05 ނޮވެމްބަރ 2022 - 18:40

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 202 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން އާންމުކުރި، މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތަކުގައި ވާގޮތުން، ޓެކްސް އަށް ކެނޑުމަށް ފަހު އެ ކުންފުންޏަށް 202.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު އެއީ ދެ ވަނަ ކުއާޓާއާ އަޅާބަލާއިރު 7.3 ޕަސެންޓުގެ ދަށްވުމެކެވެ.
ނިމުނު ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 627 މިލިއަން ރުފިޔާ އެވެ. އެއީ މީގެ ކުރީ ކުއާޓާއާ އަޅާބާލާއިރު 1.3 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި ކުއާޓަރުގައި ދިރާގަށް މޮބައިލް ހިދުމަތްތަކުން 316 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްތަކާއި ވިޔަފާރިތަކުން 291 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެހެނިހެން ގޮތްގޮތުން 19 މިލިއަން ރުފިޔާ ލިބުނެވެ.
އެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް 282 މިލިއަން ރުފިޔާގައި ހުރި އިރު، ޖުމްލަކޮށް ފައިދާ ދަށްވެފައި ވަނީ ދެވަނަ ކުއާޓަރުގައި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ ތިން ވަނަ ކުއާޓާއާ އަޅާބަލާއިރު އިތުރުވެފައިވާތީ އެވެ.
މި ކުއާޓާގައި ދިރާގުން ވަނީ ވަރަށް ގިނަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. ހާއްސަކޮށް، ޕޯސްޓް ޕެއިޑް ހިދުމަތުގައި "ޑޭޓާ ރޯލްއޯވާ" ނުވަތަ އެއް މަހު ބޭނުންކޮށް ހުސްނުވެ ހުންނަ ޑޭޓާ އަނެއް މަހަށް ޓްރާންސްފާވާ ހިދުމަތް ތައާރަފްކުރުން ފާހަގަކޮށްލެވެ އެވެ.
އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ވެސް މި ކުއާޓާގައި ވަނީ ވަރަށް ގިނަ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި، މަމްސް ޖަމިއްޔާއާ ގުޅިގެން ސްކޫލްކުދިންނަށް ބޭނުންވާ ބޫޓާއި، ޔުނިފޯމު ފަދަ ސާމާނު، އެ ޖަމިއްޔާގެ ދަށުން ރަޖިސްޓްރީކޮށްފައި ތިބި ނިކަމެތި އާއިލާތަކަށް ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި މުޖުތަމައުއާއި އަންހެން ބާރުވެރިކުރުވުމަށް ހިންގުނު ގިނަ ކަންކަމުގައި ދިރާގުން ވަނީ ބައިވެރިވެފަ އެވެ.