05 ނޮވެމްބަރ 2022 - 12:13

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ކޯލިޝަންގެ 87 ދާއިރާއެއްގެ ވޯޓުލުން، މާލެ އާއި ބައެއް ރަށްރަށުގައި މިއަދު ހެނދުނު 10 ޖަހާއިރު ފަށާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ހަތަރެއް ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓުގެ ހުރިހާ ކަމެއް ވެސް އަދި ވަރަށް ރަނގަޅަށް ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށް ދަނީ ހެންވޭރު ދަނޑުގަ އެވެ. ވިލިމާލޭގެ ވޯޓުފޮށި ބަހައްޓާފައި ހުރީ ވިލިމާލޭ ޔޫތު ސެންޓަރުގަ އެވެ. ހުޅުމާލޭ ވޯޓުފޮށި ބަހައްޓާފައި ހުރީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގަ އެވެ. އަދި ރަށްރަށުގައި ވޯޓުލުން ކުރިއަށް ދަނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީން ކަނޑައަޅާފައިވާ ތަންތަނުގަ އެވެ.

އިދިކޮޅުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިންތިހާބުގައި ވޯޓު ދެވޭނީ، އެ ކޯލިޝަންގެ ފަރާތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި ނަން އޮތް މީހުންނަށް އެކަނި ކަމަށެވެ.
ވޯޓު ލާން ދާ މީހުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހެ އެވެ. އެ ލިޔުމުގެ މުއްދަތު ހަމަވެފައި ވިޔަސް ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
މިއަދު ބާއްވާ އެތެރޭގެ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ވަކި ކެނޑިޑޭޓުންތަކެއް ޕްރޮމޯޓްކުރާ ކަމަށް ބުނެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބަޔާނެއް ވެސް ނެރުނެވެ.
އެ ބަޔާނުގައި ބުނީ "ޗެނަލް 13" އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމްގައި ވަކި ބަޔަކު ޕްރޮމޯޓްވާ ގޮތަށް ވާހަކަދައްކާފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އެފަދަ އަމަލުތަކަކީ އެ ކޯލިޝަނުންނާއި ކޯލިޝަންގެ ލީޑާޝިޕުން ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުންޏެވެ.
ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައިވާ މާލެ ސިޓީ ކައުންސިލުގައި ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވެސް އެ މައްސަލާގައި ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ އެ ކޯލިޝަންގެ އެތެރޭގެ ކަންކަމާ ބެހި، ވަކި ކެނޑިޑޭޓަކަށް ކެމްޕެއިން ކުރެއްވުން ކުށްވެރިކުރާ ކަމަށާއި ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަންފާ ހޯދުމަށް މަސައްކަތް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.