އެފްއޭއެމުން އެޕޯލޯއަށް ވިޔަފާރި އުސޫލުން ބިމެއް ނުދެވޭނެ: އެޗްޑީސީ
އެފްއޭއެމުން އެޕޯލޯއަށް ވިޔަފާރި އުސޫލުން ބިމެއް ނުދެވޭނެ: އެޗްޑީސީ

މާލީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޕޯލޯ ހޯލްޑިންގްސް އަށް ދައްކަންޖެހޭ ބޮޑު ދަރަންޏެއްގެ ބަދަލުގައި، އެފްއޭއެމްގެ ހުޅުމާލޭ ބިމުން ބައެއް ދިނީ އެއްބަސްވުމާ ހިލާފަށް ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، އެފްއޭއެމް އާއި އެޗްޑީސީއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް ބަޔަކަށް ކޮމާޝަލް އުސޫލުން އެ ބިން ދޫނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެފްއޭއެމުން ވަނީ އެ ބިމާ ގުޅިގެން އެއްބަސްވުމަށް ބަދަލުތަކެއް ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ، މިކަން ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިކަމުގައި އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެޕޯލޯގެ އިތުރުން އަމިއްލަ އެހެން ބައެއް ފަރާތްތަކަށް ވެސް އެފްއޭއެމުން ވަނީ ހުޅުމާލޭ ބިމުން ދިގު މުއްދަތަށް ބިން ދީފަ އެވެ.

އެޗްޑީސީން އެފްއޭއެމަށް ބިން ދޫކޮށްފައިވަނީ ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް ހަދާށެވެ. މި ބިމުގައި ދެ ފުޓްބޯޅަ ދަނޑު ހެދުމަށް އެއްބަސްވެފައިވެ އެވެ. އެޗްޑީސީން މި ބިން އެފްއޭއެމާ ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މިތަނުން 5،000 އަކަފޫޓުގެ ބިމެއް 25 އަހަރަށް އެޕޯލޯ އަށް އެފްއޭއެމަށް ކޮށްދީފައިވާ މަސައްކަތަށް ދައްކަންޖެހޭ 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ބޭރުގައި ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލާގައި އެފްއޭއެމުން ދައުވާ އަށް ޖަވާބު ހުށަހަޅާފައި ވަނިކޮށް، އެޕޯލޯގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ޖާމިނުވެ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މެއި 16 ގައި ކުރި ދައުވާއާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ޖޫން 14 ގައި އެއްބަސްވީ އެޕޯލޯ އަށް ލިބެންޖެހޭ ފައިސާގެ އަދަދަކީ 13 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބަދަލުގައި، ހުޅުމާލޭން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާނުލައި 25 އަހަރަށް ދިނުމަށެވެ.

އެފްއޭއެމުން ކްލަބްތަކާއި އެކި ފަރާތްތަކަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުއްޓެވެ. ސްޓެލްކޯ އަށް ކަރަންޓު ބިލު ނުދައްކާތީ، އެފްއޭއެމް ހައުސް ހިންގާ އިމާރާތުން ދާދި ފަހުން ވަނީ ކަރަންޓު ވެސް ކަނޑާލައިފަ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން، ވިޔަފާރި ކުންފުނިތަކުން މިދިޔަ އަހަރު ދިން ފައިސާ ވެސް ނުދެ އެވެ.