މި އަހަރުގެ ގައުމީ ބިލިއާޑް މުބާރަތް ފަށައިފި
މި އަހަރުގެ ގައުމީ ބިލިއާޑް މުބާރަތް ފަށައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ މި އަހަރުގެ "ލިޓަސް ބިލިއާޑް ޗެމްޕިއަންޝިޕް 2022" އިއްޔެ ފަށައިފި އެވެ.

އިއްޔެ މުބާރާތުގެ ކުޅުން ފެށީ ފިރިހެން ދެވަނަ ޑިވިޝަންގެ މެޗުތަކުންނެވެ. އެއްވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާ އެކު ޖުމްލަ 101 މެޗު މިހާތަނަށް ވަނީ ބާއްވައިފަ އެވެ.

ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށް ގެންދަނީ ހަތް ފްރޭމަށެވެ. އެއްވަނަ ޑިވިޝަން ނުވަ ފްރޭމަށް ކުޅޭ އިރު، އަންހެން ޑިވިޝަން ކުރިއަށް ގެންދަނީ ފަސް ފްރޭމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން ހުސެއިން ފަޔާޒް ވަނީ ރޭންކިންގެ ހަތަރު ވަނައިގައި އޮތް އިސްމާއިލް ޖީހާން އާ ވާދަކޮށް، 9-1 ފްރޭމް އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ފަޔާޒަކީ މިވަގުތު ގައުމީ ރޭންކިންގެ ދެވަނައިގައި އޮތް އެތުލީޓެވެ.

ރޭންކިންގެ ތިންވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ކުޅުނީ ގިޔާސް އަފްރާހާ ދެކޮޅަށެވެ. އެ މެޗުން ޝާޒް މޮޅުވީ ފަސޭހަ ކަމާ އެކު 9-0 ފްރޭމް އިންނެވެ. ނަމަވެސް އެއްވަނައިގައި އޮތް މުހައްމަދު ޝަރީފް ވަނީ، ފަސްވަނައިގައި އޮތް އިސްމާއިލް ސުވެއިދާ ވާދަކޮށް 9-4 ފްރޭމުން ބަލި ވެފަ އެވެ.

މިދިޔަ އަހަރުގެ ފިރިހެން ދެވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައިގެން، މިއަހަރުގެ އެއްވަނަ ޑިވިޝަންގައި ވާދަކުރާ އައްބާސް ސައީދު ވަނީ 9-3 ފްރޭމުން ނަސްރު ފިކުރީ ބަލި ކޮށްފަ އެވެ.

މިދިޔަ އަހަރުގެ އަންހެން ސިންގަލްސް ޗެމްޕިއަން ދީނާ އަހުމަދު ވަނީފުރަތަމަ މެޗުގައި 5-2 ފްރޭމުން އާމިނަތު ހަލީމް ބަލި ކޮށްފަ އެވެ. ނަމަވެސް ދެވަނަ މެޗުގައި އާމިނަތު އަޒްރާ އާ ވާދަކޮށް 5-3 ފްރޭމުން ބަލިވީ އެވެ. އަޒްރާ ވަނީ އޭނާގެ ފުރަތަމަ މެޗުގައި 5-2 ފްރޭމުން އާމިނަތު ފާތީ ބަލި ކޮށްފަ އެވެ.

ގައުމީ ބިލިއާޑް މުބާރާތް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ހަ އިވެންޓެއް ކުރިއަށް ދާނެ އެވެ. އެއީ ފިރިހެން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގެ އިތުރުން، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އަދި، ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޓީމް އިވެންޓެވެ.

ޓީމް އިވެންޓުގައި ފަސް ކުލަބަކުން ވާދަ ކުރެ އެވެ. އެއީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބް، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބް، މާޒިޔާ ސްޕޯޓްސް، ދިވެހި ސިފައިންގެ ކުލަބް އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް އީގަލްސް އެވެ.

ފިރިހެން އެއްވަނަ ޑިވިޝަންގައި 32 ކުޅުންތެރިން ވާދަ ކުރާ އިރު، ދެވަނަ ޑިވިޝަންގައި 51 ކުޅުންތެރިން ވާދަ ކުރެ އެވެ. އަންހެން ޑިވިޝަނުގައި ވާދަ ކުރަނީ ހަތް ކުޅުންތެރިންނެވެ. ޑަބަލްސް އިވެންޓް ގައި 35 ޕެއާ ވާދަ ކުރާއިރު، މިކްސްޑް ޑަބަލްސް ގައި ވާދަ ކުރާނީ 10 ޕެއާ އެވެ.