07 ނޮވެމްބަރ 2022 - 10:37

ގއ. މާނަގަލާގެ ބޭރުން 25 މީޓަރު ފުނުގައި އޮތް އައިފޯނެއް ފެނިގެން އެ ނަގައި ވެރިފަރާތް ހޯދައިފި އެވެ.

ފޯނު ފެނުނު މީހުންގެ ތެރެއިން އެކަކު "މިހާރު" އަށް ބުނީ އެ ފޯނު ފެނުނީ މާނާގަލާގެ ބޭރަށް ފީނަން ގޮސް އުޅެނިކޮށް އިއްޔެ ކަމަށެވެ.
ވޯޓާޕްރޫފް ކަވަރެއްގެ ތެރޭގައި އޮއްވައި ފެނުނު އެ ފޯނަކީ އެޕަލް އިން އެންމެފަހުން ނެރުނު ފޯން ސީރީޒްގައި ހިމެނޭ އައިފޯން 14 ޕްރޯގެ ފޯނެކެވެ.
"އަހަރެމެންނަށް އެ ފޯނު ފެނުނީ 25 މީޓަރު އަޑިން. ފޯނު ފެނުނުއިރު އޭގައި 75 ޕަސެންޓް ޗާޖު ވެސް ހުރި،" އޭނާ ބުންޏެވެ.
އެ ފޯނުގެ ވެރިފަރާތް ހޯދަން އެ މީހުން ފޭސްބުކްގައި ޕޯސްޓެއް ޖެހުމުން އޭގެ ވެރިފަރާތް މިހާރު ވަނީ އެ މީހުންނާ ވާހަކަ ދައްކައިފަ އެވެ.
"އޭގެ ވެރިފަރާތުން މިހާރު އަޅުގަނޑުމެންނަށް ކޮންޓެކްޓް ކޮށްފި. އެއީ މާނަގަލާގައި މަސައްކަތްކުރާ ސިންގަޕޫރު މީހެއްގެ ފޯނެއް. އޭނާ ބުނީ ދެ ދުވަހެއް ކުރިން މޫދަށް އެރި އުޅެނިކޮށޭ ގެއްލުނީ،" އޭނާ ބުންޏެވެ.
މާނަގަލާ އަކީ މަސްވެރިކަމުގެ ބޭނުމަށް މިހާރު ބޭނުންކުރާ ރަށެކެވެ. އެ ރަށުގައި ހެޗަރީއެއް ހަދައި، މިހާރު ވަނީ އެތަން ތަރައްގީކުރުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެހެންވެ، އެ ރަށުގައި ވަރަށް ގިނަ ބިދޭސީން މަސައްކަތްކުރެ އެވެ.