05 ނޮވެމްބަރ 2022 - 13:59

އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރުމާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު މުހައްމަދު ޝާފިއު އެފަދަ އަމަލެއް ކޮށްފައިވާ ކަމުގެ ހެއްކާއި ގަރީނާ ނެތުމުން ފުލުހުން އެ މައްސަލަ ނިންމައި ފައިލްކޮށްފި އެވެ.
އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލުހުން އެ މައްސަލަ ފައިލްކޮށްފައި ވާތީ ޝާފިއުގެ ސަސްޕެންޝަން ވެސް މިހާރު އުވާލާފައިވާ ކަމަށެވެ.
ނޫސްވެރިންނަށް ހާއްސަ ކޮށްގެން އިންޑިއާގައި މި ފަހުން ބޭއްވި ތަމްރީން ޕްރޮގްރާމްގައި ކައުންސިލުގެ ފަރާތުން ބައިވެރިވި ޝާފިއު، އެ ދަތުރުގައި އަދި އޭގެ ފަހުން ވެސް "ވަގުތު" ނޫހުގެ ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރުމާ ގުޅިގެން އެމްއެމްސީން އޭނާ ސަސްޕެންޑްކުރީ މިދިޔަ މަހު 24 ގަ އެވެ.
ޝާފިއުގެ ސަސްޕެންޝަން އުވާލީ، އޭނާގެ މައްޗަށް ތުހުމަތުވާ "މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ޖިންސީ ގޮތުން ފުރައްސާކުރި މައްސަލަ" އަށް އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައި ނެތުމުން ފުލުހުން އެ މައްސަލަ ނިންމައި ފައިލްކޮށްފައި ވާތީ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެމްއެމްސީން ބުނީ ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި ކަމަށް ބަޔާންކޮށް، އެ ކައުންސިލާއި ކައުންސިލުގެ މެމްބަރުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ހަގީގަތާއި ހިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އެ ނޫހުގައި ޝައިއުކޮށްފައިވާ ހަބަރުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަބަރުތަކަކީ މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފަށް، ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ހަގީގަތަށް ބެލުމެއް ނެތި ޝާއިއުކޮށްފައިވާ ހަބަރުތަކެއް ކަމަށް ވެސް ބުންޏެވެ.
ވަގުތު ނޫހުގެ ހަބަރާ ގުޅިގެން ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކަމުގެ ހަގީގަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެކަމާ ގުޅޭގޮތުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުމަތައުތަކުގައި މަސައްކަތްކުރާ ގޮތް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް އެ ކައުންސިލުން އިލްތިމާސްކުރި އެވެ.
އަމިއްލަ މީހުންގެ ސްލޮޓުގައި ވާދަކުރައްވައި އެމްއެމްސީ އަށް އިންތިހާބުކުރި ޝާފިއު ވަނީ އޭނާ އަށް ކުރި ސީރިއަސް ތުހުމަތާ ގުޅިގެން އެމްއެމްސީގައި އޭނާ އިންނަވާ ކޮމިޓީތަކުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލާގައި ވަގުތު ނޫހުން ނެރުނު ބަޔާނުގައި ބުނީ އެ ނޫސްވެރިޔާ އަށް ތަކުރާރުކޮށް މެސެޖުކޮށް، ޒާތީ ކަންކަމާ ގުޅޭގޮތުން ސުވާލުކުރަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އަމަލާ ގުޅިގެން އޭނާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލި އެވެ.
ނަމަވެސް ޝާފިއު ވަނީ އޭނާއާ ދެކޮޅަށް ކުރި ތުހުމަތު އޭރު ވެސް ދޮގުކުރައްވައިފަ އެވެ. އެފަދަ އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޝާފިއު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހެޅީ ވެސް ވަގުތު ނޫހުންނެވެ.