްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެންމެ ފުރަތަމަ މެޗުގައި އަހުމަދު ނިހާދާއި އިބްރާހިމް ރިޔާޒްގެ ޕެއާއާ ވާދަކޮށް 7-4 ފްރޭމުން މޮޅުވި އިރު، ދެ ވަނައަށް ކުޅުނު މެޗުގައި ޖިނާހު އަހުމަދު ނަޖީބާއި އިބްރާހިމް ދައުސްގެ ޕެއާ ބަލިކުރީ 7-3 އިންނެވެ.

ކުއާޓާ ފައިނަލް ގައި ފަޔާޒް އާއި ޝަޒީންގެ ޕެއާ ވާދަކުރާނީ ސަމާހް ރަޝީދު އަދި އަލީ މިމްހާދުގެ ޕެއާއާ އެވެ. ސަމާހް އާއި މިމްހާދު ވަނީ މުހައްމަދު ފަރީމް އާއި އަލީ ފަޔާޒްގެ ޕެއާ 7-3 ފްރޭމުން ބަލި ކޮށްފަ އެވެ. ފުރަތަމަ މެޗު ކާމިޔާބުކުރީ މުހައްމަދު އިބްރާހިމާއި ސައްޔާހު އައްބާސްގެ ޕެއާއާ ވާދަކޮށް 7-4 ފްރޭމުންނެވެ.

ޝާވިން އާއި އަލީފް ހިމެނެނީ ލޫޒާސް ބްރެކެޓްގަ އެވެ. މި ޕެއާ ވަނީ ފުރަތަމަ ކުޅުނު މެޗުގައި ފަސޭހަ ކަމާއެކު 7-1 ފްރޭމުން އިސްމާއިލް ސުވެއިދާއި އަހުމަދު މިހާދުގެ ޕެއާ ބަލިކޮށްފަ އެވެ. ނަމަވެސް ދެ ވަނަ މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު އިސްމާއިލް ރަޒީން އާއި ހުސެއިން ޝަފްރާޒްގެ ޕެއާ އަތުން ވަނީ 7-6 ފްރޭމުން ބަލި ވެފަ އެވެ.

މިއާ އެކު ޝާވިން އާއި އަލީފްގެ ޕެއާ އަށް ޖެހުނީ ހުސެއިން ޝިމާލް އާއި ހުސެއިން ހަމީމްގެ ޕެއާއާ ވާދަކުރާށެވެ. މި މެޗު ޝާވިން އާއި އަލީފް ވަނީ 7-3 ފްރޭމުން ކާމިޔާބުކޮށްފަ އެވެ. އަދި ދެން ކުޅުނު މެޗުގައި އަހުމަދު ޝިހާދާއި މުހައްމަދު އަކްސަމް ވަހީދާ ވާދަކޮށް 7-3 ފްރޭމުން މޮޅުވެގެން ވަނީ ލޫޒާސް ބްރެކެޓްގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. މި ބުރުގައި ޝާވިން އާއި އަލީފް ވާދަކުރާނީ މުހައްމަދު ޝަރީފް އާއި އާދަމް ނަސީމްގެ ޕެއާއާ އެވެ.

ޝިފާއު އަބްދުﷲ އާއި މިއަހަރުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި މުހައްމަދު ސާހިލް ހަމީދުގެ ޕެއާ ވަނީ ލޫޒާސް ބްރެކެޓްގެ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ސިންގަލްސް އެއް ވަނަ ޑިވިޝަންގެ ދެ ވަނަ ހޯދި ހަސަން ޝާޒް މުހައްމަދުގެ ޕާޓްނަރަކީ އަހުމަދު ޝާޒް ސައީދެވެ. މި ދެ އެތުލީޓުން ވެސް ވަނީ ވިނާސް ބްރެެޓްގެ ކުއާޓާ އަށް ދަތުރު ކޮށްފަ އެވެ

މި އަހަރުގެ ޑަބަލްސް އިވެންޓްގައި ވާދަކުރަނީ އެންމެ އަންހެން ޕެއާ އެކެވެ. އެއީ އާމިނަތު އަޒްރާ އާއި އާމިނަތު ފާތީގެ ޕެއާ އެވެ. މި ޕެއާގެ ފުރަތަމަ މެޗްގައި ވިނާޒް ބްރެކެޓްގައި ކުޅުނީ ޝާޒް އާއި އިޔާދުގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން ބަލިވުމުން ލޫޒާސް ބްރެކެޓްގައި އިސްމާއިލް ޝިޔާމް އާއި މުހައްމަދު ދުންޔާޒްގެ ޕެއާ އަތުން ވެސް ބަލިވެ، މި ޕެއާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އިސްމާއިލް ޝިޔާމް އަކީ މި އަހަރުގެ ފިރިހެން ސިންގަލްސް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނެވެ.