07 ނޮވެމްބަރ 2022 - 12:39

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ސިންގަލްސް ޗެމްޕިއަންކަން، މުހައްމަދު ސާހިލް ހަމީދާއި، އިސްމާއިލް ޝިޔާމް އަދި އާއިޝަތު އަލީ ހޯދައިފި އެވެ.
ފިރިހެން ސިންގަލްސް އެއް ވަނަ ޑިވިޝަން އިވެންޓް ސާލިހް ކާމިޔާބު ކުރީ ފައިނަލް ގައި ރޭ ހަސަން ޝާޒް މުހައްމަދާ ވާދަކޮށް 11-6 ފްރޭމުން ކާމިޔާބު ކޮށްގެންނެވެ.
ސާހިލް ފައިނަލާ ހަމައަށް ދަތުރު ކުރީ، އެންމެ ފަހު ސެމީފައިނަލް ގައި މުހައްމަދު އަކްސަމް ވަހީދާ ވާދަކޮށް 9-3 ފްރޭމުން މޮޅު ވެގެންނެވެ. އޭގެ ކުރިން ސާހިލް ވަނީ އިބްރާހިމް އާފީ އާއި އަލީ ފަޔާޒް އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ހުސެއިން ފަޔާޒް ވެސް ބަލި ކޮށްފަ އެވެ.
ޝާޒް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލް ގައި 9-5 ފްރޭމުން އަކްސަމް ބަލި ކޮށްފަ އެވެ. މި އިވެންޓްގެ ތިންވަނަ ލިބުނީ އަކްސަމް އަށެވެ.
އިސްމާއިލް ޝިޔާމް މި އަހަރުގެ ފިރިހެން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ގައި ހަސަން ރާޖޭޝް މޫސާއާ ވާދަކޮށް 9-4 ފްރޭމުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ދެވަނަ ޑިވިޝަންގެ ފައިނަލަށް ޝިޔާމް ދަތުރު ކުރީ ސެމީ ފައިނަލް ގައި 7-4 ފްރޭމުން މުހައްމަދު އައްފާން ޔޫސުފް ބަލި ކޮށްފަ އެވެ. ރާޖޭޝް ފައިނަލުން ޖާގަ ހޯދީ، ފަސޭހަ ކަމާ އެކު 7-1 ފްރޭމުން އައްފާން ބަލިކޮށްފަ އެވެ. އޭގެ ކުރިން ރާޖޭޝް ވަނީ ޝަޒީން އަބްދުއް ސަމަދާއި ހާމިދު ފައިސަލް ބަލި ކޮށްފަ އެވެ.
ފިރިހެން ސިންގަލްސް ދެވަނަ ޑިވިޝަންގެ ތިން ވަނަ ލިބުނީ އައްފާނަށެވެ
މި އަހަރުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާއިޝަތު އަލީ ހޯދީ، ރޭ ކުޅުނު ފައިނަލް މެޗުގައި 7-3 ފްރޭމުން އާމިނަތު ހަލީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އާއިޝަތު އަލީ ފައިނަލުން ޖާގަ ހޯދީ މިދިޔަ އަހަރުގެ ރަނަރަޕް އާމިނަތު އަޒްރާ ބަލިކޮށްފަ އެވެ. އާމިނަތު ހަލީމް ފައިނަލަށް ދަތުރު ކުރީ އަޒްރާ އާއި، މިދިޔަ އަހަރުގެ ޗެމްޕިއަން ދީނާ އަހުމަދު ވެސް ބަލި ކޮށްފަ އެވެ.
އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ލިބުނީ އަޒްރާ އަށެވެ.
ދެ ވަނަ ގައުމީ ޗެމްޕިއަަންޝިޕް ގައި ދެން އޮންނާނީ ޑަބަލްސް އިވެންޓެވެ. ފިރިހެން އަދި އަންހެން ޕެއާ އެއްކޮށް، ޖުމްލަ 35 ޕެއާ އާއެކު ޑަބަލްސް އިވެންޓް މިއަދު ހަވީރު ފަށަން ވަނީ ހަމަޖެހިފަ އެވެ.
މިކްސްޑް ޑަބަލްސް އިވެންޓް އޮންނާނީ އެއަށް ފަހު އެވެ. އަދި ގައުމީ ޗެމްޕިއަންޝިޕްގެ އެންމެ ފަހު އިވެންޓަކަށް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ޓީމް އިވެންޓެވެ.