ހިތް
ހިތް

ބުދަ ދުވަހާ ގުޅޭ

"ނަޒްދާ ވެސް އަޒާން ގޮވައިގެން ހިނގާ ދަމާ!" މުޖުތަބާ ތަށްޓަށް އެއްޗެހި އަޅަމުން ބުންޏެވެ.

ކުރިން ވެސް މުޖުތަބާ އެހެން ބުނެއެވެ. އެއީ އަނގަމަޖަލަކަށް ބުނާ އެއްޗެއްކަމެއް ނޫނީ ފަހަށް ވިސްނައިނުލައި ބުނާ އެއްޗެއްކަމެއް ނަޒްދާއަކަށް ނޭނގެއެވެ. ފަހު ވަގުތު ކޮންމެވެސް ބަހަނާއެއް ދައްކައިފައި މުޖުތަބާ ދާނީ އެކަންޏެވެ. އެންމެ ފަހުން ފަހަރު ބުނީ ނަޒްދާއާއި އަޒާންގެ ޓިކެޓު، އެއާލައިނުން އެހެން މީހަކަށް ވިއްކައިލީކަމުގައެވެ. ނަޒްދާއަކީ މާ ގިނައިން ދަތުރުކޮށްއުޅޭ މީހެއް ނޫނެވެ. އެކަމަކު ޓިކެޓެއް ވިއްކުމަށް ފަހު އެ ޓިކެޓު އެހެން މީހަކަށް ވިއްކަފާނެކަމަކަށް ނަޒްދާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ޝަކުވާ ނުކުރަނީއެވެ. މުޖުތަބާޔާ މެދު ނަޒްދާ ކުރާނެ ފޮނި އެއްވެސް އުންމީދެއް ނެތީމައެވެ.

"އަހަރުމެން ބައިތިއްބާ މާލޭގަ،" ނަޒްދާ އެދުނެވެ. "ކަމެއް ކޮށްދެންޏާ ސަބްމެރީނުން ޓިކެޓެއް ނަގައިދީ. އަޒާން ވަރަށް އުފާވާނެ. އޭނަ އަބަދު ވެސް އުޅޭނެ ކަނޑުއަޑި ބަލާ ހިތުން. އެކަމަކު ޓިކެޓުނަގައިދެވެން ނެތިއްޔާ ކުރީބައިގަ ބުނާތި. އަހަރެން ބޭނުމެއް ނޫން ހުވަފެން ދައްކާފަ ބިލާހަކަށް ވާކަށް."

"އައްދެ! ހާދަހާ މޮޅު ބަހެއް ތި ބޭނުންކޮށްލީ،" ހީނގެންފައި މުޖުތަބާ ބުންޏެވެ. "މިހާރު ނަޒްދާ ވެސް ހާދަ ގަދަކޮށްފިޔޭ ދޯ؟ ސަބްމެރީނުން ޓިކެޓެއް ނެގިޔަސް ބެންކޮކަށް ދެވިދާނެއްނު. ހުރޭ އަހަރެން ބަލާލާފަ ބުނާނަން."

މުޖުތަބާ ނިދަން ކޮޓަރިއަށް ވަން އިރު ނަޒްދާ އޮތީ "ނިދައި މަރުވެފައެވެ." ނީޒާ ފޮނުވި ފޮޓޯތައް ފެނުނު ފަހުން، ކޮންމެ ރެޔަކު ވެސް ނަޒްދާ ހަދަނީ އެހެންނެވެ. މުޖުތަބާ ދެކެ ނަޒްދާ ފަކުރުގަންނަން ފަށައިފިއެވެ. ނަޒްދާ މަކަރުހަދާކަން ފަޅާއަރާނެކަމާއި، އެ ދުވަހަކުން މުޖުތަބާ ބާރުގެ ބޭނުންކުރާނެކަން ނަޒްދާއަށް އެނގެއެވެ. އެ ރޭ ވެސް ނަޒްދާގެ ކޮނޑުގައި މުޖުތަބާ އަތްލުމުން، ނިދީގައިކަމަށް ހަދައިފައި ނަޒްދާ އެ އަތް ފޮޅުވައިލިއެވެ. މުޖުތަބާ ކުރިޔަށް ވުރެ ބާރުލައިފައި ނަޒްދާ މަގަތަށް ފުރޮޅައިލިއެވެ. ނަޒްދާ ބިރުން އުޅުނު ކަންތައް ނަޒްދާޔާ ބައްދަލުކުރިލެއް ލަހެއް ނުވިއެވެ.

"އެއްރޭ ނިދިދާނެ. ކޮންމެ ރެޔަކު ނުނިދޭނެ،" މުޖުތަބާ ހިތްހަމަނުޖެހިފައި ބުންޏެވެ. "މިރޭ ގަދަކަމުން ވިޔަސް ނަޒްދާގެ ލޯ ހުޅުވާނަން. ލޯ ހުޅުވާ!"

އުޑުމަތި ބަނަކޮށް އޮތް ދުވަހެކެވެ. އަސުރުވަގުތު ނިމުނީމައި ވެސް، ބަންދުބޯޑު އަޅުވައިގެން ފޮތްފިހާރަ ތެރޭގައި ނަޒްދާ އިނެވެ. ގާތުގައި މޫމިނާ ވެސް އިނެވެ. މުޖުތަބާ ކަންތައްކުރި ގޮތް ނަޒްދާ ކިޔައިދީފިއެވެ. މޫމިނާ އެކިއެކި ހިޔާލުދިނެވެ.

"ފިރިޔަކަސް އެހެނެއް ނެހެދޭނެ!" ހިތްވަރުދޭ ރާގެއްގައި މޫމިނާ ބުންޏެވެ. "ނަޒްދާ މައްސަލަޖައްސާ. މިހާރު ޖެންޑާއަށާ ޕޮލިހަށް ވެސް ރިޕޯޓުކުރެވޭނެ. މުޖޫއަށް އަދަބު ވެސް ލިބޭނެ. ސައިޒުކޮށްލަބަލަ!"

އިސްޖަހާލައިގެން ރޯން އިން ނަޒްދާ ޗޮކެއްކަނޑައިލިއެވެ. މުޖުތަބާއަކީ އަޒާންގެ ބައްޕައެވެ. ބައްޕަ ޖަލަށްލުމާއި، ޖަލަށްލީ ސަބަބު ނޫސްތަކުގައި ޖެހުމުން އަޒާންގެ މުސްތަގުބަލަށް ކުރާނީ ކޮން ކަހަލަ އަސަރެއް ހެއްޔެވެ؟ ނަޒްދާ ހަޔާތުގެ ނާރެހަކީ އަޒާންއެވެ. އަނެއްކޮޅުން، މުޖުތަބާ ޖަލުގައި ހުންނަ ދުވަސްތަކުގައި އަޒާނަށް ހަރަދުކުރާނީ ކާކު ހެއްޔެވެ؟ ޖަލުން މިނިވަންވާ ދުވަހު ނަޒްދާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހައި ކަމަކަށް ނަޒްދާ ވިސްނަން ޖެހެއެވެ. މާލޭގައި ގެދޮރު ނެތީމައެވެ.

"އަހަރެން މުޖޫއަށް ގުޅާފަ ބިރުގަންނަވާލަންތަ؟" މޫމިނާ އެހިއެވެ. "ލޯޔަރެއް ލައްވަޔޭ ގުޅުވާނީ."

އެއަށް ވެސް ނަޒްދާ ޗޮކެއްކަނޑައިލިއެވެ. ނޭވާ އެތެރެއަށް ދަމައިލިއެވެ. ޓިޝޫއިން ނޭފަތް ފުހެލިއެވެ. މުޖުތަބާ ކަންތައްކުރި ގޮތް އެހެން މީހަކަށް ކިޔައިދިންކަން މުޖުތަބާއަށް އެނގުނަސް ވަރަށް އެއްޗެހިކިޔާނެއެވެ.

"އަހަރެން ކަހަލަ ބީރައްޓެހިންނަކަށް ނޯންނާނެ ގޮތެއް،" ނަޒްދާ ބުންޏެވެ. "ހެދިހާ ގޮތެއް ހެދިގެން އިންނަން ޖެހޭނީ."

"ނުޖެހޭނެ އިންނާކަށް،" މޫމިނާ ހިތްވަރުދިނެވެ. "ތިހެން ހަދަންޏާ އެ ކަހަލަ ފިރިހެނުން ހައްތަހާ ފުއްޕާނެ. ކޯޓަށް ފޯމުވައްޓާލާ! ބުނާނެ ދަރިއެއް ނުދޭނަމޭ! ދަރި ވެސް ޖެހޭނީ ދޭން. އޭނަ ކިހިނެއް އަޒާން ބަލާނީ؟ މިހާރު ވެސް އަޒާނަށް އެންމެ މިނެޓެއް ވެސް އޭނައަކަށް ނުދެވޭ. ދަރި ގޮވައިގެން ނަޒްދާ އާދޭ އަހަރެން ގެއަށް. ހުންނާނެ ހުސް ކޮޓަރިއެއް ވެސް. އަހަރެން ކާ އެއްޗެއް ނަޒްދާ ވެސް ކައިގެން ހުންނާނީ. ކޮން ކަމަކާ ހާސްވަނީ؟ ހުރިހާ ފަހަރަކު ސިކުނޑިން ނުވިސްނާ ބައެއް ފަހަރު ހިތުން ވެސް ޖެހޭނެ ވިސްނަން."

އެ ވަގުތު ނަޒްދާއަށް މެސެޖެއް އައެވެ. މޫމިނާއަށް ވެސް ފެންނަ ގޮތަށް ނަޒްދާ މެސެޖު ހުޅުވައިލިއެވެ. މޫމިނާ ފޯނު ޖަހައިގަތެވެ. އޭރު ނަޒްދާއަށް މެސެޖު އެއްކޮށް ނުވެސް ކިޔެއެވެ. ސިއްރުސިއްރުން މޫމިނާ ބަލައިލީ އެ މެސެޖު އައި ނަންބަރެވެ. ނަޒްދާ ހިތަށްއެރިއެވެ. އެއީ ނުފޯރާނެ މަންޒިލެކެވެ. ނިމުމެއް ނެތް އިންތިޒާރެކެވެ. މޫމިނާ އަތުން ފޯނު އަތުލައިފައި، ނަޒްދާ މެސެޖު ބަލައިލިއެވެ.

"އުދަރެހުގެ ބަނަކަން، މަގުތަކުގެ ފަޅުކަން، އަހަރެން ހިތުގެ ނުތަނަވަސްކަން،" މެސެޖުގައި އޮތެވެ. "އެބަ ކިޔައިދޭ ކޮންމެވެސް ގޮތެއް ވެއްޖެކަން. އާ ޔޫ އޯކޭ؟"

ހިތާދެކޮޅަށް ނަޒްދާ އެ މެސެޖު ފުހެލިއެވެ. އެއީ ގަދަކަމުން ނަޒްދާ ކުރާ ކަމެކެވެ.

"ތިހާ ލޯބިވާ މީހަކު ލިބުނީމަ ދެން ކޮން ކަމަކާ ތި ވިސްނަނީ؟" މޫމިނާ ބުންޏެވެ. "އެނގޭތަ؟ ކައިވެނިކުރާ ފަހުން ވެސް ލޯބިވާ މީހާޔާ ދިމާވެޔޭ. އެއީ ވާ ގޮތެކޭ. އަހަރެން މީ ނަޒްދާ ނަމަ އޭނަޔާ މެރީކޮށްގެން މިހާރު އުޅޭނީ. ހަމަ ހުވާ!"

ނަޒްދާ ވިސްނައިލިއެވެ. ކުޑަމިނުން އޭނަގެ ނަން ވެސް ނަޒްދާއަކަށް ނޭނގެއެވެ. ބަލާބެލުމަށް ނަޒްދާއަށް ހީވަނީ އޭނަ ހަގުހެންނެވެ. ނަޒްދާގެ ދަރިފުޅު ވާނީ އޭނަގެ ދޮންދަރިޔަކަށެވެ. އަޒާން ދެކެ ދޮންބައްޕަ ލޯބިވާނެ ހެއްޔެވެ؟ އެހައި ހިސާބަށް ވެސް ނަޒްދާ ވިސްނިއެވެ.

"މިހާރު އަޒާން ނިމިދާނެ،" ތެދުވަމުން ނަޒްދާ ބުންޏެވެ. "އެއްކަލަ ލިސްޓު ސިސްޓަމަށް އެންޓަރ..."

"ސާބަހޭ!" މޫމިނާ ބުންޏެވެ. "ދުނިޔޭގަ ލެއްވި ހުރިހާ ކަމަކަށް އެބަ ވިސްނާ! ލައިފާ ދޭތެރޭގަ ވިސްނިއްޔާ މާ ރަނގަޅެއްނު. ބުޅަލަކަށް ވެސް ހަމަޖެހިގެން ނޭވާލުމުގެ ހައްގު އޮވޭ! އެކަމު އެ ވަރު ވެސް ނަޒްދާއަކަށް ނެތް! ޕްލީޒް ނަޒޫ! އެކަކު ވެސް އަބަދަކު ވެއިޓެއް ނުކުރާނެ އިނގޭ!"

"އަހަރެން ނުބުނަން ވެއިޓްކުރާށެކޭ! ހިންޓެއް ވެސް ނުދެން،" ނުކުންނަމުން ނަޒްދާ ބުންޏެވެ. "އަހަރެންމީ މީހެއްގެ އަންބެކޭ! އެންމެން އެ ކަން ހަނދާންނައްތައިލިޔަސް މޫމި ޖެހޭނެ ހަނދާންބަހައްޓަން."

ގުރުއާންކިލާހުގެ ދޮރުމަތިން އަޒާންގެ އަތުގައި ހިފައިގެން ނަޒްދާ ސައިކަލު ކައިރިޔަށް ދިޔަ އިރު، ސައިކަލުގެ ފުރޮޅަކު ވަޔެއް ނެތެވެ. ނަޒްދާ ހިތަށްއެރިއެވެ. އެ ތަނަށް އައި އިރު ވެސް ފުރޮޅުގައި ވަޔެއް ނެތްބާއެވެ؟

"ކަންތަކާ ޖެހުނީނު!" މަޑުމަޑުން ނަޒްދާ ބުންޏެވެ. "ކާރެއް ނުލިބޭނެ. ހިނގާފަ ދަމާ ދޯ؟"

ފަހަތުން ބަރުގޮނުއަޅައިލި އަޑުއިވުނެވެ. ނަޒްދާ ބަލައިލި އިރު، ފެހިކުލައިގެ ކުޑަކުޑަ، ރީތި ކާރެއް މަޑުކޮށްލައިގެން އޮތެވެ. ދުއްވަންއިނީ، އެ މީހަކު ފެނުމުން ނަޒްދާ އެންމެ އުފާވާ މީހާއެވެ.

"ކިހިނެއްވީ؟" ކާރުގެ ބިއްލޫރި ތިރިކޮށްލަމުން އޭނަ އެހިއެވެ.

"ސައިކަލު.." އެ ހިސާބަށް އަޒާން ބުނާ އިރަށް، ނަޒްދާޔާ ދިމާއަށް އަޒާން އަނބުރައިލިއެވެ.

"ސައިކު ހަލާކުވީ؟ އަރާ! ގެއަށް ޑްރޮޕްކޮށްލަދީފާނަމޭ!" އޭނަ އެދުނެވެ.

"އޯކޭވާނެ! މި ތާ ކައިރީގަ ގެ ހުންނަނީ. އަހަރުމެން ހިނގާލާނީ ދޯ ދަރިފުޅާ!" ނަޒްދާ ހިނގައިގަންނަމުން ބުންޏެވެ.

އޭނަ ވެސް މަޑުމަޑުން ކާރުދުއްވައިލިއެވެ. ކާރުގެ ފަހަތުގައި ސައިކަލާއި، ޕިކަޕަކާއި، ކާރެއް ވެސް ނުދެވިފައި އޮތެވެ. "އޭނަ" ކާރު މަޑުން ދުއްވާތީ ފަހަތުން ބަރުގޮނުއަޅަން ފެށިއެވެ. ނަޒްދާ ބޭނުންވީ ކާރު އެ ތަނުން ދާށެވެ.

"މަގު ބްލޮކްވަނީ!" ނަޒްދާ ބުންޏެވެ.

"އާނއެކޭ!" އޭނަ ބުންޏެވެ. "ކާރަށް އެރީމަތާ އެހެން މީހުންނަށް ވެސް ފަސޭހަވާނީ. އަހަންނަށް އެނގޭ މި ތާ ކައިރީ ނަޒްދާގެ ގެއެއް ނުހުންނާނެކަން."

ފުން ނޭވައެއް ބޭރުކޮށްލައިފައި ނަޒްދާ ކާރަށް އެރިއެވެ. ކާރު އެތެރެ ވަރަށް ފިންޏެވެ. ލެވެންޑާގެ ހިތްގައިމު ވަހާއި، އެކޯސްޓިކް ގިޓާގެ މަޑުމަޑު މިޔުޒިކު އެކުވުމުން ތަނަށް ފެތުރިފައިވަނީ އަޖައިބެއް ކަހަލަ ޖާދޫއެކެވެ. އަޒާން އިނީ ނަޒްދާގެ އުނގުގައެވެ. ތެދަށް ބުނާ ނަމަ ނަޒްދާ އިންނަން ބޭނުންވަނީ "އޭނަގެ" އުނގުގައެވެ.

"މީ އިގްލޫއެއްތަ؟" އަޒާން ސުވާލުކުރިއެވެ.

އިގްލޫއަކީ އާޓިކު ސަރަހައްދުގެ އަހުލުވެރިން ދިރިއުޅެން، ގަނޑު ސުނޯއިން ހަދައިފައި ހުންނަ ގެއެކެވެ. އަޒާން އެހެން ބުނުމުން ހިނިއައީ އެންމެ މީހެކެވެ. ނަޒްދާގެ ތުންފަތަކަށް ހިނިތުންވުން ވެރިއެއްނުވިއެވެ. "އޭނައަށް" އެ ތަން ފެނުނެވެ.

"ހާސްނުވޭ!" އޭނަ ބުންޏެވެ. "ފުރޮޅަށް ވައިޖަހާލީމަ ސައިކް އޯކޭވާނެ."

"ފުރޮޅުން ވައިދިޔަކަން ކިހިނެއް އެނގުނީ؟" ނަޒްދާއަށް ބުނެވުނެވެ.

ނޭނގެންވީ އެއްޗެއް އެނގުނުކަން އޭނައަށް އެނގުނީ ދެނެވެ.

"އަޒާން ބުންޏެއްނު ސައިކު.." އޭނައަށް ބުނެވުނީ އެ ހިސާބަށެވެ.

"އުހުނ! އަޒާނެއް ނުބުނޭ!" ކުރިމަތިން މަގަށް ބަލަހައްޓައިގެން އިނދެ ނަޒްދާ ބުންޏެވެ. "ކާރު ހުއްޓަފާނަން؟"

"ނަޒްދާ ތި ހީކުރަނީ އަހަރެންކަމަށްތަ..." އޭނައަށް ބުނެވުނީ އެ ހިސާބަށެވެ.

"ކާރު ހުއްޓާ!" ނަޒްދާ އެދުނެވެ. "ޕްލީޒް!"

ކާރު މަޑުކުރުމުން، އަޒާން ގޮވައިގެން ނަޒްދާ ފޭބިއެވެ. ކައިރީގައި އޮތް ގޯޅިއެޅިއެވެ. އައި ރުޅިން އޭނައަށް ކުރެވުނުހައި ވެސް ކަމަކީ ކާރުގެ ހުންގާނުގައި ދެ އަތުން ތަޅައިގަތުމެވެ. ސައިކަލުގެ ފުރޮޅުން ވައިދިޔަ ވާހަކަ އޭނައަށް ބުނެވުނީ ބޭއިހުތިޔާރުގައެވެ. އެ ކަން ކުރުވީ އޭނައެވެ. ނަޒްދާ ކާރަށް އެރުވުމަށް ޓަކައެވެ.

ނަޒްދާ ގެއަށް ވަން އިރު ގޭގައި މުޖުތަބާ އިނެވެ. ވަރަށް ރުޅިއައިސްފައި، ކޮންމެވެސް މީހަކާ ފޯނުން ވާހަކަދެއްކިއެވެ. ނަޒްދާއަށް އިވުނު ވާހަކައިން ހީވީ ޓިކެޓަށް ކޮންމެވެސް ކަމެއްވީހެންނެވެ. ނަޒްދާ ނުވެސް އަހައެވެ. ރޭގަނޑު ކާން އިށީން އިރު ވެސް މުޖުތަބާ އިންނަނީ ހިތްހަމަނުޖެހިފައެވެ. ދެން ވެސް ނަޒްދާ ސުވާލެއް ނުކުރެއެވެ. އެންމެ ފަހުން މުޖުތަބާ އިސްވެ ވާހަަކަ ފެށިއެވެ.

"ހަމަ ކޮންމެ ފަހަރަކު ވެސް މި ކަހަލަ ގޮތެއް މި ވަނީ،" މުޖުތަބާ ބުންޏެވެ. "ނަޒްދާގެ ޓިކެޓު އޮތީ އޯކޭނުކުރެވިޔޯ! އަޒާންގެ ޓިކެޓު އޯކޭ!"

ނުނިމޭ