08 ޖޫން 2016 - 12:54

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ދެ ވަނަ ލެގުގައި ރޭ ޔަމަން އަތުން 2-0 އިން ރާއްޖެ ބަލިވި މެޗުގެ، ހަމައެކަނި މައްސަލަ އަކީ ތިން ޕޮއިންޓް ނުލިބުން ކަމަށާއި އެހެން ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ފުރަތަމަ ލެގުން 2-0 އިން ރާއްޖެ ބަލިވުމުން، ކޯޗު ރިކީ ހާބަޓް ވަކިކޮށްފައިވާއިރު ރޭގެ މެޗު ކުޅުނީ އިންމަގެ އިރުޝާދުގެ ދަށުންނެވެ. ޔަމަން ދެ ލެގުން 4-0 އިން ކުރި ހޯދައި ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދިއިރު ރާއްޖެ ޖެހޭނީ ޕްލޭއޮފް ދެ ވަނަ ބުރުގައި ލާއޯސްއާ ދެކޮޅަށް ކުޅޭށޭވެ. އެ މެޗުން ކުރި ލިބިއްޖެ ނަމަ ރާއްޖެ އަށް ވެސް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.
ރޭގެ މެޗަށް ފަހު އިންމަ ބުނީ ކުޅުންތެރިން ދެއްކީ ހިތްވަރުގަދަ ކުޅުމެއް ކަމަށާއި ލަނޑު ޖަހާނެ ހުސް ގިނަ ފުރުސަތު ވެސް ހޯދި ކަމަށެވެ.
"ހަމައެކަނި މައްސަލައަކީ މޮޅުނުވުން. ވަރަށް ހިތްވަރު ކުރި. ފުރުސަތު ވެސް ހޯދި. މި މެޗުގައި ކުޅުންތެރިން މި ކުރި ވަރަށް ފުރަތަމަ ލެގުގައި މަސައްކަތްކުރި ނަމަ މޮޅުވުމުގެ ފުރުސަތު އޮތީސް،" އިންމަ ބުންޏެވެ.
އިންމަ ބުނީ އޭނާ ހަވާލުވެ ޕްރެކްޓިސްކޮށްލަން ލިބުނީ އެންމެ ގަޑިއިރެއް ކަމަށާއި އެހެންވެ ޓެކްޓިކްސް އަށް މާބޮޑު ބަދަލުތަކެއް ނުގެނެވުނު ކަމަށެވެ.
ރޭގެ މެޗުގައި ޔަމަނުން ލީޑު ނެގުމުގެ ކުރިން ރާއްޖޭގެ އަހުމަދު ނާޝިދު (ނައްޓޭ) އަށް ގޯލް ޖަހަން ރަނުގެ ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ. އޭގެ ފަހުން ވެސް ރާއްޖޭގެ އިސްމާއިލް އީސާ (މެސީ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އަދި އަލީ ފާސިރު (ސެންޓޭ) އަށް ވެސް ހުސް ފުރުސަތުތައް ލިބުނެވެ.
މި މެޗަށް ރާއްޖެ ނުކުތީ ތިން ބަދަލަކާ އެކު އެވެ. ފުރަތަމަ ލެގުގައި މާލޭގައި ކުޅުނު އިމްރާން ނަޝީދާއި މުހައްމަދު ރަޝީދު (ހޮކޭ) އަމްދާން އަލީ (އެންޑީ) ގެ ބަދަލުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނީ ސަމޫހް އަލީ (ސަމުއްޓޭ) އާއި މުހައްމަދު އުމެއިރު އަދި މުހައްމަދު ސަމްދޫހެވެ.
ޕްލޭއޮފް ދެ ވަނަ ބުރުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ސެޕްޓެމްބަރު މަހު އެވެ. އޭގެ ކުރިން ގައުމީ ޓީމަށް އާ ކޯޗެއް ހަމަޖައްސާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. ވަގުތީ ކޯޗު އިންމަގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު މިދިޔަ އަހަރު ޗައިނާއާ ދެކޮޅަށް ވެސް ކުޅުނެވެ. އެ ފަހަރު އޭނާ ކޯޗުކަން ކުރީ ވެލިޒާ ޕޮޕޯފް މަގާމުން ވަކިކުރުމުންނެވެ.