ގައުމީ މުބާރާތުން 16 އަހަރުން ދަށުގެ ހަތް އެތުލީޓަކަށް ޖާގަ ދީފި
ގައުމީ މުބާރާތުން 16 އަހަރުން ދަށުގެ ހަތް އެތުލީޓަކަށް ޖާގަ ދީފި

މި މަހު ފަށާ ގައުމީ ރާޅާއެޅުމުގެ މުބާރާތް (ރަންނަމާރި ޗެލެންޖް 2022) ގައި ފިރިހެން އޯޕަން ޑިވިޝަނުގައި، 16 އަހަރުން ދަށުގެ ހަތް އެތުލީޓަކަށް، މޯލްޑިވްސް ސާފިން އެސޯނިއޭޝަން (އެމްއެސްއޭ) އިން ފުރުސަތު ދީފި އެވެ.

އުސޫލެއްގެ ގޮތުން އެމްއެސްއޭ އިން އޯޕަން ޑިވިޝަން ކުރިއަށް ގެންދަނީ 16 އަހަރުން މަތީ އުމުރުފުރާއަށް ހާއްސަ ކޮށްގެންނެވެ. އެކަމަކު ވައިލްޑް ކާޑް އުސޫލުން މި އަހަރުގެ މުބާރާތުން ޖާގަ ދިން ހަތް އެތުލީޓުންނަކީ ދާދި ފަހުން ނިމުނު ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ކާމިޔާބީތަކާ އެކު އަންނަ އަހަރުގެ ޖޫނިއާ ގައުމީ ސާފިން ޓީމުން ޖާގަ ހޯދި އެތުލީޓުންނެވެ.

● ޔޫސުފް ކަޔާން ހަމްދާން ޒަކީ، 12 އަހަރު (14 އަހަރުން ދަށް)

● ޔަސީން އަހުމަދު ނާޝިދު، 12 އަހަރު (14 އަހަރުން ދަށް)

● ކަޔާން އަބްދުﷲ އަރީފް، 13 އަހަރު (14 އަހަރުން ދަށް)

● ސައްޔުދު ސަލާހުއްދީން، 15 އަހަރު (16 އަހަރުން ދަށް)

● މުހައްމަދު އިނާން، 14 އަހަރު (16 އަހަރުން ދަށް)

● އަހުމަދު ޒަޔާން، 14 އަހަރު (16 އަހަރުން ދަށް)

● އަހުމަދު ލުޒެއިން، 14 އަހަރު (16 އަހަރުން ދަށް)

ޖޫނިއާ ޓީމުގެ 18 އަހަރުން ދަށުގެ ކެޓެގަރީގައި ހިމެނޭ ޝާނިފް ޝަފީގް، 16، އާއި މުހައްމަދު ޒަޔާން، 17، އަކީ މިހާރު ވެސް އޯޕަން ޑިވިޝަންގައި ސީނިއާ އެތުލީޓުންނާ ރަނގަޅު ވާދައެއް ކުރަމުން އަންނަ އެތުލީޓުންނެވެ. ޝާނިފް ވަނީ މި އަހަރުގެ ގައުމީ ސާފް ލީގުގައި އޯޕަން ޑިވިޝަންގެ އިވެންޓެއްގެ ދެ ވަނަ ވެސް ހޯދައިފަ އެވެ. އަދި އޭނާ އަކީ މިވަގުތު ގައުމީ ލީގުގެ ސީނިއާ ރޭންކިންގެ 10 ވަނައިގައި ވެސް އޮތް އެތުލީޓެވެ.

ރަންނަމާރި ޗެލެންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ރާޅާއެޅުމުގެ މުބާރާތެވެ. ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ ގޮތުގައި އެމްއެސްއޭ އިން ކަނޑައަޅާފައި އޮތީ ވެސް މި މުބާރާތެވެ. މި އަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގު ގައި މިހާތަނަށް ހަތަރު އިވެންޓެއް ކުރިއަށް ގެންގޮސްފައި ވާއިރު، ރަންނަމާރި ޗެލެންޖަކީ ލީގުގެ އެންމެ ފަހު އިވެންޓެވެ.

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މި މަހުގެ 10 އިން 19 އަށް ރަންނަމާރި ޗެލެންޖް ކުރިއަށް ދާނެ އެވެ.

ސާފް ލީގުގެ އެހެން މުބާރާތްތަކާ ހިލާފަށް ގައުމީ މުބާރާތުގައި، އަންހެން އަދި ފިރިހެން ޝޯޓްބޯޑް ކެޓެގަރީގެ އިތުރުން މާސްޓާސް ކެޓެގަރީ އާއި ލޯންގްބޯޑާއި ސްޓޭންޑް އަޕް ޕެޑްލިން (އެސްޔޫޕީ) ހިމެނެ އެވެ. މި އަހަރު ޖޫނިއާ ޗެމްޕިއަންޝިޕް ބާއްވަން ފަށާފައި ވުމާ އެކު ގައުމީ މުބާރާތުން ޖޫނިއާ ޑިވިޝަން މިއަހަރު ވަނީ އުނި ކުރެވިފަ އެވެ.

ރަންނަމާރި ޗެލެންޖުން ޖޫނިއާ ކެޓެގަރީ އުނިކުރި ނަމަވެސް "މަރުހަބާ ކަޕް" ނަމުގައި މުޅިން އަލަށް ޓީމް އިވެންޓެއް މި އަހަރު ކުރިއަށް ގެންދަން އެމްއެސްއޭއިން ވަނީ ނިންމައިފަ އެވެ.