03 ނޮވެމްބަރ 2022 - 16:12

މާލޭޭ ކޮމާޝަލް ހާބަރު ކައިރީގައި ހުންނަ ގަރާޖެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލު ކުރުމަށް އެމްޕީއެލްގެ މުވައްޒަފަކު ކުރި މަސައްކަތް އެ ކުންފުނިން ފާހަގަކޮށްފި އެވެ.
މާލޭ ކޮމާޝަލް ހާބަރާ ކައިރި ސަރަހައްދެއްގައި ހުރި ގަރާޖެއްގެ ބޭރުގައި މެންދުރު ހިނގި އަލިފާނުގެ އެ ހާދިސާގައި ސައިކަލެއްގައި ރޯވެ، މަގުމަތީގައި ދިޔައީ އަނދަމުންނެވެ.
ފުލުހުން ވެސް އެ ތަނަށް ގޮސް ތިއްބާ އަލިފާންގަނޑު ނިއްވާލީ އެ ތަނުގައި ހުރި އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ މުވައްޒަފެއް ކަމަށްވާ އާދަމް ޝަޒީލް އެވެ.
ޝަޒީލް އަލިފާން ނިއްވާލާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޕީއެލުން ޓްވިޓާގައި ހިއްސާކޮށްފައިވާއިރު، އެ ވީޑިއޯއިން އެ ތަނުގައި ބައެއް މީހުން މަންޒަރު ބަލަން ތިބޭތަން ވެސް ފެނެ އެވެ. ފުލުހުންގެ ދެ އޮފިސަރަކު ވެސް އޭރު އެ ތަނުގައި އުޅޭ ތަން ވީޑިއޯ އިން ފެނުނެވެ.
އެކަމަކު، ޝަޒީލް، އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ އެސްޓިންގުއިޝާއެއް ހިފައިގެން ގޮސް ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާންގަނޑަށް ވަރަށް އަވަހަށް ފެން ޖަހަ އެވެ. ކަޅު ދުން އަރަމުން ދިޔަ އެ އަލިފާންގަނޑު އޭނާގެ މަސައްކަތުން ކުޑަ އިރުކޮޅެއް ތެރޭގައި ނިއްވާލެވުނެވެ.
ޝަޒީލްގެ މަސައްކަތް ފާހަގަކޮށް، އެމްޕީއެލުން ކުރި ޓްވީޓެއްގައި ބުނީ، އޭނާގެ އަވަސް ހަރަކާތުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރަނު ނުދީ ހިފެހެއްޓުނު ކަމަށެވެ.
އެ ކުންފުނިން ބުނީ، މިފަދަ ހާދިސާތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނުތައް އެމްޕީއެލްގެ މުވައްޒަފުންނަށް އަބަދުވެސް ބާއްވަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި، ޕޯޓުގެ މަސައްކަތްތަކާއި އެ ތަނާ ކައިރި ސަރަހައްދުތަކުން އެންމެންނަށް ރައްކާތެރި ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް އަދިވެސް ތަމްރީނުތައް ބާއްވާނެ އެވެ.