11 ޖެނުއަރީ 2017 - 06:19

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ބައޮޕިކްގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދާއިރު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އުޅެނީ ފިލްމާ ގުޅޭ ކުޑަވެސް މައުލޫމާތެއް މީހުންނަށް އެނގިދާނެތީ ވަރަށް ސިއްރުންނެވެ.
ސަންޖޭ ދަތުގެ ބައި ރަންބީރު ކުޅޭތީ ގިނަ ބަޔަކު ސުވާލުކުރެ އެވެ. މި ފިލްމުގައި ދައްކަނީ ސަންޖޭ ދަތު ޔަރްވަދާ ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ހާދިސާތަކެއް ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
ފިލްމާ ގުޅޭ ފަހުގެ ރިޕޯޓްތައް ބުނަނީ ސަންޖޭ ދަތުގެ ބައި ކުޅުމަށް ރަންބީރު ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް ސަންޖޭ ދަތުގެ ސިފަ ޖެއްސުމަށްޓަކައި އެއްވެސް ކަހަލަ ޕްރޮސްތެޓިކެއް އޭނާ މި ފިލްމުގައި ބޭނުމެއް ނުކުރާނެ އެވެ.
ސަންޖޭގެ ރޯލު ކުޅެން ރަންބީރު ތައްޔާރުވަމުން ދާއިރު ހަށިގަނޑަށް ގެންނަންޖެހޭ ބޮޑު ބަދަލަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ. ނަމަވެސް މިހާރު އެކްޓަރުން އެމީހުން ކުޅޭ ރޯލުތަކާ ގުޅޭ ގޮތުން ހަށިގަނޑަށް ބަދަލުތައް ގެންނަމުންދާތީ ރަންބީރަށް ވެސް މިފަދަ ބަދަލެއް ގެންނަން މާ އުނދަގޫ ނުވާނެ ކަމަށް ބެލެވެ އެވެ.
އަންނަ ފެބްރުއަރީ މަހު މި ފިލްމުގެ ޝޫޓިން ފަށައި ޑިސެމްބަރު 25 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ރާވައިފަ އެވެ.
ފިލްމު ފެށުމުގެ ގޮތުން ޝޫޓްކުރަން ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ސަންޖޭ ދަތު ޖަލުން ނުކުތް މަންޒަރެވެ.