އެފްއޭއެމަށް ހުޅުމާލޭން ކުއްޔަށް ދިން ބިމުގެ ބައެއް 13 މިލިއަނުގެ ދަރަނީގެ ބަދަލުގައި އެޕޯލޯއަށް
އެފްއޭއެމަށް ހުޅުމާލޭން ކުއްޔަށް ދިން ބިމުގެ ބައެއް 13 މިލިއަނުގެ ދަރަނީގެ ބަދަލުގައި އެޕޯލޯއަށް

މާލީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޕޯލޯ ހޯލްޑިންގްސް އަށް ދައްކަންޖެހޭ ބޮޑު ދަރަންޏެއްގެ އަދާނުކުރެވިގެން އޭގެ ބަދަލުގައި، އެޗްޑީސީން އެފްއޭއެމަށް ހުޅުމާލޭން ކުއްޔަށް ދީފައިވާ ބިމުން ބައެއް 25 އަހަރަށް ދީފި އެވެ.

ސިވިލް ކޯޓުގެ ހުކުމެއްގައި ބުނެފައިވާ ގޮތުން ދައުވާގައި އެދިފައިވަނީ؛

● ޑިސެމްބަރު 23، 2021 ގައި ދެ ފަރާތުން ސޮއިކޮށްފައިވާ ސެޓުލްމަންޓް އެގްރީމެންޓެއްގެ ދަށުން އެފްއޭއެމުން ދައްކަންޖެހޭ 2.6 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) އެއްފަހަރާ ހޯދުމަށާއި

● މި ފައިސާ ނުދައްކާ ހޭދަވާ މުއްދަތުގެ ލިކުއިޑޭޓެޑް ޑެމޭޖަސް ހޯދުމަށާއި

● އެއްބަސްވުމުގައި ނެތް އިތުރު މަސައްކަތެއް ކުރުމުގެ އަގެއްގެ ގޮތުގައި، އެ ކަމަށް އިންވޮއިސްކުރުމުން 296،000 ޑޮލަރު (4.5 މިލިއަން ރުފިޔާ) ދެއްކުމަށާއި

● އެޕޯލޯ އިން ކޮށްފައިވާ އިމާރާތް އެފްއޭއެމްއާ ހަވާލުކުރަން ޖެހޭނީ ފައިސާ ދައްކައި ހަލާސްކުރުމަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލާގައި އެފްއޭއެމުން ދައުވާއަށް ޖަވާބު ހުށަހަޅާފައި ވަނިކޮށް، އެޕޯލޯގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ޖާމިނުވެ މި އަހަރުގެ ޖޫން 14 ގައި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އޮކްޓޫބަރު 31 ގައި ކޯޓަށް ސިޓީއެއް ފޮނުވި ކަމަށެވެ.

މެއި 16 ގައި ކުރި ދައުވާއާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ޖޫން 14 ގައި އެއްބަސްވީ އެޕޯލޯ އަށް ލިބެންޖެހޭ ފައިސާގެ އަދަދަކީ 13 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބަދަލުގައި، ހުޅުމާލޭން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާނުލައި 25 އަހަރަށް ދިނުމަށެވެ.

ދަރަނީގެ އަދަދަކީ 13 މިލިއަން ކަމަށް އެއްބަސްވިޔަސް އަސްލު ދަރަނި 45 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެޕޯލޯއަށް ބިން ދީފައިވަނީ އެފްއޭއެމް އިން ހަދާ ޓްރެއިނިން ފެސިލިޓީގެ ބިމުންނެވެ.

މިގޮތަށް ދެ ފަރާތުން އެއްބަސްވެ ކޯޓަށް އަންގާފައި ވާތީ ގާޒީ ރިޒްމީނާ އިދުރީސް ހުކުމްކުރެއްވީ ދެ ފަރާތުން އެއްބަސްވި ގޮތަށް އަމަލު ކުރުމަށެވެ.

މި ހުކުމް ކުރި ދުވަހު ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް އެހެން ހުކުމެއް ވެސް ކުރި އެވެ. އެއީ އޭޑީކޭ ހޮސްޕިޓަލަށް އެފްއޭއެމުން ދައްކަންޖެހޭ 1.7 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.

އެފްއޭއެމުން ކްލަބްތަކާއި އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ބޮޑެވެ. ސްޓެލްކޯ އަށް ކަރަންޓު ބިލު ނުދައްކާތީ، އެފްއޭއެމް ހައުސް ހިންގާ އިމާރާތުން ދާދި ފަހުން ވަނީ ކަރަންޓު ވެސް ކަނޑާލައިފަ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން، ވިޔަފާރި ކުންފުނިތަކުން މިދިޔަ އަހަރު ދިން ފައިސާ ނުދީގެން އެ ޝަކުވާ ވެސް ކުޅުންތެރިން އަންނަނީ ކުރަމުންނެވެ.