ބީޓީއެސްގެ ޖަންކޫކްގެ ތޮފި ވަގަށް ނަގައި ވިއްކާލަން އުޅެފި
ބީޓީއެސްގެ ޖަންކޫކްގެ ތޮފި ވަގަށް ނަގައި ވިއްކާލަން އުޅެފި

ކޮރެއާގެ މަޝްހޫރު މިއުޒިކް ބޭންޑް ބީޓީއެސްގެ މެންބަރު، ޖަންޖޫކް ޕާސްޕޯޓް ހަދަން އެ ގައުމުގެ ފޮރިން މިނިސްޓްރީއަށް ގޮސް ހަނދާން ނެތި އެ ބާއްވާފައި ދެވުމުން އެ އޮފީހުގެ މުވައްޒަފަކު ތޮފި ނަގައި ބޮޑު އަގުގައި ވިއްކާލަން އުޅެފި އެވެ.

ފުލުހުން ބުނީ މިކަން ކުރި މީހާ އޮންލައިން ޕޭޖެއްގައި ތޮފި ވިއްކާލަން ޖެހި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އޭނާ މި ވިއްކާލަން އުޅުނީ 7،000 ޑޮލަރަށެވެ.

ތޮފި ވިއްކަން އުޅުނު މީހާ ބުނީ ޖަންޖޫކް ތޮފި ބާއްވާފައި ދިއުމުން، ގެއްލިވަފައިވާ އެއްޗެއް ގޮތަށް ރިޕޯޓު ކުރުމުން ވެސް އެއްވެސް މީހަކު އެއާ ހަވާލު ނުވުމުން އޭނާ އޮންލައިންކޮށް ވިއްކާލަން ޖެހީ ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ ގެއްލިފައިވާ އެއްޗެއް ގޮތަށް އެ ތޮފީގެ ވާހަކަ އިއުލާނުކޮށްފައި ނެތް ކަމަށާއި އެ ޕޯސްޓު ޖެހުމަށް ފަހު އެ ޑިލީޓުކޮށްފައިވާ ކަމަށެވެ.

ބީޓީއެސް އިން ވެސް ވަނީ ޖަންޖޫކްގެ ތޮފި ފޮރިން މިނިސްޓްރީ ތެރެއަށް ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މައްސަލަ ބަލާނެ ކަމަށާއި މިއީ ހަގީގަތުގައި ވެސް އެތަނުގެ ތެރެއިން ހިނގި ކަމެއް ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.