02 ނޮވެމްބަރ 2022 - 13:58

މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން (އެމް.ޕީ.އެސް.އޭ) ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާހަކަދެއްކުންތެރިންގެ އެސޯސިއޭޝަނެއް ރަޖިސްޓްރީކޮށް އެގްޒެކެޓިވް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ އިއްޒުއްދީން ސްކޫލުގައި ބޭއްވި އެސޯސިއޭޝަނުގެ އިފްތިތާހީ ޖަލްސާގައި، ރައީސަކަށް އިންތިހާބުވީ ޔުނިވާސަލް ފައުންޑޭޝަނުގެ ރައީސް އިޔާޒް ވަހީދެވެ.

އެސޯސިއޭޝަނުގެ ގްރޯތު އެންޑް މެމްބަޝިޕް އެފެއާޒްގެ ނައިބް ރައީސަކަށް އިންތިހާބުވީ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އެންޑް ކޮލިޓީގެ ރީޖަނަލް ޑައިރެކްޓަރު ހުސެއިން އަފީފެވެ. އަދި ޕަބްލިކް ރިލޭޝަންސްގެ ނައިބް ރައީސަކަށް އިންތިހާބުވީ ދިރާގުގެ ކަސްޓަމާ ސާވިސަސް ޑިރެކްޓަރު އަދި ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޑަރު މަސްއޫދު އަލީ އެވެ.

އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއަކަށް ހޮވުނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ލީޑާޝިޕް އެންޑް އޯގަނައިޒޭޝަން، ޖެނެރަލް މެނޭޖަރު އާދަމް ނަސީރު ހުސެއިން އެވެ. ހަޒާންދާރަކީ، އެމް.އޭ.ސީ.އެލް ގެ ލީޑާޝިޕް އެންޑް އޯގަނައިޒޭޝަން، މެނޭޖަރު މައީޝާ އާސިފެވެ.

އެގްޒެކެޓިވް ކޮމިޓީގެ އިތުރު ތިން މެމްބަރުންނަށް އިންތިހާބުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ސްޕޯކްސްޕާސަން އަދި ކުރީގެ ނޫސްވެރިޔާ މުހައްމަދު ނާސިހާއި، އެޗްޑީސީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު އައިމިނަތު އިރާޝާ އަދި މެންޓަލް ހެލްތު އެޑްވޮކޭޓް ހައްވާ ލީޝާ އެވެ.
ވާހަކަދެއްކުން ނުވަތަ ޕަބްލިކް ސްޕީކިން ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އަންނަނީ އަދަބީ ކަމެއްގެ ގޮތުގަ އެވެ. އެކަން އޮންނަނީ ޕޯޑިއަމެއް ކައިރި އަށް ހުއްޓި، ކަނޑައެޅިފައި އޮންނަ ވަކި ތަށްގަނޑަކަށް ވާހަކަދެއްކުމުގަ މައްޗަށެވެ. އެކަމަކު މިހާރު ޕަބްލިކް ސްޕީކިން އަކީ އަދަބީ ކަމަކަށް ވުރެ ބޮޑަށް، އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ބޭނުންކުރާ މީޑިއަމެކެވެ.
އެގޮތުން ކިޔަވައިދިނުމާއި، ތަމްރީން ދިނުމާއި، ކޯޗުކުރުމާއި، މޯޓިވޭޓްކުރުމާއި، ޕްރޮޑަކްޓް ލޯންޗުކުރުމަށާއި، ފަންނީ މައުލޫމާތު ދިނުމަށް، ޕަބްލިކް ސްޕީކިން އަކީ ދުނިޔޭގައި މަގުބޫލު މީޑިއަމެކެވެ. އަދި އެކަން މިހާރު ކުރަނީ ކުރިން އޮންނަ ރަސްމީ އުސޫލުތަކަށް ވުރެ ބޮޑަށް ސްޓޭޖް މައްޗާއި އޯޑިއަންސުގެ ތެރޭގައި ހަރަކާތްތެރިވެ، އޯޑިއަންސް ވެސް ބައިވެރިކޮށްގެންނެވެ. އަޑުއަހާ މީހުންގެ އިހުސާސްތަކާ ކުޅެލުމަށާއި ޝައުގުވެރިކަން އިތުރުކުރުމަށް، ޕަބްލިކް ސްޕީކަރުން ވާހަކަދައްކަނީ ސަމާސާގެ ރަހަތަކާ ވެސް އެކު އެވެ.
އެސޯސިއޭޝަނުގެ އިފްތިތާހީ ޖަލްސާ ޝަރަފްވެރިކޮށްދެއްވި އިންޑިއާގެ ޕްރޮފެޝަނަލް ޕަބްލިކް ސްޕީކާސް އެސޯސިއޭޝަނުގެ ރައީސް ކިރުބާ ޝަންކަރު ވަނީ ޕަބްލިކް ސްޕީކިން އަކީ ދުނިޔޭގައި އާމްދަނީ ހޯދަން ކުރާ ޕްރޮފެޝަނަލް މަސައްކަތެއްކަން ފާހަގަކޮށް ރާއްޖޭގެ ވާހަކަދެއްކުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކޮށް ބައިނަލްއަގްވާމީ ސްޓޭޖަށް މިސްރާބު ޖެހުމަށް ހިތްވަރު ދެއްވަފާފަ އެވެ.
ރާއްޖޭގައި މިހާރު އެންމެ ކުރިއަށް ތިއްބެވި ޕަބްލިކް ސްޕީކަރުން ކަމަށްވާ އަފީފާއި މަސްއޫދާއި އާދަމް ނަސީރާއި އިޔާޒުގެ މުއައްސިސްގެ ކަމުގެ ދަށުން ރަޖިސްޓްރީކުރި މި އެސޯސިއޭޝަނުގެ މަގުސަދަކީ، ވާހަކަދެއްކުންތެރިން ކުރިއަރާނެ ޕްލެޓްފޯމެއް ތަރައްގީކުރުމާއި އެ ވާހަކަދެއްކުންތެރިން، ބައިނަލްއަގްވާމީ އޯޑިއަންސާ ގުޅުވުމާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި ބައިވެރިކުރުވުމެވެ.
މީގެ އިތުރުން މިކަމަށް ޝައުގުވެރިވާ އާއްމުންނަށް މި ފަންނުގެ ހުނަރުތައް ދަސްކޮށްދިނުމާއި މި ދާއިރާ އިން ކުރިއަށް ގޮސް ބައިނަލްއަގްވާމީ ވާހަކަދެއްކުންތެރިންނަށް ވާން ބޭނުންވާ މެމްބަރުންގެ ހުނަރާއި ވިސްނުން ތަރައްގީކުރުމަކީ ވެސް އެސޯސިއޭޝަނުގެ މަގުސަދެކެވެ.
އެސޯސިއޭޝަނުން ވަނީ މަހަކު އެއް ފަހަރު ޕަބްލިކް ސްޕީކިންގެ ވާޗުއަލް ނުވަތަ ފިޒިކަލް އިވެންޓްތައް ބާއްވަން ނިންމައިފަ އެވެ. އެފަދަ އިވެންޓްތަކުގައި، ހުނަރު ދައްކާލުމުގެ ފުރުސަތު މެމްބަރުންނަށް ލިބިގެންދާނެ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ޕަބްލިކް ސްޕީކިން ކޮންފަރެންސް އަންނަ އަހަރު ބާއްވަން ވަނީ ރާވައިފަ އެވެ.
ރާއްޖޭގެ ސްކޫލްތަކުން ދަރިވަރުން އަދި ކުންފުނިތަކުން މުވައްޒަފުންގެ ހުނަރާއި ވިސްނުން ތަރައްގީކުރަން ފަހަކަށް އައިސް އަންނަނީ ގިނަ އިވެންޓްތައް ބާއްވަމުންނެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު ވެސް އެކި ދާއިރާތަކުގެ ކޮންފަރެންސްތައް އަންނަނީ ބާއްވަމުންނެވެ. އެއާއެކު ޕަބްލިކް ސްޕީކަރުންގެ ޑިމާންޑް ރާއްޖޭގައި އަންނަނީ ބޮޑުވަމުންނެވެ.
ރާއްޖޭގެ ޕަބްލިކް ސްޕީކަރުންގެ ތެރެއިން، ޖަމިއްޔާގެ ނައިބް ރައީސް އަފީފަކީ، ދުނިޔޭގެ އެތައް ގައުމެއްގައި، ބައިނަލްއަގްވާމީ އެތައް ކޮންފަރެންސެއްގައި ވާހަކަދައްކާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ދުނިޔޭގެ އެއް ވަނަ ލީޑާޝިޕް ކޯޗު، ވާހަކަދެއްކުންތެރިޔާ އަދި ލިޔުންތެރިޔާ ޖޯން މެކްސްވެލް ޓީމުގެ އެގްޒެކެޓިވް ކޯޗެކެވެ.