11 ޖެނުއަރީ 2017 - 06:22

ފިލްމު "ހަމް ސާތު ސާތު ހޭ" ކުޅެން 1998 ވަނަ އަހަރު ސަލްމާން ޚާނާއި އެ ފިލްމުގެ ކުރޫ އިންޑިއާގެ ޖޯދްޕޫރްގެ ޖަންގަލީގައި ޖަނަވާރު ޝިކާރަކުރަން ގޮސް އުޅުނުއިރު މަނާ ހަތިޔާރު ގެންގުޅުނުކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ޖެނުއަރީ 18 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.
ހުކުމް އިއްވާ ތާރީޚު ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކަނޑައެޅީ މި މައްސަލައިގައި ދެ ފަރާތުން ދައްކަންޖެހޭ ވާހަކަތައް މިދިޔަ ހޯމަ ދުވަހު ދައްކާ ނިމިފައިވާތީ އެވެ.
މެޖިސްޓްރޭޓް ދަލްޕަޓް ރާޖްޕުރޯހިތު އެ ދުވަހު ސަލްމާނަށް އަންގާފައި ވަނީ ހުކުމް އިއްވާ ދުވަހު ކޯޓަށް އޭނާ ހާޒިރުވާން ޖެހޭނެ ކަމަށެވެ
މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ފެށީ މިދިޔަ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ.
މަނާ ހަތިޔާރު ގެންގުޅުނު މައްސަލަ އަކީ 1998 ވަނަ އަހަރު ފުލުހުން ކޯޓަށް ފޮނުވި މައްސަލަ އެކެވެ. މި ދައުވާގައި ބުނަނީ ޖޯދްޕޫރުގެ ކަންކަނީ އަވަށުގައި އޮންނަ ޖަންގައްޔަކުން ކަޅުކުލައިގެ ދެ ފުއްލާ ޝިކާރަކުރުމަށް ސަލްމާން ބަޑިއެއް ބޭނުންކުރި ކަމަށާއި އެއީ ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ބަޑިއެއް ކަމަށެވެ.
ސަލްމާނާ ދެކޮޅަށް މި ދައުވާ ކުރަނީ އެ ސަރަހައްދުގެ ފޮރެސްޓް ޑިޕާޓްމަންޓުންނެވެ. މި މައްސަލައިގައި ސަލްމާން ކުށްވެރިވެއްޖެ ނަމަ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.
ހަމަ މިކަމާ ގުޅުން ހުރި އިތުރު މައްސަލައެއްގެ ދައުވާ ވެސް ސަލްމާންގެ މައްޗަށް ކޮށްފައިވެ އެވެ. އެއީ ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރެއް މަރާލިކަމުގެ ދައުވާ އެވެ. މި މައްސަލަ 10 އަހަރަށް ވުރެ ގިނަ ދުވަހު ކޯޓުގައި އޮތުމަށް ފަހު ނިންމީ ސަލްމާން ކުށްވެރި ނުވާ ކަމަށެވެ.