03 ނޮވެމްބަރ 2022 - 13:37

ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންގެ ތެރެއިން މާލީ ގޮތުން ދަތިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން އައިވީއެފް ފަންޑެއް ތައާރަފުކޮށްފި އެވެ.

ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުން ދުވަސް ފާހަގަކުރަން އެ ޖަމިއްޔާ އިން ބޭއްވި "އަ ނައިޓް އޮފް ހޯޕް" ގާލާ ނައިޓުގައި އެ ފަންޑު ތައާރަފު ކޮށްދެއްވީ އެ ޖަމިއްޔާ އަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ މަރިޔަމް ޝެނިން އެވެ.

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ބުނީ، އެއީ މާލީ ދަތިތަކާ ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ފަރުވާ ހޯދުމުގެ ފުރުސަތު ނުލިބޭ މީހުންނަށް ހާއްސަ ކޮށްގެން އެ އެހީތެރިކަން ދިނުމަށް ހުޅުވި ފަންޑެއް ކަމަށެވެ. އެ ފަންޑުގެ އެހީގައި ކޮންމެ އަހަރަކު ވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ބޭއްވި ގާލާ ނައިޓުގައި އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކްގައި ދެ މީހަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. އެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރު އަދި ރައީސް އާޝާ ހުސައިން އެވެ. ޔާމީ ފާޓިލިޓީ ކްލިނިކުން ސޮއިކުރެއްވީ އެ ކްލިނިކްގެ ފައުންޑަރު އަދި ޑިރެކްޓަރު ޑރ. ސަންކަލްޕް ސިންގް އެވެ.

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އެ ޖަމިއްޔާ އިން ހުޅުވާފައި ވަނީ މަދުވެގެން ދެ އަހަރު ވަންދެން ކައިވެނިކޮށްގެން އުޅޭ، އުމުރުން 25 އަހަރުގެ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭ ނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްހީ ކަންކަމަށް ބަލައި އެ ފުރުސަތު ދޭނެ ކަމަށް ވެސް ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ބުންޏެވެ.

އެ ފަންޑަށް އެދި ހުށަހެޅުމުގެ އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާނެ އެވެ. ފަންޑަށް ގުރުއަތުން ހޮވޭ މީހުންނަށް ފަންޑް އެވޯޑް ކުރުމުގެ ކުރިން ރެކޯޑު ސާފުކުރާނެ ކަމަށް ބުންޏެވެ.

ރޭގެ ހަފުލާގައި ޖަމިއްޔާގެ ބައެއް މެންބަރުންގެ އިންފާޓިލިޓީ ޖާނީ ވެސް ހިއްސާ ކުރި އެވެ. އަދި ދަރިމައިވުމުގެ ދަތިތައް ތަހައްމަލު ކުރާ އަންހެނެއްގެ އިހުސާސްތައް ދައްކުވައިދޭނެ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ޑައޮނީސިއެކް ޑާންސް ގުރޫޕުން ހުށަހަޅައި ދިނެވެ.
