04 ނޮވެމްބަރ 2022 - 18:34

އެފްއޭއެމުން ބާއްވާ 12 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު މެންދުރުފަހު ކުޅެން އޮތް މެޗުތަކަށް ރެފްރީން ހާޒިރުނުވުމުން މެޗުތައް ކެންސަލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، މާފަންނު ޓާފް ދަނޑުގައި ބާއްވާ މި މުބާރާތުގެ މިއަދު މެންދުރުފަހުގެ މެޗުތަކަށް ރެފްރީން ނުދިޔައީ، ކުރީގެ މެޗުތަކަށް ދޭން ޖެހޭ ފައިސާ ދީފައިނުވާތީވެ އެވެ.
ހުކުރު ދުވަސް ކަމުން މެޗުތައް ބަލަން ކުޅުންތެރިންގެ އާއިލާ އާއި ގާތް އެތައް ބަޔަކު ދަނޑަށް ދިޔަ އެވެ. އެކަމަކު މެޗުތައް ނެތުމުން އެންމެން އެނބުރި އަންނަން ޖެހުނީ އެވެ.
"ވަރަށް ގިނަ ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ މީހުން ވެސް ގޮސް ތިބި. ނުކުޅެ ދާން ޖެހުމުން ކުދިން ތިބީ ވަރަށް ދެރަވެފައި،" އޭނާ ބުންޏެވެ.
މިކަމުގައި އެފްއޭއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތެއް ކާމިޔާބެއް ނުވި އެވެ.
އެފްއޭއެމް މިވަގުތު އޮތީ ވަރަށް ބޮޑަށް ދަރަނިވެރި މާލީ ގޮތުން ފުންވަޅުގަނޑެއްގެ ތެރޭގަ އެވެ. އިއްޔެ ވެސް ސިވިލް ކޯޓުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ އެއް މަސް ތެރޭ ދައްކަން ހުކުމްކޮށްފަ އެވެ.
އެފްއޭއެމުން ކްލަބްތަކާއި އެނޫން ވެސް ގިނަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދީ އެބައޮތެވެ. ސްޓެލްކޯ އަށް ކަރަންޓު ބިލު ނުދައްކާތީ އެފްއޭއެމް ހައުސް ހިންގާ އިމާރާތުން ދާދި ފަހުން ކަރަންޓު ކަނޑާލާފައިވެ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން، ވިޔަފާރި ކުންފުނިތަކުން މިދިޔަ އަހަރު ދިން ފައިސާ ނުދީގެން އެ ޝަކުވާ ވެސް ކުޅުންތެރިން އަންނަނީ ކުރަމުންނެވެ.