ކްލަބް މޯލްޑިވްސް ކަޕް ފެނަކަ ކާމިޔާބުކޮށްފި
ކްލަބް މޯލްޑިވްސް ކަޕް ފެނަކަ ކާމިޔާބުކޮށްފި

ފަހަތުން އަރައި ފަހު ވަގުތު 2-1 އިން އެމްޕީއެލް ބަލިކޮށް ފެނަކަ އިން ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ރޭ ހޯދައިފި އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ލީޑު ނެގީ އެމްޕީއެލް އިންނެވެ. މި ގޯލް 15 ވަނަ މިނެޓުގައި ޖެހީ އަލީ ޝަމާލް އަބްދުﷲ އެވެ. ފެނަކަ އަށް 33 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އައްޒާމް އެވެ. ފެނަކަ މޮޅުވީ ފަހު މިނެޓުގައި ހުސެއިން ޝަރީފް (އޮންލީ) ޖެހި ގޯލުންނެވެ.

ފައިނަލް މެޗަށް ފަހު ފެނަކަ އަށް ތަށި ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކައިގެ އަޔާޒް އަހުމަދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަޔާޒުގެ އިތުރުން ފެނަކައިގެ އޮންލީ އާއި އެމްޕީއެލްގެ ސާދު ނިޒާރާއި އިސްމާއިލް ފާތިހު އަދި އެޗްޑީސީގެ އަބްދުﷲ ޝާފިއު އެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފެނަކައިގެ އަބްދުﷲ ނަސީރު (އަބޯ) އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ 13 ގޯލް ޖެހި އޮންލީ އެވެ.

އެންމެ ވަރުގަދަ ސަޕޯޓެއް ދިން ޓީމަކަށް ހޮވުނީ ރޯޑް ރިކްރިއޭޝަން ކްލަބެވެ. ފެއާޕްލޭ ޓީމަކީ ވެމްކޯ އެވެ. ފެއާޕްލޭ ކުޅުންތެރިޔަކީ އެޗްޑީސީގެ ނާއިޒް ހަސަން އެވެ.