ދަރާފައި އޮތް އެފްއޭއެމުން 1.7 މިލިއަން ރުފިޔާ އޭޑީކޭ އަށް ދައްކަން ޖެހިއްޖެ
ދަރާފައި އޮތް އެފްއޭއެމުން 1.7 މިލިއަން ރުފިޔާ އޭޑީކޭ އަށް ދައްކަން ޖެހިއްޖެ

މާލީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި އެތައް ބަޔަކަށް ދަރާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭޑީކޭ ހޮސްޕިޓަލަށް އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހު އޭޑީކޭ އިން އެފްއޭއެމަށް ދައުވާކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހާ ހިސާބަށް ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 1،703،084.75ރ. އެކީ އެއްފަހަރާ ހޯދުމަށެވެ. މި ފައިސާ އަކީ އޭޑީކޭ އިން އެފްއޭއެމަށް ކޮށްފައިވާ 15 އިންވޮއިސް އެއްގެ ޖުމްލަ އެވެ.

މި ދައުވާއާ ގުޅިގެން މިދިޔަ މަހު އެފްއޭއެމުން ކޯޓަށް ދިން ޖަވާބުގައި އެދިފައިވަނީ މި ވަގުތު މި ފައިސާ އެއްފަހަރާ ދައްކަން ދަތި ކަމަށާއި އެހެންވެ އެއް އަހަރު ތެރޭ މި ދަރަނި ހަލާސްކުރުމަށް ފުރުސަތެއް ދިނުމަށެވެ. އެކަމަކު އޭޑީކޭ އިން އެގޮތަށް އެއްބަސްނުވީ އެވެ.

ފައިސާ ދައްކާނެ މުއްދަތަކާ މެދު އެއްބަސްވުމަކަށް ނާދެވުމުން ގާޒީ އަހްމަދު ނިމާލް ޖުނައިދު ހުކުމް ކުރެއްވީ ހައި ކޯޓުގެ ހުކުމެއްގައި، ދަރަންޏާ މެދު އެ ހައްގުގެ ވެރި ފަރާތުން ލުޔެއް ނުދޭހާ ހިނދަކު އެންމެ އަވަހަކަށް އެ ހޯދައިދެވޭނެ ގޮތަކަށް ޝަރީއަތުން ބަލަން ޖެހޭނެ ކަމަށް އޮންނާތީ އެކަމަށް ރިއާޔަތްކުރައްވަ އެވެ. ގާޒީ ނިންމެވީ އެންމެ އަދުލުވެރި ގޮތް ކަމަށް ބުރަ ވެވެނީ މަސް ދުވަހުގެ ތެރޭގައި މި ފައިސާ ދައްކާ ހަލާސްކުރުން ކަމަށެވެ.

ހުކުމުގައި ވަނީ އިއްޔެ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި، އެކީ އެއްފަހަރާ ސިވިލް ކޯޓަށް ދެއްކުމަށެވެ.

އެނގިފައިވާ ގޮތުގައި މި ފައިސާ އަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕާއި ސާފް ޗެމްޕިއަންޝިޕުގެ ތެރޭގައި އެފްއޭއެމުން ހޯދި ހިދުމަތްތަކަށް ދޭން ޖެހޭ ފައިސާ އެވެ.

އެފްއޭއެމުން ކްލަބްތަކާއި އެނޫން ވެސް ގިނަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދީ އެބައޮތެވެ. ސްޓެލްކޯ އަށް ކަރަންޓު ބިލު ނުދައްކާތީ އެފްއޭއެމް ހައުސް ހިންގާ އިމާރާތުން ދާދި ފަހުން ކަރަންޓު ކަނޑާލާފައިވެ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން، ވިޔަފާރި ކުންފުނިތަކުން މިދިޔަ އަހަރު ދިން ފައިސާ ނުދީގެން އެ ޝަކުވާ ވެސް ކުޅުންތެރިން އަންނަނީ ކުރަމުންނެވެ.