02 ނޮވެމްބަރ 2022 - 06:17

އާދިއްތަ ދުވަހާ ގުޅޭ
ފިރިމީހާއަށް ވަފާތެރިނުވެވިދާނެކަމުގެ ބިރެވެ. އެ ދަނޑިވަޅު ވެއިޓަރު އައިސްކިރިމު ހިފައިގެން އައިސް އަޒާން ކައިރީގައި ބެހެއްޓިއެވެ. އަޒާން ކަނީ ހަމަ އެކަނި ޗޮކުލެޓު އައިސްކިރިމެވެ. ގެނެސްފައިހުރީ ވެސް އެޔެވެ.
"ނަސީބެއް ޗޮކުލެޓު އައިސްކިރިމު ގެނައިކަން،" ހިނިތުންވެފައި ނަޒްދާ ބުންޏެވެ. "ދޯ ދަރިފުޅާ! އެހެން ވައްތަރެއް ގެނައި ނަމަ ވަގުތުން ކެންސަލު."
"އަޒާނަށް އެންމެ މީރު އައިސްކްރީމަކީ ޗޮކުލެޓު އައިސްކްރީމް. ބޯނީ ޓިޕްކޯ އޮރެންޖު ޖޫސް. އެންމެ ރީތި ކުލައަކީ ފެހި. ނަޒްދާ ހެނދުނު ކާން ބޭނުންވާނީ ރޮއްޓާ ރިހަ،" ހިނިތުންވެލައިގެން އިނދެ އޭނަ ބުންޏެވެ. "އަހަންނަށް އެނގޭ."
ބުނާނެ އެއްޗެއް ނޭނގިފައި ނަޒްދާ އިރުކޮޅަކު އިނެވެ. ހިތަށްއެރިއެވެ. ކުރިމަތީގައި އިނީ ކާކު ހެއްޔެވެ؟ އޭނައަށް ނަޒްދާ އެހައި މުހިންމުވީ ކީއްވެގެން ހެއްޔެވެ؟ ކޮން ހާއްސަ ސިފައެއް ހުރެގެން ހެއްޔެވެ؟ އޭނަ ކޮންމެ އެއްޗެއް ބުނަނީ ނަޒްދާގެ ހިތް ފަތަހަކުރާށެވެ. ކިހައި ލޯބިވާކަން އަންގާށެވެ. ދެލޯމަރައިލައިފައި އެ ލޯބި ބަލައިގަންނަންވީ ހެއްޔެވެ؟ އެކަމަކު އޭރުން އޭނަ ހިތަށްއަރާނީ ކީކޭ ހެއްޔެވެ؟ ނަޒްދާއަށް ކަންތައް އެ ކުރެވުނީ މުޖުތަބާ ކަންތައްކުރިހެން ނޫން ހެއްޔެވެ؟ ދެ މީހުންގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އެ ދަނޑިވަޅު ވެއިޓަރު އައިކަން އެއީ ނަޒްދާގެ ނަސީބެވެ. ވެއިޓަރު އައީ ކޭކުފޮއްޗެއް ހިފައިގެންނެވެ.
"ދެން ނުގެނޭ!" ނަޒްދާ ބުނެލިއެވެ. "ނުކެވޭނެ."
"އެއީ މި ތަނުގެ އެންމެ މަޝްހޫރު ކޭކު. ރަހަބަލާލަބަލަ! ހީވަނީ އަޒާނަށް ވެސް ވަރަށް މީރުވާނެހެން." އޭނަ އެދުނެވެ.
އެ ވަގުތު އަޒާން ކުޑަކޮށް ބޮޑާހާކައިލިއެވެ. ހަމަ އެކަނި ނަޒްދާއަށް އިވޭ ވަރަށް ކޮންމެވެސް އެއްޗެއް ބުނެލިއެވެ.
"ތި ކާލައިގެން ދާނީއޭ،" ނަޒްދާ ޖަވާބުދިނެވެ. "އަދި ލަހެއް ނުވެއެއްނު!"
"ކިހިނެއްވީ؟" އޭނަ ސުވާލުކުރިއެވެ.
"ރަސްރަނިޕާކަށް ގެންދާ މަތިންނޭ މި އައީ ދޯ ދަރިފުޅާ! ކުޅެންދާ ހިތްވެގެން އެ އުޅެނީ." ނަޒްދާ ބުންޏެވެ.
"އައްދެ! ތީ އެއްވެސް ކަމެއް ނޫނެއްނު!" ފޯނު ނަގަމުން އޭނަ ބުންޏެވެ. "މި ތާ ހުރި ވަރުގެ ޕްލޭ އޭރިޔާއެއް ހިޔެއްނުވޭ މާލޭގަ އޮންނާނެހެނެއް."
އޭނަ ގުޅައިލުމާ އެކު، ޔުނީފޯމުގައި ހުރި އަންހެންކުއްޖަކު އައެވެ. ވަރަށް އިހުތިރާމާ އެކުގައި އޭނަ ކައިރިއަށް ހުއްޓުނެވެ.
"މީނަ ގޮވައިގެން ކުޅެލަން ދޭބަލަ!" އޭނަ އެދުނެވެ. "އަބަދު ވެސް ކައިރީގަ ހުންނާތި. ދެ ފޫޓަށް ވުރެ ދުރަށް ނުދާތި. އަހަރުމެން އިރުކޮޅަކުން ދާނަން."
"އޯކޭ ސަރ!" އެ ކުއްޖާ ބުނެލިއެވެ.
ނަޒްދާގެ އެދުމާ އެކު އަޒާން ދިޔައެވެ. ދެ މީހުން އެކަނިވިއެވެ.
"ބުނެލި ގޮތުން ހީވަނީ ތީ މިތާގެ ބޮސްހެން." ނަޒްދާ ބުންޏެވެ.
އޭނަ ހީނގަތެވެ. ވަކި ޖަވާބެއް ނުދެއެވެ. އަޒާން ދިޔުމުން ނަޒްދާ ވަރަށް ބީރައްޓެހިވިއެވެ. "އޭނަ" އެއްވެސް އެއްޗެއް ނުބުންޏެވެ. އެއީ، ގަސްތުގައި ނަޒްދާ ނުތަނަވަސްކޮށްލަން އޭނަ ކުރި ކަމެކެވެ. ހަމަހިމޭން ވަގުތުކޮޅު ދިގުވާ ވަރަކަށް ނަޒްދާގެ ހާސްކަން އިތުރުވާނެކަން ނަޒްދާއަށް އެނގެއެވެ. އެހެންވާކަށް ނަޒްދާ ބޭނުމެއް ނޫނެވެ.
"ސޮރީ!" އިސްޖަހައިލައިގެން އިނދެ ނަޒްދާ ބުންޏެވެ. "އަހަންނަށް ހަލާކުކޮށްލެވުނީ ކިހާ އަގު ބޮޑު ފޯނެއްކަން ފަހުން އެނގުނީ."
"ފޯނު ހަލާކުވެގެން އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް،" ކަރުކެހިލަމުން އޭނަ ބުންޏެވެ. "ކިއި ހުރިހާ އެއްޗަކަށް ވެސް މާފުކޮށްފިން. އެކަމަކު، އަހަރެން އަނބިންތަކެއް ގެންގުޅޭ ވާހަކަ ބުނީމަ ވަރަށް ދެރަވި. އަދި ސިންގަލްކޮށް މިހިރީ."
ނަޒްދާ ހޭން ފެށިއެވެ. އޭނަ އިނީ ނަޒްދާގެ މޫނަށް އަންނަ ބަދަލަށް ވިސްނައިގެންނެވެ.
"ނަޒްދާ ނޫން އަންހެނަކު އަހަރެންގެ ލައިފަކަށް ނާންނާނެ،" އޭނަ އެހެން ބުނުމާ އެކު ނަޒްދާގެ ހުނުން ހުއްޓުނެވެ. "އަހަންނަށް އެނގޭ ތީ މުޖޫގެ ވައިފްކަން. އެކަމަކު އަހަރެންގެ ހިތަށް ކިހިނެއް ވިސްނައިދޭނީ؟ ލޮލަށް ކިހިނެއް ބުނެދޭނީ؟ ނަޒްދާ ދެކިނުލާ ލޮލަކަށް ނިންޖެއް ނާދޭ! އަރަކުން އެއްޗެއް ނުދިރޭ! ހިތްހަމައެއް ނުޖެހޭ! ނަޒްދާ ހީލާ ގޮތް، ބަލާލާ ގޮތް، ހިނގާފަ ދާ ގޮތް. އަހަރެން މިހިރީ އެއަށް ދެވިހިފާފަ. ދުރުގަ ހުންނާށޭ އުޅުނީ. ހާދަ މަސައްކަތެއްކުރީމޭ! އެކަމަކު ދެފަޔަށް ކިހިނެއް ވިސްނައިދޭނީ؟ ދަމާ ކޫއްތާފަ ގެނެސް ނަޒްދާ ކައިރީ ބަހައްޓާފަ މިހިރީ. އަހަރެން ކުށްވެރިނުކުރައްޗޭ!"
އުފަލުން ނަޒްދާއަށް ނުރޮވުނީ ކިރިޔާއެވެ. އެހެނަސް، އެ ތަނުން ދިޔުމަށް ޓަކައި ނަޒްދާ ތެދުވިއެވެ.
"އަހަންނަށް އެނގޭ ނަޒްދާ މި ތަނަށް އައީ އެ ކަހަލަ ވާހަކަ އަޑުއަހާކަށް ނޫންކަން،" އޭނަ ބުންޏެވެ. ހިނގައިގަންނާކަށް ނަޒްދާއަކަށް ނުކެރުނެވެ. "އަހަންނަށް އެނގޭ ނަޒްދާ ތިހިރީ ކިހާ ދެރަވެފަކަން ވެސް. ނަޒްދާއަކީ އެހެން އަންހެނުން ކަހަލަ އަންހެނެއް ނޫން. ތީ ވަރަށް ހަރުދަނާ، އުޅުންހުރި އަންހެނެއް. ފިރިމީހާގެ ގޯސްވާހަކައެއް ނުދައްކާނެ، އަޑެއް ވެސް ނާހާނެ. އަންބަކަށްވެ ހުރެ އެހެން ފިރިހެނުންނާ ފާޑުފާޑުގެ ވާހަކައެއް ނުދައްކާނެ. މައްސަލައަކީ އެއީ. އެ ކަހަލަ ރީތި ސިފަތައް ފެނުނީމަ ކިހިނެއް ދުރުގަ ހުންނާނީ؟"
"އަހަރެން މި ތަނަށް އައީ މާފަށްއެދެން. އެހެން ނޫން ނަމަ..." ނަޒްދާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަހަރެން ވެސް އައީ މާފަށްއެދޭށޭ ނަޒްދާ!" އޭނަ ވެސް ތެދުވެފައި ބުންޏެވެ. "ލޯބިވެވުނީތީ އަހަންނަށް މާފުކުރޭ!"
އިރުއޮއްސުނީ ކުރިން ވެސް އޮއްސޭ ދިމާއަށެވެ. އުދަރެހުގައި ފަވައިލީ ކުރިން ވެސް ފެވޭ ކުލަތަކެވެ. އެކަމަކު އެ ދުވަހުގެ ކުލަތައް ގަދަވެފައި، ގިނަހެން ނަޒްދާއަށް ހީވިއެވެ. އަކުރިސް ފިނިވެފައި، ދިޔަރެސް ގިރިޓީވެފައިވާހެން ވެސް ހީވިއެވެ. ފިރިމީހާ ކުރި ކަންތަކަށް ފަހު ނަޒްދާ މޮޔަ ނުވެ ހުރީ އެންމެ މީހަކާ ހެދިއެވެ. ވަރިނުވީ ވެސް، ދެރަ ނުވީ ވެސް ހަމަ އެ މީހާޔާ ހެދިއެވެ. އެއީ ލޯބި ނޫނިއްޔާ އެހެން ކޯޗެއް ހެއްޔެވެ؟ އިރުއޮއްސޭ މަންޒަރުގެ ކުރިމައްޗަށް ސައިކަލުގެ ލޯގަނޑު ހުރަސްވެފައި ހުއްޓެވެ. އެ ލޯގަނޑުން ނަޒްދާއަށް ފެންނަނީ ދަރިފުޅުގެ ލޯބިލޯބި މޫނެވެ. މުޖުތަބާއާއި ނަޒްދާ ގުޅިފައިވާ ހަމަ އެކަނި ދާލަމަކީ އެއީއެވެ. ވަރިވާން އުޅެފިއްޔާ އަޒާން ޖަހައިގެންފާނެކަމުގެ ބިރު ނަޒްދާގެ ހިތުގައި ވިކަމުންގެންދިޔައެވެ.
"މަންމަ ކޯޗެއް ތި ބަލަނީ؟" ސައިކަލުގެ ފަހަތުގައި އިން އަޒާން ބުނި އަޑު އިވުނެވެ.
"މަންމަގެ ލޯބިކޮޅަށް މި ބަލަނީ. ޕޮޕްކޯން ކާނަން؟" ލޯގަނޑުން ބަލައިލަމުން، ހިނިއައިސްފައި ނަޒްދާ އެހެން އެހުމުން އަޒާން ބޯޖަހައިލިއެވެ. "ހިނގާދަމާ!"
ނީޒާ ހީކުރި ގޮތަކަށް ކަންތަކެއް ނުވިއެވެ. ހެތްކާ އެއްކޮށް ދެއްކީމައި ވެސް މުޖުތަބާގެ ދެމަފިރިންގެ މެދުގައި މައްސަލަޖެހުނުހެނެއް ނީޒާއަކަށް ހިޔެއްނުވިއެވެ. މުޖުތަބާ ފެންނަނީ ވަރަށް ހަމަޖެހިފައި ހުއްޓައެވެ. ނީޒާ ފިޔަވައި އެހެން މީހުން ގާތުގައި މުޖުތަބާ ވާހަކަދައްކާ އިރު، ނީޒާއަށް ވުރެ ފޫހި މީހަކު ހުންނަކަމަކަށް ނުވެއެވެ. ނީޒާ ފެންނަ އިރަށް އައްޓަމަހެއްހެން މުޖުތަބާ އައިސް ތަތްކޮށްލައެވެ. ދާހާ ތާކަށް ފަހަތުން ދެއެވެ. އަނެއްކޮޅުން ނީޒާ ވެސް ދެ މޫނު ގެންގުޅެއެވެ. ނަޒްދާޔާ ވާހަކަދައްކާ އިރު ނީޒާއަކީ މަޒުލޫމެވެ. އަނިޔާލިބިފައިވާ މީހާއެވެ. މުޖުތަބާ ކުރިމައްޗަށް ނުކުންނަ އިރު ނީޒާއަކީ ސިކާރަވެރިޔެކެވެ. މުޖުތަބާ އިންނަ ފިހާރަޔަށް ނީޒާ ދަނީ، ކޮންމެހެން އެއްޗެއް ގަންނާކަށް ނޫނެވެ. ތިމާގެ ނަފުސު ވިއްކާށެވެ. ވަރުގެކޮޅަށް ނަލަހެދިގެން، ލޮލުގައި އަޅައިގަންނާނެ ކަހަލަ ހެދުމެއްލައިގެންނެވެ. ފިހާރައިގައި ވީހައި ވެސް މީހުން މަދު ގަޑިއެއްގައެވެ.
ހަމަ އެ ކަހަލަ ދުވަހެކެވެ. ނީޒާ ފިހާރަޔަށް ވަނީއްސުރެ އެހެން ދިމާއަކަށް މުޖުތަބާއަކަށް ނުބެލެއެވެ. ދޮރުން ނީޒާ ވަންނަ އިރަށް މުޖުތަބާ ތެދުވިއެވެ. ނީޒާ ދިޔައީ ނީޒާގެ ފަން އިސްތަށިގަނޑުން މުޖުތަބާގެ މޫނުގައި ފިރުމައިލާފައެވެ.
"ހިލޭއަންހެނުންނަށް ތި ވަރަށް ބަލާކަށް ނުވާނެ،" މުޖުތަބާ ހުރަސްކޮށްފައި ދަމުން، މުޖުތަބާއަށް ނުވެސް ބަލާ ނީޒާ ބުނެލިއެވެ. "ގޯސްކަމެއް. ބަސްއަހާ!"
ނީޒާ ފިހާރަތެރެއަށް ވަދެގެން ގޮސް މުޖުތަބާގެ ލޯމަތިން ގެއްލުނެވެ.
"ކުރިން އިން މީހާ ހިލޭ އަންހެނަކަށް ނުވާނެ،" މުޖުތަބާ ބުންޏެވެ. "ރަންކިއީ ރަނުން. އަގު އަދާކޮށްފަ އޮންނާނީ. ދެން ހިލެއެއް ނުވާނެ."
"ހިތުން މޮޅު އެއްޗެއްތަ ތި ބުނީ؟" މުދާ އަތުރާފައި ހުރި ހަރުގަނޑެއްގެ ބިއްދޮށުން ބޯދިއްކޮށްލަމުން ނީޒާ ބުނެލިއެވެ. "ބުނާނަން އަންހެނުން ކައިރީގަ. އައިސްބަލަ މި ދަޅު ނަގައިދޭން."
އެ ތާކު ނަގާނެ ދަޅެއް ނެތެވެ. ނީޒާ އައީ އެއްޗެއް ގަންނާކަށް ވެސް ނޫނެވެ. މުޖުތަބާއަށް ވެސް އެ ކަން އެނގެއެވެ.
"އަހަރެންގެ އަންހެނުންނަކަށް ނުކުރެވޭނެ އެއްކަމެއް ވެސް،" ހިނގައިގަންނަމުން މުޖުތަބާ ބުންޏެވެ. "އަހަރެން ލޯބޮޑުކޮށްލިޔަސް އޭނަ ހުންނާނީ ބިރުން ތުރުތުރުއަޅާ. ވަރިކޮށްފިއްޔާ މާލެއަކު ނުހުންނާނެ އޭނަ ވަންނާނެ އެހެން ތަނެއް."
ވާހަކަ އެ ހިސާބަށް ދިޔަ އިރު ނީޒާ ހުރި ހިސާބަށް މުޖުތަބާއަށް ދެވިއްޖެއެވެ.
"މިހިރަ ކަމެއް،" ނީޒާގެ ފައިން ފެށިގެން ބޮލަށް ބަލައިލާފައި މުޖުތަބާ ބުންޏެވެ. "އޭ! ބޮސް ބުނެފި ފިހާރަޔަށް މުދާކޮޅެއް ގަންނަން ބެންކޮކަށް ދާން. ހިނގާބަލަ ބުރެއްޖަހާލަން!"
"ތި ހީކުރީ އަހަންނަށް ދާން ނުކުރޭނެކަމަށް؟ ގޮއްސާނަން. އެކަމަކު ޝަރުތެއްގެ މަތިން،" ވަރަށް ގާތަށް ޖެހިލަމުން ނީޒާ ބުންޏެވެ. "އަޒާން ވެސް ގެންދަންވާނެ. އެކަމަކު ނަޒްދާ ގެންގޮސްގެން ނުވާނެ."
ރޭގަނޑު މުޖުތަބާ ގެއަށް އައި އިރު، އެހެންޏާ ނަހަދާ ވަރަށް އެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ. ބަނބުކެޔޮބަތާއި، ރިހާކުރުދިޔައެވެ. ފިހުނުމަހާއި، ލޮނުމިރުހާއި، ތެއްލިފިޔައެވެ. ކައްޓަލައާއި އަލަ ވެސް ހުއްޓެވެ. މުޖުތަބާ ހައިރާންވިއެވެ.
"މީ ކޮން މުނާސަބަތެއް؟" މުޖުތަބާ އިށީންނަމުން ބުންޏެވެ.
"ހަމަ ހިތަށްއެރީ،" ނަޒްދާ ޖަވާބުދިނެވެ. "އެހެންދޯ ވާންޖެހޭނީ؟ ކޮންމެ މީހަކު ވެސް އެ މީހަކު ހިތަށްއަރާ ކަމެއް ޖެހޭނެ ކޮށްލަން. ފަހުން ވާނެ ގޮތަކަށް ބަލާނެކަމެއް ނެތް."
"އުހުނ! އަހަންނަކީ ދުރާލާ ރާވައިގެން ކަންތައްކުރާ މީހެއް،" މުޖުތަބާ ތަށްޓަށް އެއްޗެހި އަޅަމުން ބުންޏެވެ. "އެހެން ބުނީމަ މި ހަނދާންވީ. ވަރަށް ބޮޑު ޗުއްޓީއެއް މި އަންނަނީ. އަށެއްކަ ދުވަސް އެބަ ލިބޭ! ބޮސް ބުނެފި މުދާކޮޅެއް ގަނެލަން ބެންކޮކަށް ދާން. ނަޒްދާ ވެސް އަޒާން ގޮވައިގެން ހިނގާ ދަމާ!"
ނުނިމޭ