ސިއްކަގެ ދިފާއުގައި ނަޝީދު ނުކުންނަވައިފި!
ސިއްކަގެ ދިފާއުގައި ނަޝީދު ނުކުންނަވައިފި!

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވި ކަމުގެ ކުށުގައި ހުކުމް ކޮށްފައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ދިފާއުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުކުންނަވައިފި އެވެ.

ސިއްކަގެ ދިފާއުގައި ނަޝީދު ނުކުންނަވައިފި!
ސިއްކަގެ ދިފާއުގައި ނަޝީދު ނުކުންނަވައިފި!

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިއްކަގެ އަބުރަށް އަރައިގަތުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ ކަމަށެވެ.

އޭނާ އަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނައުމަށް ފަހު ނެގި އިއުތިރާފުގެ ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މީގެ ކުރިން ވަނީ އެމަނިކުފާނުގެ ނުރަސްމީ ޓުވިޓާ އެކައުންޓުން ވެސް ސިއްކަ ދިފާއު ކުރައްވައި ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށް ތުހުމަތުތަކެއް ކުރެއްވި އެވެ. ނަމަވެސް މިއީ އެ ވާހަކަ އާންމުކޮށް ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅު ސިއްކަ އަކީ ތިނެއް ނޮވެމްބަރުގެ ހަމަލާގައި ބައިވެރިވި ކަމުގެ ކުށަށް އިއުތިރާފުވުމުން 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ މީހެކެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން މައުމޫން ވަނީ އޭނާ މިނިވަން ކޮށްފަ އެވެ.

ހައި ކޯޓުން އޯގަސްޓް 12، 1989 ގައި ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ލުތުފީއާ ބައްދަލުވި ފަހަރަކު، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ވެރިންނާ ގުޅިފައިވާ ކަމަށް ބުނެ އަދި އޭރު އޮތީ ހަތިޔާރާ އެކު މާލެ ދާނެ އުޅަނދެއް ހޯދުން ކަމަށް ސިއްކަ ގާތު ލުތުފީ ބުނެފައިވެ އެވެ. އަދި މި ދާ ހަނގުރާމަވެރިން ވާގައްޔާ ހިސާބުން ދޯނިތަކުގައި މާލެއަށް ގެންގޮސްދެވިދާނެތޯ ސިއްކަ ގާތު އެހި ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ލަންކާ އާއި ރާއްޖެއާ ދެމެދު މުއާސަލާތު ކުރެވޭނެ ކޮމިއުނިކޭޝަން ސެޓެއް ހޯދަން ސިއްކައާ ވާހަކަ ދެއްކި ކަމަށާއި ސެޓުގެ ބާވަތާއި ނަންބަރު ވެސް ސިއްކައަށް ދިން ކަމަށް ވަނީ ބުނެފަ އެވެ. ޕްލޯޓް މީހުންނާ އެކު އޮތް ގުޅުން ލުތުފީ ސިއްކައަށް ކިޔައިދިން ކަމަށައި ވެރިކަން ބަދަލުކޮށްލެވިއްޖެ ނަމަ މަގާމުތައް ބަހާނެ ގޮތުގެ ވާހަކަ ވެސް ލުތުފީއާ ސިއްކައާ ދެމެދު ދެކެވުނު ކަމަށާއި ހަމަލާއެއް ދޭން ލުތުފީ ބަޔަކު ގޮވައިގެން މާލެ ދާ ވާހަކަ ބައެއް ދިވެހިން ގާތު ބުނެފައި ބުނި ކަމަށް ވެސް ސިއްކަ އިއުތިރާފްވާ ކަމަށް ހުކުމުގައިވެ އެވެ.

ސިއްކަގެ މައްޗަށް ވަނީ "ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބި، ދިވެހިރާއްޖެ ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާ ފަދަ ގޮތަކަށް އަމަލުކުރުމުގައި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާވައިގެން ހިންގި ކަންތައްތަކުގެ މައުލޫމާތު ސިއްރުކޮށްގެން ހުރިކަން" ސާބިތުވެފަ އެވެ. އަދި އޭނާ އަކީ މިކަމުގައި އެހީވި މީހެއް ކަމަށް ސާބިތުވާ ކަމަށް ވެސް އޭރުގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ އާއި ފަނޑިޔާރު އިބްރާހިމް ނަސީރު އަދި ފަނޑިޔާރު އަބްދުﷲ އާދަމް ކުރެއްވި ހުކުމުގައި ކަނޑައަޅުއްވާފައިވެ އެވެ.

މި ހުރިހާ ކަމެއް ސާބިތުވީ އިއުތިރާފަށް ބިނާކޮށެވެ.