ސައްހަ ނޫން މައުލޫމާތު ދެނެގަނެ، ފެކްޓްޗެކްކުރާނެ ގޮތުގެ ވޯކްޝޮޕެއް ބާއްވަނީ
ސައްހަ ނޫން މައުލޫމާތު ދެނެގަނެ، ފެކްޓްޗެކްކުރާނެ ގޮތުގެ ވޯކްޝޮޕެއް ބާއްވަނީ

ސައްހަ ނޫން މައުލޫމާތު ދެނެގަނެ، ފެތުރުން ހުއްޓުވުމަށް ފެކްޓްޗެކްކުރާނެ ގޮތުގެ ވޯކްޝޮޕެއް ބާއްވަން މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

މިއީ ޔޫރަޕިއަން ކޮމިޝަނުން ފަންޑުކޮށްގެން އިންޓަނިއުސް އާއި އެމްޖޭއޭ އަދި އައިއެފްޖޭ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ "ސްޓްރޯންގާ މީޑިއާ ތްރޫ އެންހޭންސްޑް ފްރީޑޮމް އޮފް އެކްސްޕްރެޝަން އެންޑް، ރައިޓް ޓް އިންފޮމޭޝަން" (ޕީއީއެފްއެމް) ޕްރޮގްރާމްގެ ދަށުން ހިންގާ ވޯކްޝޮޕެކެވެ.

އެމްޖޭއޭ އިން ބުނީ މިއީ ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވައި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރަން ނޫސްވެރިންގެ ގާބިލްކަން އިތުރު ކުރުމަށް ހިންގާ ވޯކްޝޮޕެއް ކަމަށެވެ. އަދި މި ވޯކްޝޮޕުގެ ސަބަބުން ރާއްޖޭގެ ފެކްޓް ޗެކް ކުރުމުގެ ދާއިރާ ފުޅާކުރަން ބާރަކަށް ވާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

މީގައި ބައިވެރިވުމަށް މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓާ ވާން ހުޅުވާލާފައި ވާއިރު، މި ވޯކްޝޮޕްގައި 10 ފަރާތަކަށް ފުރުސަތު ދޭނެ އެވެ. އެގޮތުން ބޮޑަށް އިސްކަން ދޭނީ ނޫސްވެރިންނަށް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

"މި ވޯކްޝޮޕްގެ އެކަމަށް ހާއްސަ ޓްރޭނަރުން ތަމްރީން ކުރެވޭނެ. މިއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުން އާންމުވެފައިވާ ދުވަސްވަރެއްގައި ރާއްޖެ އަށް އަދި ނޫސްވެރިންނަށް މުހިިންމު ވޯކްޝޮޕެއް،" އެމްޖޭއޭ އިން ބުންޏެވެ.

އީޔޫގެ ފަންޑިންގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ފެކްޓްޗެކިންގެ ދާއިރާ ރާއްޖޭގައި ކުރިއަރުވައި ނޫސްވެރިންގެ ގާބިލްކަން އިތުރުކުރަން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.

އިންޓަނިއުސް އިން އެމްޖޭއޭއާ ގުޅިގެން ގެންދާ މި ވޯކްޝޮޕްގައި ކިޔައިދޭނީ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާ ސައްހަ ނޫން މައުލޫމާތު ދެނެގަންނާނެ ގޮތްތަކާއި އެފަދަ މައުލޫމާތު އާންމުންގެ ސަމާލުކަމަށް ގެންނަން ފެކްޓްޗެކް ކުރާނޭ ގޮތާ ގުޅޭ ގޮތުންނެވެ. އަދި ރާއްޖޭގައި ފެކްޓްޗެކިންގެ ކޯސްތައް ހިންގާނޭ ޓްރއިނަރުން މި ވޯކްޝޮޕްގެ ތެރެއިން ތަމްރީން ކުރެވިގެންދާނެ ކަަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދޭނީ މި ސަރަހައްދުގެ ފެކްޓްޗެކިންނާ ގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ވޯކްޝޮޕް ބޭއްވުމުގެ އިތުރަށް ރާއްޖޭގެ މީޑިއާތަކުގެ ނިއުސް ރޫމްތަކުގައި ފެކްޓްޗެކިންއާ ގުޅޭ ފަންނީ ގާބިލްކަން އިތުރުކުރުމަށް ޓްރޭނިންތަކާއި ހަރަކާތްތައް ހިންގާނެ ކަމަށާއި އެގޮތުން ނިއުސްރޫމެއްގައި ފެކްޓްޗެކިން އިންކުއުބޭޓާއެއް އުފެއްދުމަށް ފަންނީ އެހީ އަދި މާލީ އެހީދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.