ތިމާވެށީގެ މަހާސިންތާ މިއަދު ފަށާނެ
ތިމާވެށީގެ މަހާސިންތާ މިއަދު ފަށާނެ

ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ، ތިމާވެށީގެ އެންމެ ބޮޑު މަހާސިންތާ، ކޮޕް27، މިސްރުގެ ޝަރްމުއްޝައިޚް ރިސޯޓްގައި މިއަދު ފަށާނެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ މަތީ ވެރިންގެ ތެރެއިން 120 ލީޑަރަކު މި ފަހަރުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޖުމްލަ 3000 ބައިވެރިންނާ އެކުގައި މިއަދު ފަށާ މި މަހާސިންތާގައި އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނީ، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް މިހާރަށް ވުރެ އަވަސް ފިޔަވަޅުތަކެއް އެޅުމާ ބެހޭ ގޮތުންނެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ވެރިން އެއް ތަނަކުން މި ބައްދަލުކުރައްވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާތަނަށް ކުރިމަތިވި އެންމެ ގިނަ ގުދުރަތީ ހާދިސާތައް، މިދިޔަ އަހަރު ކުރިމަތިވެ، އެކަމުގެ ގެއްލުންތަކެއް އަރައިނުގަނެވިގެން އުޅެނިކޮށެވެ. ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާއި، ބާރުގަދަ ތޫފާންތަކުގެ ސަބަބުން އެތައް ބަޔަކު މަރުވެ ދަނޑުބިންތަކަށް ގެއްލުންތައް ލިބިފައިވާ އިރު، ހަނަފަސްކަމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާތަކުގައި ވެސް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފަ އެވެ.

މިއަދު ބާއްވާ ހާއްސަ ޖަލްސާގައި މަހާސިންތާ ފައްޓަވައިދެއްވާނީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ އިސް ވެރިޔާ ސިމޯން ސްޓިއޭލް އާއި މިސްރުގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން މި މަހާސިންތާގެ ރިއާސަތު ބަލަހައްޓަވާ، ސާމިހް ޝުކުރީ އެވެ. ސިމޯންއަކީ ކެރީބިއާގެ ގައުމެއް ކަމަށްވާ ގްރެނާޑާގެ ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ އިދާރާ، އިންޓަގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ ރައީސް ހޮއެސުންގް ލީ އާއި ތިމާވެއްޓާ ބެހޭ ދިރާސާތައް ކުރައްވާ އިސް ބައެއް ސައެންސްވެރިން ވެސް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވާނެ އެވެ.

ދުނިޔޭގެ ގައުމުތަކުގެ އިސް ވެރިން ތަގުރީރުކުރައްވާ، ކޮޕް27ގެ އެންމެ މުހިންމު ފިޔަވަހި ފެށޭނީ މާދަމާ ހެނދުނެވެ. ގައުމުތައް ތަމްސީލްކުރައްވާ ކޮންމެ ބޭފުޅަކު ވެސް، ފަސް މިނެޓްގެ ތަގުރީރެއް ދެއްވާނެ އެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހު އޮންނާނީ، ގައުމުތަކުގެ ވެރިން، އެ ގައުމުތަކުން ގެންގުޅޭ ތިމާވެށީގެ ސިޔާސަތުތައް ހިއްސާ ކުރެއްވުމެވެ.

މަހާސިންތާގެ އަމަލީ މަސައްކަތްތަކާއި މަޝްވަރާތައް ފެށޭނީ ގައުމުތަކުގެ ވެރިންގެ ތަގުރީރުތައް ނިމުމަށް ފަހު އެވެ. މިފަހަރު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު ކަންތަކުގެ ތެރޭގައި، މިދިޔަ އަހަރު އިނގިރޭސި ވިލާތުގެ ގްލާސްގޯގައި ބޭއްވި ކޮޕް26ގެ ބައްދަލުވުމުގައި ކުރުމަށް ނިންމި ކަންތައް ހިމެނެ އެވެ.

އެ ކަންތަކަކީ؛ ހަކަތަ އުފެއްދުމަށް ބޯޓުދެލި ބޭނުންކުރުން ހުއްޓައިލުމާއި، ތަފާތު ބޭނުންތަކަށް ޖަންގަލިތައް ހަނަފަސްކުރުން 2030ގެ ނިޔަލަށް ހުއްޓައިލުމާއި، ޖައްވަށް ދޫކުރާ މީތޭންގެ މިންވަރު، 2030ގެ ނިޔަލަށް 30 ޕަސެންޓް އުނިކުރުމާއި، ތިމާވެއްޓާ ބެހޭ އާ އެކްޝަން ޕްލޭން އދ. އަށް ހުށަހެޅުމެވެ.

މިދިޔަ އަހަރުގެ މަހާސިންތާގައި ގައުމުތަކުން ވެފައިވާ މި ވައުދުތައް ފުއްދުމަށް އަމަލީ ގޮތުން މަސައްކަތް ފެށުމަށް، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ އިސް ވެރިޔާ ސިމޯން ސްޓިއޭލް ގޮވައިލެއްވި އެވެ.