04 ނޮވެމްބަރ 2022 - 20:03

ދުބާއީގައި އުޅުމަށް ފަހު އެނބުރި ސްރީ ލަންކާއަށް ދިޔަ މީހެއްގެ ހަށިގަނޑުން މަންކީ ޕޮކްސްގެ އަލާމާތްތައް ފެނިގެން ކުރި ޓެސްޓުތައް ޕޮޒިޓިވް ވެއްޖެ އެވެ.
މިއީ ލަންކާ އިން މިހާތަނަށް ފެނުނު މަންކީ ޕޮކްސްގެ ފުރަތަމަ ކޭހެވެ.
ސްރީ ލަންކާގެ، އުމުރުން 20 އަހަރުގެ ޒުވާނާ ދުބާއީން އައީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށާއި އައި އިރު ހުން އައިސް އެކި ތަންތަނުގައި ފޮޅުތަކާއި ގޮށް ލާފައި ހުރުމުން ލަންކާގެ އެސްޓީޑީ ކްލިނިކަށް ގެންގޮސް ޓެސްޓުތައް ހެދީ ބުދަ ދުވަހު ކަމަށް ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ހެދި ހުރިހާ ޓެސްޓަކުން ވެސް އެ ޒުވާނާގެ ބައްޔަކީ މަންކީ ޕޮކްސްކަން ކަށަވަރުވީ އިއްޔެ އެވެ.
މަންކީ ޕޮކްސް އަށް ޝައްކުވެގެން މީގެ ކުރިން ލަންކާގައި ވަނީ ހަ މީހަކު ޓެސްޓުކޮށްފަ އެވެ. އެ މީހުންގެ ޓެސްޓުތައް ދެއްކީ ނެގެޓިވް ކަމަށެވެ.
މި އަހަރުގެ މެދުތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މަންކީ ޕޮކްސް އަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ބައްޔެއް ކަމަށް ކަނޑައަޅައިފަ އެވެ.