10 ޖެނުއަރީ 2017 - 15:41

ޒިއުރިކް (ޖެނުއަރީ 10) - ފީފާ ވޯލްޑް ކަޕް 2026 ވަނަ އަހަރުން ފެށިގެން 48 ޓީމާ އެކު ބާއްވަން ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ކެމްޕެއިން ވައުދާ އެއްގޮތަށް ހުށަހެޅުއްވި ޕްލޭނަށް ކައުންސިލުގެ ހުރިހާ މެމްބަރުން ވަނީ ތާއީދުކުރައްވައިފަ އެވެ.
މިހާރު ކުޅޭ އުސޫލަށް 32 ޓީމަށް ވޯލްޑް ކަޕް ބަދަލުކޮށްފައިވަނީ ސެޕް ބްލެޓާގެ ދައުރުގައި 1998 ވަނަ އަހަރެވެ. އޭގެ ކުރިން ކުޅެމުން އައީ 24 ޓީމާ އެކު އެވެ.
ފޯމެޓަށް ގެނައި ބަދަލާ އެކު ވޯލްޑް ކަޕްގައި އޮންނާނީ ތިން ޓީމު ހިމެނޭ 16 ގްރޫޕެވެ. އޭގެ ތެރެއިން ގަދަ 32 ޓީމު ވާދަކުރާ ބުރަށް ދާނީ ގްރޫޕަކުން ދެ ޓީމެވެ. އެ އަށް ފަހު ކުރިޔަށްދާނީ ނޮކައުޓް އުސޫލުންނެވެ. އިތުރު ތަފްސީލް ފީފާ އިން ފަހުން ހާމަކުރާނެ އެވެ.
މި ބަދަލާ އެކު ވޯލްޑް ކަޕްގެ ޖުމްލަ މެޗުތަކުގެ އަދަދު 64 އިން 80 އަށް އިތުރުވާނެ އެވެ. އެހެން ނަމަވެސް ކޮންމެ ޓީމެއް ވެސް އެންމެ ގިނައިން ކުޅެން ޖެހޭނީ ހަތް މެޗެވެ. އަދި މުބާރާތް ކުރިޔަށްދާނީ ވެސް 32 ދުވަހުގެ މުއްދަތަށެވެ. އެއީ ކްލަބް ފުޓްބޯޅައިގެ ޝެޑިއުލަށް ބުރޫ ނާރާ ގޮތަށެވެ.
ފީފާއިން ކުރި ދިރާސާ އިން ބުނާގޮތުގައި މި ބަދަލާ އެކު ވޯލްޑް ކަޕުން އެ އިދާރާ އަށް ލިބޭ އާމްދަނީގެ އަދަދު 5.29 ބިލިއަން ޕައުންޑަށް އަރާނެ އެވެ. އަދި ފައިދާގެ ގޮތުގައި 521 މިލިއަން ޕައުންޑް ލިބޭނެ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ މި ބަދަލަކީ މުޅި ދުނިޔޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ކުރިޔަށް އެޅި ފިޔަވަޅެއް ކަމަށެވެ.
"ވޯލްޑް ކަޕަށް ވީހާވެސް ގިނަ ބަޔެއްގެ ބައިވެރިވުން ބޭނުންވޭ. އެގޮތަށް ވިސްނާއިރު މިއީ ކުރިޔަށް އެޅުނު ފިޔަވަޅެއް. މި ބަދަލާ އެކު ފުޓްބޯޅަ ކުރިއަރުވަން އިތުރު ދޮރުތަކެއް ހުޅުވިއްޖެ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ވޯލްޑް ކަޕް ސިސްޓަމަށް މި ގެނައި ބަދަލަށް ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. މި ބަދަލާ އެކު ޔޫރަޕުގެ 16 ޓީމަށް ޖާގަ ލިބޭނެ އެވެ. އެފްރިކާ އަށް ނުވަ ޖާގަ، އޭޝިއާ އަށް 8 ޖާގަ، ދެކުނު އެމެރިކާ އަށް ހަ ޖާގަ، އުތުރު އެމެރިކާ އަށް ހަ ޖާގަ އަދި މުބާރާތް ބާއްވާ ގައުމަށް އެއް ޖާގަ ލިބޭނެ އެވެ. އަދި އުތުރު އެމެރިކާގެ ޓީމަކާއި އޭޝިއާގެ ޓީމެއް ޕްލޭއޮފުގައި ކުޅެ މޮޅުވާ ޓީމަކަށް ވެސް ފުރުސަތު ލިބޭނެ އެވެ.