އިމްރާން ޚާން އަށް ހަމަލަދީ ޒަހަމްކޮށްލައިފި
އިމްރާން ޚާން އަށް ހަމަލަދީ ޒަހަމްކޮށްލައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ހަމަލަދީ މިއަދު ޒަހަމްކޮށްލައިފި އެވެ.

ވަޒީރުއާބާދުގައި އިމްރާން ޚާން އިސްވެ ބޭއްވި އެއްވުމެއްގެ ތެރޭގައި ހުންނަވަނިކޮށް، ދިން ހަމަލާގައި އޭނާގެ ފައި ޒަހަމް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލާހޯރުގެ ހޮސްޕިޓަލެއްގައި އިމްރާން ޚާން އަށް މިހާރު ފަރުވާ ދެމުން އަންނައިރު، ހާލު ރަނގަޅު ކަމަށް އަރިސް ބޭފުޅުން ވިދާޅުވި އެވެ.

އިމްރާން ޚާންގެ ހާއްސަ އެހީތެރިއަކު އޭއެފްޕީ އަށް ވިދާޅުވިގޮތުގައި، ހަމަލަ އަމާޒުކުރީ އިމްރާން ޚާން އަވަހާރަ ކޮށްލުމަށެވެ. އެކަމަކު، އެއީ ސީދާ އޭނާ އަވަހާރަ ކޮށްލަން ދިން ހަމަލައެއް ކަމެއް ޕާކިސްތާނުގެ ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެ އެވެ.

އިމްރާން ޚާންގެ ޕާޓީން ބުނީ، އޭނާގެ އިތުރުން ހަތަރު މީހަކު ވެސް ޒަހަމްވި ކަމަށެވެ.

އިމްރާން ޚާން އަވަހާރަ ކޮށްލަން މަސައްކަތްކުރި ކަމަށް ބުނި މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެ އެވެ.

އުމުރުން 70 އަހަރުގެ އިމްރާން ޚާން އެއްވުންތަކެއް ފައްޓަވައިގެން އުޅުއްވަނީ ޕާކިސްތާނުގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވައިލުމަށެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރުމާ ވިދިގެން، އިމްރާން ޚާން ގެންދަވަނީ ދޭތެރެދޭތެރެއިން މުޒާހަރާތައް ބާއްވައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ، އެންމެ އަވަހަށް ވެސް އާންމު އިންތިޚާބެއް އޮންނާނީ، ކުރިން ވެސް ކަނޑައެޅިފައި އޮތް މުއްދަތުގައި، އަންނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހު ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި 2018-2022 އަށް އިމްރާން ޚާން ހުންނެވި ދުވަސްވަރު، ގައުމުން ބޭރަށް ކުރެއްވި ދަތުރުތަކުގައި ލިބިވަޑައިގެން، ދައުލަތުގެ މިލްކިއްޔާތުގައި ހުއްޓައި މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައި، އެ ތަކެތިން ވިޔަފާރި ކުރެއްވުމުގެ ތުހުމަތުގައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން ދުރުކުރުމަށް، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.

އެކަމަކު، ދެން އޮންނަ އިންތިޚާބެއްގައި ވާދަކުރުމުގެ ހައްގުން އިމްރާން ޚާން މަހުރޫމް ކުރުމަށް އެ ކޮމިޝަނުން ނުނިންމަ އެވެ. ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުން، އެފަދަ ހިޔާނާތެއް ފެންމަތިވެއްޖެ ނަމަ، ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރުމުގެ ހައްގު ފަސް އަހަރުގެ މުއްދަތަށް ނިގުޅައިގަނެވިދާނެ އެވެ.