02 ނޮވެމްބަރ 2022 - 15:10

ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގެ ދެ ދަރިވަރެއްގެ މެދުގައި މިއަދު ހިންގި މާރާމާރީއެއް ހުއްޓުވަން އުޅުނު ޓީޗަރެއްގެ ބޯފަޅާލައިފި އެވެ.
ފުލުހުން ބުނީ ދެކުނުގެ ރަށެއްގެ ސްކޫލުގައި ކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެކަމަކު އެއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވުމުން، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
އެ މާރާމާރީގައި އަނިޔާވި ޓީޗަރަށް ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގީ އެ ސްކޫލްގެ ގްރޭޑް 8 އަދި ގްރޭޑް 9ގައި އުޅޭ ދެ ފިރިހެން ކުދިންގެ މެދުގަ އެވެ.
ގްރޭޑް 9 ގައި ކިޔަވާ ކުއްކާ ގްރޭޑް 8 ގެ ކުއްޖާ އަށް ހަމަލާދިނީ އޭނާ ކުލާހުގައި އިންދާ އެ ތަނަށް ވަދެ އެވެ. އެ ކުލާހުގައި ކިޔަވައިދޭން ހުރި ޓީޗަރު އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާ އަށް އަނިޔާވީ އެވެ.