ޝާޒް ސެމީ ފައިނަލަށް، ފަޔާޒަށް އަދި ފުރުސަތު އެބަ އޮތް
ޝާޒް ސެމީ ފައިނަލަށް، ފަޔާޒަށް އަދި ފުރުސަތު އެބަ އޮތް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ "ލިޓަސް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ފިރިހެން އެއް ވަނަ ޑިވިޝަންގެ ސެމީ ފައިނަލުގައި މުހައްމަދު އަކްސަމް ވަހީދާއި، މިދިޔަ އަހަރުގެ ތިން ވަނަ ހޯދި ހަސަން ޝާޒް މުހައްމަދު ވާދަކުރަން ޖެހިއްޖެ އެވެ.

ފިރިހެން އެއް ވަނަ ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލަށް ޝާޒް ދަތުރު ކުރީ ރޭ ކުޅުނު މެޗުގައި 9-7 ފްރޭމުން މުހައްމަދު ދުންޔާޒް ބަލިކޮށްފަ އެވެ. އަކްސަމް ވަނީ 9-5 ފްރޭމުން ރޭ އަލީ ފަޔާޒް ބަލި ކޮށްފަ އެވެ. އޭގެ ކުރިން އަކްސަމް ވަނީ 9-8 ފްރޭމުން މިދިޔަ އަހަރުގެ ޗެމްޕިއަން ހުސެއިން ފަޔާޒް ވެސް ބަލި ކޮށްފަ އެވެ.

އަކްސަމް އަތުން ބަލިވި ފަހުން ހުސެއިން ފަޔާޒް ވަނީ 9-5 ފްރޭމުން އިސްމާއިލް ޖީހާން ބަލިކޮށް، މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު އާކޮށްފަ އެވެ. މިއާ އެކު ފަޔާޒް މިއަދު އަލީ ޝާވިންއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އެ މެޗުން މޮޅުވާ ކުޅުންތެރިއަކު ދުންޔާޒް އާ ދެކޮޅަށް ކުޅޭނެ އެވެ.

ދެ ވަނަ ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލަށް ހޮވުނީ މުހައްމަދު އައްފާން ޔޫސުފް އާއި އިސްމާއިލް ޝިޔާމް އެވެ. ރޭ ކުޅުނު މެޗުގައި އައްފާން ވަނީ 7-5 ފްރޭމުން އިބްރާހިމް ރަޝީދު ބަލިކޮށްފަ އެވެ. ޝިޔާމް ސެމީ ފައިނަލަށް ދަތުރު ކުރީ 7-5 ފްރޭމުން ހަސަން ރާޖޭޝް މޫސާ ބަލި ކޮށްފަ އެވެ.

އަންހެން ޑިވިޝަންގައި ފުރަތަމަ ދުވަހު ދެ މޮޅު ހޯދައިގެން އައިޝަތު އަލީ އާއި މިދިޔަ އަހަރުގެ ރަނަރަޕް އާމިނަތު އަޒްރާ ވަނީ ސެމީ ފައިނަލްގެ ސީދާ ޖާގައެއް ހޯދައިފަ އެވެ.

މިދިޔަ އަހަރު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދީނާ އަހުމަދު ވަނީ ރޭ 5-1 ފްރޭމުން ފަޒްނާ މޫސާ ބަލިކޮށްފަ އެވެ. ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ދީނާ މިއަދު ބައްދަލުކުރާނީ އާމިނަތު ހަލީމް އާ ދެކޮޅަށެވެ. އާމިނަތު ހަލީމް ވަނީ ރޭ 5-1 ފްރޭމުން އާމިނަތު އަޒީމާ ބަލި ކޮށްފަ އެވެ.

ގައުމީ މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ (އާދިއްތަ ދުވަހުގެ) ރެއެވެ.