ކޮވިޑް ކޭސްތައް އިތުރުވަނީ، 25 މީހަކު ހޮސްޕިޓަލުގައި
ކޮވިޑް ކޭސްތައް އިތުރުވަނީ، 25 މީހަކު ހޮސްޕިޓަލުގައި

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އާންމުކުރަނީ ހަފްތާއަކު އެއް ފަހަރު، މުޅި ހަފްތާގައި ޕޮޒިޓިވްވި އަދަދު ޖުމްލަކޮށެވެ.

ކޮވިޑް ޖެހިގެން ރިޕޯޓުކުރި ކޭސްތަކުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓު މަހު ކުރީކޮޅު ކޮވިޑް ކޭސްތައް ހުރީ ހަފްތާއަކު 40 ގަ އެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅުން ފެށިގެން ވަނީ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފަ އެވެ.

މިދިޔަ މަހުގެ ފަހު ހަފްތާ ތެރޭ ކޮވިޑް ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު 84 އަށް އަރާފައި ވާއިރު، މި މަހުގެ ފުރަތަމަ ހަފްތާގައި ކޮވިޑް ޖެހިގެން 90 މީހުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ހުން އައިސްގެން ރިޕޯޓުކުރާ އަދަދު މިހާރު އިތުރު ވެފައިވާ ކަމަށެވެ. އެހެންވެ ކޮވިޑަށް ޓެސްޓުކުރުމުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ކުރިއަށްވުރެ އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި މަސް ފެށި، މިދިޔަ އަށް ދުވަސް ތެރޭ ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ މަސް ނިމުނު އިރު 16 މީހުންނަށް ފަރުވާ ދެެމުން ދިޔަ ނަމަވެސް މި މަހުގެ ފުރަތަމަ ހަފްތާ ތެރޭ އެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ.

މުޅި ރާއްޖެެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 185،454 އަށް އަރާފައި ވާއިރު، މިހާތަނަށް ކޮވިޑުގައި 309 މީހަކު ވަނީ މަރުވެފަ އެވެ. ގިނަ ދުވަސްތަކަކަށް ފަހު އިއްޔެ ވެސް ވަނީ ކޮވިޑުގައި މީހަކު ކިޔާވެފައި އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ އިރު، ހުމާއި ރޯގާ އާއި ޑެންގީ އަދި ފާނަބަސަންދު ފަދަ ބަލިތައް ވެސް އަންނަނީ އިތުރުވަމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.